ނޫސްވެރިން ސަރުކާރަށް ފާރަވެރިވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އެމްޑީޕީން މިރޭ ބެއްވި އުފާފާޅުކުރުމުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ: ނޫސްވެރިން ސަރުކާރަށް ފާރަވެރިވުމަށް ރައީސް އިލްތިމާސް

ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ނޫސްވެރިން ފާރަވެ، ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ވަނީ ބޮޑު އަގުލައްބިއްޔަތެއް ލިބިފައެވެ.

އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބުގެ އުފާފާޅުކުރުމަށް މިރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އެންމެ އިސް ފަރާތް ރައީސް ސޯލިހު ވިދާޅުވީ، މިއަދު ނޫސްވެރިންގެ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ރައްޔިތުން ހަވާލުކުރި މަސައްކަތް ކުރަނީ ރަނގަޅަށްތޯ ބެލުމުގެ ޒިންމާ އަދާކުރަންޖެހެނީ ނޫސްވެރިން ކަމަށެވެ. އަދި އެކަންކަމަށް ފާރަވެރިވެ، ގޯސްކޮށް ކަމެއް ދާނަމަ ހާމަކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ފާރަވެރިވެ، ސަރުކާރުން އެންމެ ކަމެއް ގޯސްކޮށް ކުރި ނަމަވެސް ހާމަ ކުރައްވާ. ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކު ފައިސާއަށް ޖެހިއްޖެ ކަމަށް ވާނަމަ ހާމަ ކުރައްވާ. މަޑުން ނުތިއްބަވައްޗޭ. އަޅުގަނޑު މިހުރީ ފިޔަވަޅު އަޅަން ތައްޔާރަށް،" އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބަށްފަހު ރައްޔިތުންނާ މުހާތަބު ކޮށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު ކުރިއަށް ދިޔަ ގޮތާ މެދު ވާހަކަދައްކަވައި، ރައީސް ސޯލިހު އިލެކްޝަންސް ކޮމިޝަނަށް ތައުރީފުކުރެއްވިއެވެ. އެގޮތުން މި އިންތިހާބަކީ މިނިވަންކަމާއެކު، އެއްވެސް ނުފޫޒެއް ނެތި ބޭއްވި އިންތިހާބެއް ކަމަށާއި، އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ފެންމަތިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު ފެނިގެން މި ދިޔައީ ނުފޫޒާއި ބާރުން އެއްކިބާވެ، މަސައްކަތް ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަޝަނަށް ދިނުމުން، އެއްވެސް ޝަކުވާއެއް ނެތި، އެއްވެސް މައްސަލައެއް ނުޖެހޭ ގޮތަށް މި ރާއްޖޭގައި އިންތިހާބެއް ބޭއްވިގެން ދިޔަ ތަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިއަދަކު ނާދޭ އަގޮޓީގެ ޝަކުވާއެއް. މިއަދަކު ނާދޭ ދެލި ފޮހޭ ގަލަމުގެ ޝަކުވާއެއް. މިއަދު ރައްޔިތުން ނިކުމެ ވޯޓު ދިނީ ހިތްހަމަ ޖެހިގެން،"

އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލެއްވި ރައްޔިތުންނަށާއި ހާއްސަކޮށް އެމްޑީޕީއަށް ލިބުނު ކާމިޔާބީ އަށްޓަކައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ފަރާތްތަކަަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

މިހާތަނަށް "ސަން"އަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން 60 އަށް ވުރެ ގިނަ ގޮނޑިތަށް ކާމިޔާބުކޮށްފައިވަނީ ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީ އިންނެވެ.

comment ކޮމެންޓް