ޞާލިޙްގެ ދަތުރުފުޅުގެ މައްސަލަ: ދައުލަތުގެ ވިސްނުން ބަދަލުކޮށް، މައުލޫމާތު ހާމަކުރަން ލަފާދީފި

ކުރީގެ ރައީސް ޞާލިޙް: ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުންވަނީ ބަލައިގެންފަ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އދ. ގައި ތަގުރީރުކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ރައީސް އޮފީހުން ހާމަނުކުރި މައްސަލައިގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ އަނބުރާ ގެންނަން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން އަލުން ދިރާސާކުރުމަށް ފަހު މައްސަލަ އަނބުރާ ގެނައުމަށް ނިންމައިފައިވާ ކަމަށެވެ.

އެހެންވެ، އެ ނިންމުމާ އެއްގޮތަށް މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ހައިކޯޓުން ނިންމައިފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހަށް ލަފާ ދީފައިވާ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އދ.ގައި ތަގުރީރުކުރައްވަން ޞާލިޙް އެމެރިކާއަށް ވަޑައިގަތީ ސެޕްޓެމްބަރު 2021ގައެވެ.

އެ ދަތުރުފުޅުގެ ޚަރަދުތަކާއި ރަސީދުތައް ހާމަކުރަން އެދި ހުށަހެޅީ މިހާރު އައްޑޫ ހިތަދޫ މެދު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާން މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރު، ސެޕްޓެމްބަރު 27، 2021ގައެވެ. އެކަމާ ގުޅިގެން އެ އޮފީހުން މައުލޫމާތު ފޯރުކޮށްދިނުމުން، އެ މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނެ އަނެއްކާވެސް އޭނާ ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅުއްވިއެވެ.

އެ ސިޓީއަށް ދިން ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ، އެމަނިކުފާނުގެ ދަތުރުފުޅުގައި ސަރުކާރުން ކުރި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގައި ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށެވެ. އެ ސަބަބާ ހެދިއާއި ސަލާމަތީ އިތުރު ސަބަބުތަކާ ހެދި އެ ރަސީދުތައް ސިއްރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެއަށް ފަހު އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އަންގާފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި އުނިކުރަންޖެހޭ މައުލޫމާތާއި ޒާތީ މައުލޫމާތު އުނިކުރުމަށް ފަހު ބާކީ މައުލޫމާތު ހާމަކުރުމަށެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން މިދިޔަ މެއި މަހުގެ 25ގައި އެ ކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަންގެ ނިންމުމަށް ތާއިދުކުރާށެވެ.

އެއަށް ފަހު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، ނިމިދިޔަ ސަރުކާރުގެ ދައުރުގައެވެ.

އެ މައްސަލައިގައި އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ޞާލިޙްގެ ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރަސީދުތައް ހާމަކުރަން ހައިކޯޓުން އެންގީ ގޯސްކޮށް ކަމަށާއި އެ ރަސީދުތައް ހާމަކުރަން ނުޖެހޭނެ ކަމަށެވެ. އަދި ހައިކޯޓުގެ ނިންމުން ބާތިލުކުރަން ވެސް ދައުލަތުން އެދުނެވެ.

https://sun.mv/194595

އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ދައުލަތުން އަދިވެސް ބުނާތީ އަޒާން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމަށް ފަހު އޭގެ ރަސީދަކީ ޒާތީ މައުލޫމާތަކަށް ނުވާނެ ކަމަށާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިސްނުން ބަދަލުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް