ގަރުދިޔައާއި ބަތާ ކާންޖެހުނީ ޞާލިޙް ސަރުކާރާ ހެދި: ގާސިމް

ގާސިމާއި ކުރީގެ ރައީސް ޞާލިހް: އޭނާ ވިދާޅުވީ ގަރުދިޔައާއި ބަތް ކާން ޖެހުނީ ކުރީ ސަރުކާރާ ހެދި ކަމަށް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދިވެހި ރައްޔިތުން "ގަރުދިޔައާއި ބަތް" ކާންޖެހޭ ހިސާބަށް ފޮނުވާލައި، ގައުމު އިނދަޖައްސާލީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވިއިރު މިދިޔަ ސަރުކާރުގެ ފަހު ވަގުތާ ޖެހެންދެން ވެސް ގާސިމްގެ ޖޭޕީން ތިބީ އެ ސަރުކާރާ އެކުގައެވެ. އަދި، ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް ވަނީ އެ ސަރުކާރުގެ ފަސް އަހަރު ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރައްވައިފައެވެ.

ގާސިމް މިފަދައިން ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ހުރީ ރަނގަޅަށް ކަމަށް ބުނެ، ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ނިޒާމީ މައްސަލައެއް ނަންގަވައި ގާސިމް ވިދާޅުވީ، ޣަފޫރު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

އެ ގޮތުން، މިއަދު ދައުލަތަށް މި ހާލަތު ދިމާވީ އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ ކުރީގެ ސަރުކާރުން ނެގި ލޯނުތަކާއި ކުންފުނިތަކުން "ޑަބަލްކޮށް" ކުރަމުން ދިޔަ ޚަރަދުތަކުގެ ސަބަބުން ކަމަށް ގާސިމް ވިދާޅުވިއެވެ.

މިއަދު ދިވެހި ރައްޔިތުން އިނދަ ޖައްސާލައި، މާދަމާ ނިކަމެތި ހާލަތުގައި ގަރުދިޔައާއި ބަތާ ކާން ޖެހޭ ހިސާބަށް މި ފޮނުވާލީ މިދިޔަ ސަރުކާރުން މައިގަނޑު ގޮތެއްގައި. 130 ބިލިއަން ރުފިޔާއިން ކުންފުނިތައް ދަރުވާލީ އިންތިހާ ދަރަޖައަށް، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ގާސިމް މިފަދައިން ވިދާޅުވިއިރު ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މީގެ ކުރިން ވަނީ މިއީ ދަތި ދުވަސްކޮޅެއް ކަމަށާއި އެހެންވެ، ގޭގައި 'ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަންޖެހޭ' ކަމަށް ވިދާޅުވެފައެވެ.

އެ މޭރުމުން ވާހަކަދައްކަވާ ގާސިމް ވިދާޅުވީ، ސަރުކާރުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެމްޓީސީސީއާއި އެސްޓީއޯ ފަދަ ކުންފުނިތަކަށް ބަލައިފި ނަމަ، ސަލާމަތް ނުވާ ވަރަށް މިދިޔަ ސަރުކާރުން ދަރުވާލާފައިވާ ކަމަށެވެ.

ދިވެހީން ގަބޫލުކުރިއަސް، ނުކުރިޔަސް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެހެން ނޫނީ މިއަށް ވުރެ މާ ނިކަމެތި ދަރަޖައަކަށް ވެއްޓޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެ ގޮތުން، މި ގައުމު ސަލާމަތްކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އިޚުލާސްތެރިކަމާ އެކު އަޅަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި ގާސިމް އިބްރާހީމް ސަން އައިލެންޑްގައި: ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރަން -- ފޮޓޯ/ ޖޭޕީ

މިދިޔަ އެމްޑީޕީގެ ސަރުކާރު 2018 ވަނަ އަހަރު ގެނައި ޖޭޕީގެ ވަރަށް ބޮޑު ހިއްސާއަކާ އެކުއެވެ. އެ ފަހަރު އޭރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އެ މަގާމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. އަދި، ސަރުކާރުގެ ގިނަ މަގާމުތަކުގައި ވެސް ފަހު ވަގުތާ ޖެހެންދެން ވެސް ޖޭޕީގެ މެންބަރުން ތިއްބެވިއެވެ.

ރިޔާސީ އިންތިޚާބާ ޖެހުނުއިރު ވެސް ގާސިމާއި ޖޭޕީން އޭރުގެ ސަރުކާރު ހިންގާ ކޯލިޝަނުން ވަކި ނުވެ އެކުގައި ދެމިތިއްބެވެ. އެކަމަކު، ޖޭޕީން ނިންމީ ވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރާށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ދަށް ނަތީޖާއެއް ލިބުމުން ގާސިމާއި ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާށެވެ.

comment ކޮމެންޓް