ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ރާއްޖޭގެ އެންމެ ދުވަސްވީ ސްކޫލް މަޖީދިއްޔާ ސްކޫލަށް 65 އަހަރު ފުރުމާ ގުޅިގެން އެ ސްކޫލުގެ ގޯތި ތެރޭގައި ވަޅުލި ޓައިމް ކެޕްސޫލް ނަގަން ހަމަޖެހިފައި އޮތީ 2027 ވަނަ އަހަރު އެ ސްކޫލަށް 100 އަހަރު ފުރޭ ދުވަހު އެވެ. އެހެންނަމަވެސް، އެ ކެޕްސޫލުވީ ތަނެއް ކަމާ ބެހޭ އެއްވެސް ފަރާތަކަށް ނޭނގި، ކެޕްސޫލް "ގެއްލުމުން" ސްކޫލުގެ ދަރިވަރުންތަކެއް އިސްނެގީ ކެޕްސޫލު ހޯދުމުގެ މަސައްކަތް ފަށާށެވެ. ސަބަބަކަށްވީ މަޖީދީއްޔާ އެތައް ރަން ހަނދާންތަކެއް ކެޕްސޫލް ތެރޭ ފޮރުވައި ފަސްއަޅާފައި ވާތީ އެވެ.
ކެޕްސޫލު އަދިވެސް ނުފެނޭ!
ކުރީގެ ދަރިވަރުންތަކެއް އިސްނަގައިގެން އިއްޔެ ވަނީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްއާ އެކު ކެޕްސޫލް ވަޅުލި ކަމަށް ބުނާ ސަރަހައްދު އެކްސްކެވޭޓަރެއް އެހީގައި ކޮނުނީ އެވެ.
ސްކޫލުގެ އޭރުގެ ދަރިވަރުންނާއި މެނޭޖްމަންޓުން ހަނދާންތައް ރައްކާކުރި ޓައިމް ކެޕްސޫލަކީ ފެން އަޅާ ޒާތުގެ ބޮޑު ހަމެކެވެ. އެ ޓައިމް ކެޕްސޫލު ވަޅުލީ މިހާރުގެ ދަރުމަވަންތަ ސްކޫލުގެ ގޯތިތެރޭގަ އެވެ. ދަރުމަވަންތަ ސްކޫލަކީ ކުރީގެ މަޖީދިއްޔާ ސްކޫލު ދެ ބަޔަކަށް ބަހާލައިގެން މާފަހުން އުފެއްދި ސްކޫލެކެވެ.

މީގެ 20 އަހަރު ކުރިން މަޖީދިއްޔާ ގޯތި ތެރޭގައި ވަޅުލި ހަން: އިއްޔެ އެ ގޯތި ކޮނުނުއިރު އެ ހަން ނުފެނޭ --
ކެޕްސޫލް ހޯދުމުގެ މަސައްކަތުގައި އުޅޭ މަޖީދިއްޔާގެ ކުރީގެ ދަރިވަރެއް ކަމަށްވާ ހުސެއިން ބުނީ އެ ކެޕްސޫލް ވަޅުލި ސަރަހައްދުގެ ބޮޑު ބައެއް ކޮނުނު އިރުވެސް އެ ހަން ނުފެނުނު ކަމަށެވެ. އެ ހަން މިހާރު ސްކޫލުގެ ގޯތި ތެރޭގައި ނެތްކަން ކަށަވަރުވެފައިވާކަމަށް އޭނާ ބުންޏެވެ.
"އޭތި ވަޅުލި ތަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަޅުގަނޑުމެން ތިބެގެން ވަޅުލި އެއްޗެއް އެއީ. އަޅުގަނޑުމެންނަށް ވަރަށް ފަރިތަކޮށް އެނގޭ އެތަނުގެ ލޮކޭޝަން. އެތަން ބެލި އިރު އެތާކު ނެތް. ޔަގީނުންވެސް އެ ބޮޑު ހަމެއް ނެތް އެތާކު،" ހުސެއިން ބުންޏެވެ.

މަޖީދިއްޔާ ސުކޫލުގެ މުސްކުޅި ދަރިވަރުންނާއި ސުކޫލުގެ އިސްވެރިން މަޖީދިއްޔާގެ ޓައިމް ކެޕްސޫލު ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރެއިން --
ފެނުނީ އެތި އެތިކޮޅު، މާޒީގެ ތެރެއަށް!
އިއްޔެ ކެޕްސޫލު ހޯދަން ކުރި މަސައްކަތް މުޅިންހެން ބޭކާރެއް ނުވެއެވެ. އޭތި ވަޅުލި ކަމަށް ބުނާ ސަރަހައްދުގެ ވިއްސަކަށް މީޓަރުގެ ވަށަމިނެއްގެ ތެރެއިން ކެޕްސޫލުގެ ތެރޭގައި ހުރި ބައެއް ތަކެތި އިއްޔެ ވަނީ ފެނިފަ އެވެ.
ފެނުނު ތަކެތީގެ ތެރޭގައި މަޖީދިއްޔާގެ ޔުނީފޯމެއް ވެސް ހިމެނެ އެވެ. އެ ގަމީސްތަކުގައި ދަރިވަރުންގެ ސޮޔާއި، ދަރިވަރުންގެ ނަމާއި، އިންޑެކްސް ނަމްބަރާއ،ި ނިސްބަތްވާ ހައުސް ފަދަ މައުލޫމާތުތައްވެސް ޖަހާފައި ހުއްޓެވެ. އަދި މަޖީދިއްޔާ ސްކޫލާ ގުޅޭ މެސެޖުތައް ލިޔެފައި ހުއްޓެވެ.
ޔުނިފޯމުުތަކުގައި ލިޔެފައި ހުރި މެސެޖުތަކުގެ ތެރޭގައި "ލޯންގް ލިވް މަޖީދިއްޔާ" އަދި "ފްރޮމް އޯލްޑް ބޯއިސް އޮފް މަޖީދިއްޔާ" ހިމެނެއެވެ.

އިއްޔެ ކޮނެގެން ފެނުނު ބައެއް ތަކެތީގެ ތެރެއިން ފެނުނު ޔުނީފޯމެއް --
"މަޖީދިއްޔާ ދައްކައިދޭނެ ކޮންމެ ކަމެއްވެސް ކުރެވޭނެކަން. މަޖީދިއްޔާ އަކީ އަބަދުވެސް ގައުމުގެ މުސްތަގުބަލު،" އިއްޔެ ފެނުނު ގަމީހެއްގައި އިނގިރޭސި ބަހުން ލިޔެފައި އޮތެވެ.
ޔުނިފޯމްތަކުގެ އިތުރުން، ސްކައުޓު ސްކާފްތަކާއި، ސޭޝްތަކެއްވެސް ފެނުނު އިރު މީހަކު އޭނާގެ ކާފަ ދަރިންނަށް ލިޔުނު ސިޓީއެއްވެސް ފެނިފައިވެ އެވެ. އެ ސިޓީ ލިޔުނު މީހާ ވަނީ ކުރިން މާލޭގެ ހިތްފަސޭހަކަން ސިފަކޮށް، އެ ހިތްފަސޭހަކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްނުދެވުނީތީ މައާފަށް އެދިފަ އެވެ.
"ކާފަމެންގެ ދަހިވެތިކަމުން މި ރީތި ވެށި ދަރިފުޅުމެންގެ ބައްޕަމެންނަށްވެސް ފޯރުކޮށްނުދެވުނެވެ. އަދި ދަރިފުޅުމެން މިއަދު ތި އުޅޭ ހާލާ މެދު ދެރަވެ ހިތާމަ ކުރަމެވެ. މައާފު ކުރާށެވެ." އެ ސިޓީގައި ލިޔެފައިވެއެވެ.

އިއްޔެ ދަރުމަވަންތަ ސުކޫލް ގޯތިތެރެ ކޮނެގެން ފެނުނު ސިޓީ އެެއް --
ކުރީގެ ދަރިވަރަކަށް ލިބުނު ކުޑަ ކުޑަ ޓްރޮފީއެއްވެސް ކޮނުނު ސަރަހައްދުން ފެނުނެވެ. ކުރީގެ ދަރިވަރަކު ބުނި ގޮތުގައި އެ ޓްރޮފީއަކީ ނަވާރަސަތޭކަ ބައްތިރީހުގައި ބޭއްވި މުބާރާތެއްގައި މީހަކަށް ދީފައިވާ ޓްރޮފީއެކެވެ. އެ ޓްރޮފީގައި ތާރީހާއި އެ ޓްރޮފީ ލިބުނު ފަރާތުގެ ނަންވެސް އޮތީ ޖަހައިފަ އެވެ.
ފެނުނު ތަކެތީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވި އެކައްޗަކީ ޒީރޯ ޑިގްރީގެ ލަވަ އަލްބަމް "ދޯނި"ގެ ކެސެޓެކެވެ. ދޯނި އަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް މަގުބޫލުވި ލަވަ އަލްބަމެކެވެ. އަދިވެސް އެ އަލްބަމުގެ ލަވަތައް ދިވެހިންގެ މެދުގައި މަގުބޫލެވެ. ބައެއް މީހުން ބުނާ ގޮތުގައި އިއްޔެ ފެނުނު ކެސެޓަކީ އެ އަލްބަމްގެ އެންމެ ފުރަތަމަ ނެރުނު ޓޭޕުތަކުން ޓޭޕެކެވެ.
ކޮންނަމުން ދިޔަ ވަރަކަށް އިތުރު ތަކެތި ފެންނަމުން ދާއިރު، މަޖީދިއްޔާގެ އަދަބީ ޖަމްއިއްޔާ ކަމަށްވާ އެކުވެރިންގެ ގުޅުމުން ނެރުނު މަޖައްލާއެއްގެ ކޮޕީއަކާއި ކުރީގެ މަޖީދިއްޔާގެ ބޭންޑްގެ ފޮޓޯތަކެއް ވެސް ފެނިފައިވެ އެވެ.
އެ ތަކެތި ފެނުނު އިރު ވެއްޔާއި ފެނުގެ ސަބަބުން ހުރީ ގެއްލުންވެ، ދުވަސްގޮސްފަ އެވެ. ފެންނަ ތަކެތި ހުރި ހާލުން އެންމެން ވެސް ބަލަނީ ކެޕްސޫލްގެ ހިމާޔަތެއް ނެތި ބިމުއަޑީގައި އެ ތަކެތި ވަޅުލެވިފައިވާތާ ދެތިން މަހެއްހާ ދުވަސްވާނެ ކަމަށެވެ. މުސްކުޅި ދަރިވަރުން ސިފަކުރާ ގޮތުގައި މިއީ މަޖީދިއްޔާގެ އެތައް ރަން ހަނދާންތަކެއް ވެއްޔާ މޮޑެވިގެން ދިޔުމެވެ.
ކެޕްސޫލަށް ވީ ކިހިނެއް؟!
ބައެއް މީހުން ބުނާ ގޮތުގައި ދަރުމަންތަ ސްކޫލް އަލުން އިމާރާތްކުރަންވެގެން ބިން ސާފުކުރުމުގެ ތެރޭގައި އެ ކެޕްސޫލު ވަނީ ހަލާކުވެފަ އެވެ. ނަމަވެސް، އެތަނުގައި މަސައްކަތް ކުރާ ފަރާތުން އެ ކެޕްސޫލަށާއި އޭގެ ތެރޭގައި ހުރި އެހެން ތަކެއްޗަށް ހެދި ގޮތެއް އަދި އެނގިފައެއް ނުވެ އެވެ.
"އެތަނުގައި ތިބި ބައެއް ބަންގަލަދޭޝްގެ މީހުން އަޅުގަނޑުމެންގެ ގާތުގައި އެ ސްޓޯރީ ހިއްސާ ކުރި. ތިމަންނަމެންގެ ވެހިކަލެއް އަރާ އުޅެނިކޮށް އެތަނަށް ގަނބައިގަތީއޭ. އެ ހިސާބުން ވީގޮތެއް ކިޔައެއް ނުދެވޭ އެމީހުންނަކަށް،" ހަސަން ބުންޏެވެ.

މަޖީދިއްޔާ ސުކޫލް ގޯތިތެރެ ކޮނެގެން ފެނުނު ބައެއް ތަކެތި އަތުރާލާފައި --
ކެޕްސޫލަށް ވީގޮތެއް ނޭނގުނު ނަމަވެސް، މަޖީދިއްޔާގެ ބައެއް މުސްކުޅި ދަރިވަރުން އަދިވެސް ތިބީ ކެޕްސޫލް ފެންނާނެ ކަމުގެ އުންމީދުގަ އެވެ. ކެޕްސޫލުގެ މައްޗަށް ވެހިކަލެއް އަރައި ހަލާކުވުމުން ބާކީ ހުރި ބައިތައް ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދިޔަ ކަމަށް އަޑުއިވިފައިވާތީ ދަރިވަރުންތަކެއް މިހާރު ނިންމާފައި ވަނީ އެ ބައިތައް ހޯދަން ތިލަފުއްޓަށް ދާށެވެ.
"އަޅުގަނޑުމެން މި ޑިސައިޑް ކުރީ ތިލަފުއްޓަށް ދާން. އެތަނުން ނެގި ސާމާނު، އެމީހުން އެ ބުނަނީ ވެއްޔާ ގަލާ ތިލަފުއްޓަށް ގެންދާނެއޭ،" ކެޕްސޫލް ހޯދުމުގައި އިސްކޮށް އުޅޭ ހަސަން ބުންޏެވެ.

މަޖީދިއްޔާ ސުކޫލު ގޯތިތެރެއިން ކޮނުނު އިރު ފެނުނު ޒީރޯ ޑިގްރީ ޓޭޕެއް --
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުން ތިބީ ކެޕްސޫލް ހަލާކުވެ އޭގެ ގިނަ ހަނދާންތައް ވެލީގެ ތެރޭގައި ފަސްއެޅި ފޮރުވި ދިޔައަސް އުންމީދު ނަގާލާ ގޮތަކަށް ނޫނެވެ. އެ ކެޕްސޫލްގައި ހުރި ހުރިހާ އެއްޗެއް ރިކަވާ ކުރެވޭނެ ކަމުގެ އުންމީދު އެ މީހުން އަދިވެސް އާކުރެ އެވެ.