އިންޑިއާ ކަނޑުގެ ސަލާމަތް ރާއްޖެއާ ސީޝެލްސްއަށް މުހިންމު: ރައީސް

12 ޖޫން 2023: ރައީސް އޮފީހުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ވެރިން މީޑިއާތަކަށް ދެއްވާ ބަޔާން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތަކީ ރާއްޖެއާއި ސީޝެލްސްއަށް ވެސް މުހިންމު ކަމެއް ކަމަށާއި އެ ކަން ކަށަވަރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންއާ ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވިދާޅުވީ މޫސުމީ ބަދަލުތަކާއި އޭގެ ނޭދެވޭ އަސަރުތައް ވެސް ގުޅިފައިވަނީ ކަނޑުތަކާ ކަމަށެެވެ. އެ ކަމުގެ ނޭދެވޭ އަސަރުތަކަކީ ދެ ގައުމަށް ވެސް ކުރިމަތިވާ ކަންކަން ކަމަށްވާއިރު އެ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތުގައި ދެ ގައުމަށް، ދެ ގައުމުގެ އެއްބާރުލުން ލިބުން މުހިންމު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އެ މަނިކުފާނާއި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަނާ އެކު ބޭއްވުނު ރަސްމީ ބައްދަލުވުންތަކުގައި މުހިންމު ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

https://sun.mv/178587

އެއާ އެކު އެ މަނިކުފާނުވަނީ ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ ކުށްތަކާއި އޭގެ ސަބަބުން ދެ ގައުމަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ގުޅިގެން މަސައްކަތް ކުރުމާ މެދު ވެވުނު އެއްބަސްވުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

12 ޖޫން 2023: ރައީސް އޮފީހުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންއާ ރައީސް ޞާލިހު ހާޒިރުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުން -- ފޮޓޯ/ ރައީސް އޮފީސް

އަދި, ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް ސޮއިކުރެވުނު އެއްބަސްވުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި އިގްތިޞާދީ މުއާމަލާތްތައް އިތުރުވާނެ ކަމެއްކަމަށެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނާއި ސީޝެލްސްގެ ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ފުޅާވެ ދެ ގައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތައް އިތުރުކުރުމަށް ފަހިވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާ ސީޝެލްސްއަކީ ދުރު ދެ ގައުމު ކަމުގައިވީ ނަމަވެސް ދެ ގައުމުގެ ދެމެދުގައި ހުރި ތަފާތުތަކަށްވުރެ ގިނައީ އެއްގޮތް ކަންތައްތައްކަމަށެވެ.

އެގޮތުން ދެ ގައުމަކީ ވެސް ޖަޒީރާ ދެ ގައުމަށްވާއިރު ދިރިއުޅުމުގެ އާދަތަކާއި ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ވެސް އެއްގޮތް ކަންތައްތަކެއް ހުންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ޓަކައި ސީޝެލްސްއިން ދޭ އަހަންމިއްޔަތުކަން ހާމަވާ ދަތުރުފުޅެެއްކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިޞާދުތަކަށް ކަނޑުގެ ރޯދިން ބޮޑެތި މަންފާތަކެއް ލިބޭއިރު އަޅުގަނޑުމެންގެ ސުލްހައާއި ސަލާމަތްތެރިކަން ގުޅިފައިވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ،" ރައީސް ވިދާޅުވިއެވެ.

12 ޖޫން 2023: ރައީސް އޮފީހުގައި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންއާ ބައްދަލުކުރެއްވުމަށްފަހު ދެ ގައުމުގެ ވެރިން މީޑިއާތަކަށް ދެއްވާ ބަޔާން -- ފޮޓޯ/ ރައީސް އޮފީސް

ދެ ގައުމުގެ ވެރިން ދެއްވި ބަޔާނުގައި ރައީސަށް ފަހު ވާހަކަދައްކަވަމުން ސީޝެލްސްގެ ރައީސް ރާމްކަލާވަން ވިދާޅުވީ އެ ގައުމުން ބޭނުންވަނީ މިހާރަށްވުރެ ބޮޑަށް ސީޝެލްސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުންތައް ވަރުގަދަކުރުމަށް ކަމަށެވެ.

އެގޮތުން ވިސާއާ ނުލާ ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުކުރެވޭ މަގުފަހިވުމަކީ ދެ ގައުމުގެ ދަތުރުވެރިންނަށް ވެސް ލިބޭ ފަސޭހައެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ދެ ގައުމުގެ ޒުވާނުންނަށް ދެ ގައުމުގެ ޒުވާނުން ވެސް އެނގި ދެކެ ފަރިތަވާން. އަޅުގަނޑު ބޭނުންވަނީ ދެ ގައުމުގެ ޒުވާނުން ވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި ކުޅިވަރު ދުނިޔޭގައި ވެސް ވާދަކުރަން، އަދި ގުޅުން ބަދަހިވާން. މިއީ ޒުވާނުން ތަރައްގީކުރުމާ ގުޅޭ އެއްބަސްވުމުގެ ބޭނުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް