ރާއްޖެ ދަތުރު ވަރަށް ކާމިޔާބު: ސީޝެލްސްގެ ރައީސް

ސީޝެލްސްގެ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުވަތަކަށެވެ. ރައީސް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް ޞާލިޙާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސީޝެލްސްގެ ރައީސް އޮފީހާ ހަވާލާދީ އެ ގައުމުގެ މީޑިއާ އަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސީޝެލްސްގެ ރައީސް ވަނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.

ރާމްކަލާވަން ވިދާޅުވީ ރާއްޖެ އާއި ސީޝެލްސްގެ ގުޅުން މިހާރު ފުޅާވެ، ބައިނަލްއަޤުވާމީ މަސްރަހުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭނެ އެކި ދާއިރާތައް ފާހަގަކޮށްފައިވާ ކަމަށެވެ.

ސީޝެލްސްގެ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން، މޫސުމަށް އަންނަ ބަދަލާއި އިގްތިސޯދާއި ޓޫރިޒަމްގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީވުމަށް ގާއިމްކުރަން މަސައްކަތް ކުރާ މަލްޓިޑައިމެންޝަނަލް ވަލްނެރަބިލިޓީ އިންޑެކްސް އާއި މޫސުމީ ބަދަލާ ގުޅިގެން ގައުމުތަކަށް އެހީ ފޯރުކޮށްދޭ ލޮސް އެންޑް ޑެމޭޖު ފަންޑު ހިމެނޭކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރާމްކަލާވަންގެ ދަތުރުފުޅުގައި ރާއްޖެ އާއި ސީޝެލްސްއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އޭގެތެރޭގައި ކުރު މުއްދަތުގެ ވިސާ ލުއިކުރުމުގެ އެއްބަސްވުމަކާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ކުށްކުރުން މަދުކުރުމާއި ކަނޑު މަގުން ހިންގާ ކުށްތައް މަދުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ ޕްރޮޓޮކޯލް އެއްބަސްވުން އަދި ޒުވާނުން ބާރުވެރިކޮށް، ޒުވާނުން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވެފައިވެއެވެ.

ސީޝެލްސްގެ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރާމްކަލާވަން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި، ރައީސް ޞާލިޙާ އެކު ދެ ގައުމުގެ ގުޅިފައިވާ ބަޔާނެއް ވެސް ވަނީ އިއްވާފައެވެ.

މީގެ އިތުރުން، ބައެއް މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި މަޝްރޫއުތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައި ވެއެވެ. ރާއްޖެއާއި ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ ޖުލައި 1، 1980 ގައެވެ.

comment ކޮމެންޓް