ޞާލިޙްގެ ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން ދައުލަތުން އަދިވެސް ދެކޮޅު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އދ. ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ހާމަކުރަން ހައިކޯޓުން އެންގީ ގޯސްކޮށް ކަމަށާއި އެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށް ދައުލަތުން މިއަދު ސުޕްރީމްކޯޓުގައި ބުނެފިއެވެ.

އދ. ގައި ތަގުރީރުކުރައްވަން ޞާލިޙް އެމެރިކާއަށް ވަޑައިގަތީ 2022 ވަނަ އަހަރެވެ.

އެ ދަތުރުފުޅުގެ ތަފުސީލުތައް ހިމެނޭ ރަސީދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، މިދިޔަ ސަރުކާރުގައި ދައުލަތުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ހޯދަން އެދުނު މައުލޫމާތު ރަސީދުތަކާނުލައި ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަކު، އެ ނުކުތާއަށް ހައިކޯޓުގެ ހުކުމުގައި ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

މައުލޫމާތު ހާމަކުރާއިރު ރަސީދުތައް ކޮންމެހެން ހާމަކުރަން ނުޖެހޭނެ ކަމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފައެވެ. އެހެންވެ، ހައިކޯޓުގެ ހުކުމް ބާތިލުކުރަން ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން --

"އެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ދޫކޮށްފައޭ. އެހެންވީމާ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް ބަލާއިރު މި ފަދައިން މައުލޫމާތު ހޯދަން އެދި ހުށަހެޅި ފަރާތުން ބޭނުންވާ މައުލޫމާތު އެ ފަރާތަށް ދެވިފައިވާ ކަމަކަށް ރިއާޔަތްކޮށްފައެއް ނުވެއޭ،" ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން އެންގީ ސަރުކާރުން ހާމަކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަންކަން ފާހަގަކުރައްވައިފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ ރަސީދުތަކުގައި ހުރި މައުލޫމާތު އެހެން ލިޔުމަކަށް ބަދަލުކުރުމަށް ފަހު ހާމަކުރުމުން އޭގެ ސައްހަކަން ކަށަވަރުވޭތޯ ސުވާލު އުފައްދަވައިފައެވެ.

ޞާލިޙްގެ އެމެރިކާ ދަތުރުފުޅުގެ ޚަރަދުތަކާއި ރަސީދުތައް ހާމަކުރަން އެދި ހުށަހެޅީ މިހާރު އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާން މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރެވެ.

އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ދައުލަތުން އަދިވެސް ބުނާތީ އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމަށް ފަހު އޭގެ ރަސީދަކީ ޒާތީ މައުލޫމާތަކަށް ނުވާނެ. ބަންޑާރަނައިބު އަހުމަދު އުޝާމް މި ސްޓޭންޑް ބަދަލުކުރައްވާނެ ކަމަށް އުންމީދުކުރަން،" އޭނާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.

comment ކޮމެންޓް