ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި މާދަމާ ރޭ ސްޕެއިންގެ ބާސެލޯނާއާ ބައްދަލު ކުރާ މެޗަށް ޓީމު އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.
ޔުނައިޓެޑާއި ބާސާގެ ފުރަތަމަ ކުރިމަތިލުން މިދިޔަ ހަފްތާ ކުޅެފައިވާ އިރު އެ މެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ބާސެލޯނާއެވެ. ރަށުން ބޭރުގައި ކުޅެ މޮޅުވުމުން ސެމީއަށް ދިއުމުގެ ފުރުސަތު ބާސެލޯނާއަށް ބޮޑު ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަކީ އެނބުރި އައުމަކުން އައިސް ކުރި ހޯދިދާނެ ފެންވަރުގެ ޓީމެއް ކަން އެ ޓީމުން ވަނީ ސާބިތުކޮށްދީފައެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމަށް އިނގިރޭސި ލީގުގެ ގަދަ ހަތަރަކަށް "ތަޅާ ފޮޅަމުން" އަންނަ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން ވެސްޓްހަމް އަތުން 1-2ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. ނަމަވެސް އެ މެޗުގައި ޓީމު ދެއްކި ކުޅުމާ ދޭތެރޭ ޓީމުގެ ކޯޗު ވަނީ ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ.
ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅެތި ފަސްވަރަކަށް ކުޅުންތެރިންގެ ތެރޭގައި ނަން ވިދަމުން އަންނަ ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒް މި ސީޒަނުގައި ކުޅެމުން އަންނަނީ ތަފާތު ފޯމެއްގައެވެ. ބާސާގެ އަމިއްލަ ދަނޑުގައި އެ ކުޅުންތެރިން ހިފެހެއްޓުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ. ކަން މިހެން އޮތް އިރު އެންމެ ބޮޑު ޕްރެޝަރެއް އޮންނާނެ އެކަކީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާއެވެ.
ފުރަތަމަ ލެގުގައި ވެސް ބާސެލޯނާއިން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައިވާ ޑެހެއާ ވަނީ ބާސެލޯނާގެ މެޗަށް ޓީމު ކުރިއަށް ވުރެން މާ ބޮޑަށް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެފައެވެ.
"ޔަގީނުންވެސް ބާސެލޯނާގެ ދަނޑުގައި އެމީހުން ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އަހަރަމެން ވެސް ވަކި ދުލެއް ނުދޭނަން. މި ލެވެލްގައި އޮތުމަށް މިފަދަ ބޮޑެތި މެޗުތަކާ ކުރިމަތި ލާން ޖެހޭ،" ޑޭވިޑް ޑެހެއާގެ އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން ވެސްޓްހާމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ކަމަށާއި ކުރިއަށް އޮތް މެޗަށް އެކަން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"މެޗުން މޮޅުވާން ހުރިހާ ކުޅުންތެރިންވެސް ވަރަށް މަސައްކަތް ކުރާނަން. އެ މެޗަކީ ތާރީޙީ މެޗަކަށް ވެގެންދާނެ."