ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ބޭނުންހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫން: ގާސިމް

މާޗް 29، 2019، ފުލުހުންގެ މުއައްސަސާ އަށް 86 އަހަރު ފުރުން ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަކީ އެ އިރެއްގައި އޮންނަ ސަރުކާރަކުން ބޭނުންކަމެއް ކުރަން އޮންނަ ތަނެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީޓީވީން ރޭ ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޒިންމާދާރުކުރަން އޮންނަ ތަނެއް ކަމަށެވެ.

"އެެއްގޮތަކަށްވެސް ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައް ކުރަން އޮންނަ ތަނެއް ނޫން. ސަރުކާރު ޒިންމާދާރު ކުރުވާ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރޭތޯ ބަލާފައި އެކަންތައްތައް ކުރެވެން އޮތް ބައެއް. އެހެންވީމާ އެކަންތައްތައް ކުރެވޭނެ ފުރުސަތުތައް ހޯދުމަށްޓަކައި ރައްޔިތުން އައްޔަނުކުރާ މެމްބަރުންނަކީ ނުވަތަ ރައްޔިތުން ހޮވާ ބޭފުޅުންނަކީ އެކަމަށް ތަސައްރަފު ފުދޭ ގާބިލު މީހުންނަށްވެސް ވާން ޖެހޭނެ." ގާސިމް ވިދާޅުވިއެވެ.

އަދި މަޖީލީހަށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުންވެސް އިންތިހާބްކުރެވެން ޖެހޭ ކަމަށާއި އަންހެނުންގެ އިހްސާސްތައް އެނގޭނީ ހަމަ އަންހެން ބޭފުޅުންނަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވާހަކައިގައި އެމްޑީޕީން އެކަނި ހުރިހާ ކަމެއް ބޭނުންވާކަމަށާއި އަދި ކޯލިޝަންއިން ކުރިން އެއްބަސްވެފައިވާ ގޮތަށް އަމަލުކުރިނަމަ މިއަދު ޖޭޕީއާއި އެމްޑީޕީއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނޯންނާނެ ކަަމަށެވެ،

"ދެން މި ގައުމު ކުރިއެރުވުމަށާއި ގައުމުގެ މަސައްކަތް ކުރުމަށްޓަކައި ކާކުތޯ ނޭދޭނީ ހެޔޮ ބުއްދި ހުރި އެއްވެސް އިންސާނެއް. ދެން އަޅުގަނޑުމެންގެ އަމިއްލަ ގައުމު އަޅުގަނޑުމެން ކުރިއަރުވަންބޭނުންވާނެދޯ އެއީ ވަކި ބަޔަކަށެއް ނޫން. އަމިއްލައަށް (އެމްޑީޕީއިން) ހުރިހާ ކަމެއް ބޭނުންވީ ކީއްވެގެންތޯ. އަމިއްލަ އެދުން ނެރެންވާނީ ވަކި ވަރަކަށް ތެދެއްތޯ،" ގާސިމް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމުގެ އިންތިހާބު އޮންނާނީ މާދަމާއެވެ.

comment ކޮމެންޓް