ކަނޑުތައް ރައްކާތެރިކުރުމަށް ގޮވާލައި، ސީޝެލްސްގެ ރައީސް ކަނޑުއަޑިން ތަގުރީރުކުރައްވައިފި

ސީޝެލްސްގެ ރައީސް ކަނޑުއަޑީގައި އޮތް އުޅަނދަކުން ތަގުރީރު ކުރައްވަނީ -- ފޮޓޯ: އޭޕީ

ވިކްޓޯރިއާ (އޭޕްރިލް 15): ދުނިޔޭގެ ކަނޑުތައް ރައްކާތެރި ކުރުމަށް ގޮވާލައްވައި، ސީޝެލްސްގެ ރައީސް ޑެނީ ފޯ ކަނޑުއަޑީގައި އޮތް އުޅަނދަކުން ތަގުރީރުކުރައްވައިފި އެވެ. އެއީ ކަނޑުއަޑީގައި އޮތް އުޅަނދަކުން ރައީސަކު ލައިވްކޮށް ދެއްވި ފުރަތަމަ ތަގުރީރެވެ.

ރައީސް ޑެނީ ފޯ އެތަގުރީރު ދެއްވީ އިންޑިއާ ކަނޑުގެ އަޑި ހޯދާ ދިރާސާކުރުމަށް އިނގިރޭސިވިލާތުން ފަށާފައިވާ އެކްސްޕެޑިޝަނެއްގައި ބައިވެރިވެވަޑައިގަތުމަށްފަހުގަ އެވެ. އަދި އެތަގުރީރު ލައިވް ކުރީ ސީޝެލްސް ކައިރީ، ކަނޑުގެ 120 މީޓަރު އަޑީގައި އޮތް ސަބްމާސިބަލްއަކުންނެވެ.

"ދުނިޔޭގެ ތިންބައިކުޅަ ދެބަޔަކީ ކަނޑުތައް. ނަމަވެސް ކަނޑުގެ ބޮޑުބައެއް އަދި ވެސް ޗާޓުކުރެވިފައި ނުވޭ. އަޅުގަނޑުމެންގެ އަތުގައި ހުރި މާސްގެ މެޕްތައް ވެސް ކަނޑުއަޑީގެ މެޕްތަކަށް ވުރެ ރަނގަޅު. މިއީ އަޅުގަނޑުމެންނަށް ވުރެ ބޮޑު މައްސަލައެއް އަދި އަންނަން އޮތް ޖީލުން މިމައްސަލަ ހައްލު ކުރަންދެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ،" ފޯ ވިދާޅުވި އެވެ.

ސީޝެލްސްގެ ރައީސް ސަބްމާސިބުލް ތެރޭގައި -- ފޮޓޯ: އޭޕީ

މީގެ އިތުރުން ފޯގެ ތަގުރީރުގައި އޭނާ ވަނީ އިންސާނުންގެ ދިރުމަށް ޓަކައި ކަނޑުތައް ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ކަނޑަކީ "ދުނިޔޭގެ ހިތް" ކަމަށާއި މިހާރު ކަނޑުތައް އޮތީ ނުރައްކާތެރި ހާލަތެއްގައިކަން ފާހަގަ ކުރައްވައިފަ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް އޭގެ އަސަރު ކުރޭ. އަޅުގަނޑަށް އެބަ ފެނޭ ރައްކާތެރިކަން ބޭނުންވާ ކަނޑުގެ ދިރުންތައް. މިމައްސަލަތައް އުފެއްދީ އަޅުގަނޑުމެން އަދި އަޅުގަނޑުމެން ގުޅިގެން މިމައްސަލަތައް ހައްލު ކުރަން ޖެހޭ،" ފޯ ވިދާޅުވި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ މެރިން ސައިންޓިސްޓުން ބައިވެރިވާ އެއެކްސްޕެޑިޝަންގައި ވަނީ ކަނޑުއަޑީގެ ދިރުންތައް ދިރާސާކޮށް، ކަނޑުގެ އަޑި ޗާޓުކޮށްފަ އެވެ. އަދި އެމަސައްކަތުން ލިބޭ މައުލޫމާތު ބޭނުން ކުރާނީ އަންނަ އަހަރާ ހަމަޔަށް ސީޝެލްސްގެ ކަނޑުގެ 30 ޕަސެންޓު ހިމާޔަތް ކުރުމަށް ތާއިދު ހޯދުމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސީޝެލްސް އިން ވަނީ އެމެރިކާގެ ނޭޗާ ކޮންޒަވެންސީ ގުރޫޕާއެކު ހެދި އެއްބަސްވުމެއްގެ ދަށުން، ސީޝެލްސްގެ 210،000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން އެއްބަސްވެފަ އެވެ. އޭގެ ސަބަބުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ފަތުރުވެރިކަމާއި މަސްވެރިކަން ވަނީ މަދުކޮށްފަ އެވެ.

ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން ހިމާޔަތްކޮށްފައި އޮންނަނީ އެންމެ ފަސް ޕަސެންޓުގެ ސަރަހައްދެކެވެ. އަދި ދުނިޔޭގެ ގައުމުތަކުން ވަނީ އަންނަ އަހަރު އަންނަންވާއިރަށް ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު 10 ޕަސެންޓަށް އިތުރު ކުރަން އެއްބަސްވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް