ސޫދާން މަދަނީ ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުކުރާނަން: މޭޖާ ޖެނެރަލް ބުރްހާން

މޭޖާ ޖެނެރަލް އަބްދުލްފައްތާޙް ބުރްހާން

ޚުރްތޫމް (އެޕްރީލް 14) : މަދަނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ސޫދާނުގައި ގާއިމް ކުރުމަށް ރައްޔިތުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެއްވާނެ ކަމަށް އެގައުމުގައި ވަގުތީގޮތުން ވެރިކަންކުރާ އަސްކަރީ އިންތިގާލީ މަޖިލީހުގެ އައުރައީސް މޭޖާ ޖެނެރަލް އަބްދުލްފައްތާޙް އަލްބުރްހާން ވިދާޅުވެއްޖެ އެވެ.

އަސްކަރީ މަޖިލީހުގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ޚިތާބުގައި މޭޖާ ޖެނެރަލް ބުރްހާން ވިދާޅުވީ ރައްޔިތުން އެދޭ ފަދަ މަދަނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ސޫދާނުގައި ގާއިމް ކުރުމަށް އިންތިގާލީ މަރްހަލާއެއް ބޭނުންވާ ކަމަށާ އެއީ ދަސްތޫރަށާއި ގާނޫނުތަކަށް ބަދަލުތައް ގެނައުމަށާއި ޑިމޮކްރެޓިކް ވެއްޓަކަށް ގައުމު ތައްޔާރުކޮށް ޕާޓީތައް ބާރުވެރި ކުރުމަށްޓަކައެވެ. މިކަންކަމަށް ބޭނުންޥާ އިންތިގާލީ މުއްދަތު ދެއަހަރަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް މޭޖާ ޖެނެރަލް ބުރްހާން ވިދާޅުވި އެވެ.

ސޫދާނުގެ ރައީސް އުމަރުލްބަޝީރުގެ އިސްތިއުފާ އަށް ގޮވާލައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރަމުން ގެންދާ މުޒާހަރާތަކަށް އިޖާބަ ދިނުމުގެ ގޮތުން އެގައުމުގެ ސިފައިން މިދިޔަ ހަފްތާގައި ވަނީ ރައީސް ބަޝީރު މަގާމުން ދުރުކޮށް ގައުމު ހިންގުމަށް ޓަކައި އަސްކަރީ އިންތިގާލީ މަޖިލީހެއް އެކުލަވާލައިފަ އެވެ. އެ މަޖިލީހުގެ ވެރިކަމާ ފުރަތަމަ ހަވާލުވެވަޑައިގެންނެވި ބަޝީރުގެ ވެރިކަމުގައި ދިފާއީ ވަޒީރަށް ހުންނެވި އޭނާގެ އަރިސް ބޭފުޅެއްކަމަށްވާ ލެފްޓިނެންޓް ޖެނެރަލް ޢަވަޟް ބިން ޢައުފް އެވެ.

ނަމަވެސް ޢަވަޟް އަކީ ބަޝީރުގެ ނިޒާމުގެ އަނެއްފަޅި ކަމަށްބުނެ މުޒާހާރާކުރާ ފަރާތްތަކުން އޭނާގެ އިސްތިއުފާއަށް ގޮވަން ފެށުމުން މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެއްދުވަހުގެ ތެރޭގައި އަވަޟް ވަނީ މަގާމުން އިސްތިއުފާ ދެއްވައި އަސްކަރީ މަޖިލީހުގެ ރައީސްކަމަށް ސިފައިންގެ އެހެން އޮފްސަރެއް ކަމަށް މޭޖާ ޖެނެރަލް އަބްދުލްފައްތާޙް އަލްބުރްހާން އައްޔަން ކުރައްވައިފަ އެވެ.

އަސްކަރީ މަޖިލީހުގެ ރައީސް ކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި މޭޖާ ޖެނެރަލް ބުރްހާންވަނީ މަގާމުން ދުރުކުރި ރައީސް ބަޝީރާއި އޭނާގެ ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ސޫދާނުގެ ކޯޓުތަކުގައި ޝަރީއަތް ހިންގުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އޭނާ ވަނީ އަސްކަރީ މަޖިލީހުން އިއްލާން ކޮށްފައިވާ ކާފިއުވެސް އުވާލައްވައި ބަޝީރުގެ ވެރިކަމުގައި ހައްޔަރުކުރި އެކްޓިވިސްޓުން ވެސް ވަރަށް އަވަހަށް މިނިވަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އަދި އާންމުންގެ ދިރިއުޅުމަށް ދަތިވާގޮތަށާއި ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ބަޝީރުގެ ވެރިކަމުގައި އެކުލަވާލާފައިވާ ގާނޫނުތައް އުވާލުމަށް ވެސް މޭޖާ ޖެނެރަލް ބުރްހާން ވަނީ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންފަ އެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ މޭޖާ ޖެނެރަލް ބުރްހާންގެ މިނިންމުންތައް ބަލައިގަނެ އެކަމަށް މަރްހަބާ ކިޔައިފަ އެވެ. ނަމަވެސް އެމީހުން ވަނީ ސޫދާނުގައި ވަގުތީގޮތުން ވެރިކަންކުރާ އަސްކަރީ މަޖިލީހުގައި ސިޔާސީ ބޭފުޅުންނާއި މަދަނި ފަންނީ ބޭފުޅުން ވެސް ހިމެނުމަށް ބުރްހާނުގެ ކިބައިން އެދިފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް