އިރުތިޝާމް އަދި ޝާޑުގެ ދެމަފިރިކަނބަލުންނަށް ނާކާމިޔާބު

އިރުތިޝާމް އަދި ފިރިކަލުން ޝާހިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވި ދެމަފިރިކަނބަލަކަށް ނާކާމިޔާބީއާ ކުރިމަތިވަޑައިގެންފިއެވެ. އެ ދެމަފިރިކަނބަލުންނަކީ އައްޑޫގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އާއި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމެވެ.

އިންތިހާބުގައި އިރުތިޝާމްގެ ފިރިކަލުން މުހައްމަދު ޝާހިދު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވީ އޭނާ މިހާރުވެސް ތަމްސީލުކުރައްވާ ހުޅުދޫ ދާއިރާއަށެވެ. ނަމަވެސް އެ ދާއިރާއަށް ހޮވުނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި، މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ގޮނޑި ކުރިންވެސް ފުރުއްވި މެމްބަރެވެ. 18 ވަނަ މަޖިލިސް ހޮވުމަށް 2014 ވަނަ އަހަރު ބޭއްވި އިންތިހާބުގައިވެސް މި ދެ ބޭފުޅުން ވާދަކުރެއްވި އިރު އެފަހަރު އިލްޔާސްގެ މައްޗަށް ކުރި ހޯއްދެވީ ޝާޑުއެވެ.

ކުރީގެ ސަރުކާރުގައި ހެލްތު މިނިސްޓަރާއި ޔޫޓު މިނިސްޓަރުކަން ކުރެއްވި، ޝާޑުގެ އަނބިކަނބަލުން އިރުތިޝާމް އާދަމް ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް އެ ދާއިރާއަށް އިންތިހާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ.

https://sun.mv/86123

އިރުތިޝާމްއާއި ޝާޑު ކައިވެނި ބައްލަވައިގަތީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

އިންތިހާބުގައި މި ދެމަފިރިކަނބަލުންނަށް ނާކާމިޔާބުވި ނަމަވެސް، ގާނޫނީ ވަކީލު ހިސާން ހުސައިންގެ ދެކަނބަލުންނާއި އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން މަޖިލީހަށް ހޮވިވަޑައިގަތެވެ. ހިސާން ތުޅާދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި އިރު، އޭނާގެ ފިރިކަލުން އިބްރާހިމް ނާޒިލް ހޮވިވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާއަށެވެ.

https://sun.mv/117756

ދެހާސް ނުވަވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރޮޒައިނާ އާދަމް އަދި ފިރިކަލުން މުހައްމަދު ނާޝިޒް ފުރަތަމަ ފަހަރަށް ހޮވިވަޑައިގަތީ އެކުއެކީގައެވެ. އެއީ ރޮޒައިނާ ތުލުސްދޫ ދާއިރާއަށް، އަދި ނާޝިޒް އަލިފުށި ދާއިރާގައެވެ. ދެހާސް ސާދަވަނަ އަހަރު ރޮޒައިނާ އައްޑޫ މީދޫ ދާއިރާއަށް ކުރިމަތިލައްވައި ހޮވިވަޑައިގެންނެވި ނަމަވެސް އެފަހަރު ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ނާޝިޒަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ.

އެހެން ނަމަވެސް އިއްޔެ އޮތް 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އެ ދެމަފިރިކަނބަލުން އައްޑޫމީދޫ އަދި ކިނބިދޫ ދާއިރާއަށް ކުރިމަތިލައްވައި، ކާމިޔާބުކުރެއްވީއެވެ.

comment ކޮމެންޓް