އައްޑޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާދެނީ

އައްޑޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުގައި ގެއްލުން ލިބުނު ސައިކަލް ވަލުތެރޭގައި --- ޓްވިޓާ ފޮޓޯ/ ކޯޗް ޝުޖާ

އައްޑޫ ސިޓީ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު ހަންކެނޑެ ބްރިޖު ކައިރިން މަގުގެ އެއްފަޅިން އަނެއް ފަޅިއަށް ސައިކަލެއް ހުރަސްކޮށްލިވަގުތު ގަމުން ހިތަދުއަށް ދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ.

ސައިކަލްގައި ޖެހުމުން ކޮންޓްރޯލްނުވެ ކާރު ދިޔައީ އެ ސަރަހައްދުގެ ވަލުތެރެއަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސައިކަލްގައި އިން އަންހެން މީހާއަށް އަނިޔާ ލިބުނަސް، ކާރުގައި އިން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

"އެ ހާދިސާގައި ކާރަށާއި ސައިކަލަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ސައިކަލް ދުއްވި އަންހެން މީހާއަށް ބޮޑު އަނިޔާއެއް ނުލިބުނީ ކާރު ދުއްވަންއިން މީހާ ކޮންޓްރޯލްކުރަން ކުރި މަސައްކަތުންނެވެ.

comment ކޮމެންޓް