މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުލުހުން ހިންގާ އޮޕަރޭޝަނަކީ ފުލުހުންގެ ޕްރޮފެޝަނަލިސަމް ދައްކަން ލިބޭނެ ފުރުސަތެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގެ ސަލާމަތީ ކަން ކަން ބެލެހެއްޓުމަށް ފުލުހުން ހިންގާ ބުލޫ ޓައިޑް އޮޕަރޭޝަނުގެ ބްރީފިންގް މިއަދު އިސްކަންދަރު ކޮށީގައި ވަނީ ބާއްވާފަ އެވެ. އެ ބްރީފިންގްގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މާދަމާއަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބު އަމާން އޮމާންކަމާއެކު ނިންމާލުމަށްޓަކައި ފުލުހުންނާއި އިލެކްޝަންސް ގުޅިގެން މީގެ ދެތިން މަސްކުރިން ކުރަމުންއައި މަސައްކަތްތައް ނިންމާލުމަށް ނުކުންނަ ދުވަސްކަމަށެވެ.
"މާދަމާއަކީ ދަޢުލަތަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި ފުލުހުންގެ މަސައްކަތުގެ ނަމޫނާ ދައްކުވައިދޭން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް." ފުލުހުންނާ ބައްދަލު ކުރައްވާ ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.
ފުރުޞަތުގެ ބޭނުން ކޮންމެ ފުލުހަކުވެސް ހިފައި، ފުލުހުންގެ ޕްރޮފެޝަނަލިޒަމްއާއި މަސައްކަތުގެ ނަމޫނާ ދައްކަވައި ދޭނެކަމަށް އުއްމީދުކުރައްވާކަމަށް ހަމީދު ވިދާޅުވި އެވެ.
ރައްޔިތުންނާ ބައްދަލުވާ ކޮންމެ ފަހަރަކީ ރަނގަޅު، އެކުވެރިކޮށް ބައްދަލުވާ ބައްދަލުވުމަކަށް ހަދައި ދިނުމަށްވެސް ކޮމިޝަނަރު އެދިލެއްވި އެވެ. އަދި ވިދާޅުވީ އިންތިހާބާބެހޭ ޤާނޫނޫތަކާއި ގަވާއިދުތަކާއި ފުށުއަރާފަދަ ކަމެއް ބައެއް ފަރާތުން ނުވަތަ މީހެއްގެ ކިބައިން ފެންނަ ހިނދުވެސް، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިންނާއި ފުލުހުންނަށް ދީފައިވާ ބްރީފިންގައިވާ ގޮތުގެ މަތިން އެކަމެއް ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް އެދޭ ކަމަށެވެ.
"މި އިންތިޚާބަކީ އަމާން، ރައްކާތެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދެން." ފުލުހުސް ކޮމިޝަނަރު ވިދާޅުވި އެވެ.
އެ ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާނު ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެފައިވެއެވެ.