ސުއޫދުގެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު --- ސަން ފައިލް ފޮޓޯ

ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން، އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާ ގުޅިގެން، ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއުދާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އެ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސުއޫދު ވިދާޅުވީ، މިދިޔަ އަހަރުގެ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ސޮއިކޮށް އަމުރެއް ނެރުމަށްފަހު އެމަހުގެ ފަސް ވަނަ ދުވަހު ހަމަ އެ އަމުރު ދިމާ އިދިކޮޅަށް ބަދަލުކޮށް އެ ފާރާތްތަކުގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް ބުނެފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް. ސުޕްރީމް ކޯޓުފެ ފަނޑިޔާރުން ހަމަ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ސުއޫދު ވިދާޅުވި އެވެ.

comment ކޮމެންޓް