ރާއްޖޭގެ ބޮޑެތި ރަށް ރަށުގައި ހަދާ ފައިވާ މަގުތައް ޤާނޫނާ އި ޤަވައިދާ އެއްގޮތަށް ބެލެހެއްޓުމުގެ ޤާބިލުކަން އެ މަސައްކަތް ހަވާލު ކުރެވިފައިވާ ފަރާތްތަކުގައި ނެތް ކަން، އެފަދަ ރަށް ރަށު ގެ މަގުތަކުގައި ހިނގާ ބިރުވެރި ހާދިސާތަކުން ސާބިތު ވެ އެވެ. މިކަން އެންމެ ބޮޑަށް ފާހަގަ ވެގެން ދަނީ މާލެ އިން ނެވެ. އައްޑު އަތޮޅަކީ އެ ލިސްޓުގައި ދެވަނަ އަށް އަންނަ ސަރަހައްދެވެ. އެއަށް ފަހު ހައްދުންމައްޗެވެ. ދެން ފުވައްމުލަކެވެ. ޤާނޫނާއި ޤަވައިދާ އެއްގޮތަށް މަގުތައް ބެލެހެއްޓޭ ކަމުގައި ވަނީ ނަމަ އެއްވައްތަރެއްގެ ޙާދިސާތައް ތަކުރާރު ވެގެން ނުދާނެ އެވެ. އެފަދަ ހާދިސާތައް އިތުރަށް ނުހިގާނެ ގޮތަށް މަގުމަތި ބަލަހައްޓާ ފަރާތްތަކުން ފިޔަވަޅު އެޅެން ވާނެ އެވެ. މަގުމަތީގެ ކަންތައްތައް ބަލަހައްޓަނީ އެއް ބަޔަކު ނޫނެވެ. ތަފާތު ފަރާތްތަކުން ނެވެ. މިސާލަކަށް ދަންނަވާ ނަމަ މަގު މަތީގައި ދިއްލި ފައި ހުންނަ ސަރަހައްދެއް ނުދިއްލޭ ނަމަ، ނުވަތަ ދިއްލުމުގެ އަލި ފަނޑު ކަމުގައިވާ ނަމަ އެކަމެއް ކުރެވޭނީ ދިއްލުމާ ބެހޭ އޮފީހުން ނެވެ. މަގުމަތީގައި ކަންތައްތައް ހުރީ ރަނގަޅަށްތޯ ކޮންމެ ދުވަހަކު ބެލޭނެ ނިޒާމެއް ގައިމު ކުރެވިފައި ނުއޮންނަ ނަމަ ގޯސްވާ ކަންތައްތައް ރަނގަޅެއް ނުކުރެވޭނެ އެެވެ. އެކަމުގެ ސަބަބުން ޢާއްމު ރައްޔިތުންނާ ހިތާމަވެރި ޙާދިސާތަކާ ކުރިމަތި ލާން ޖެހިދާނެ އެވެ.
ރާއްޖޭގެ ބޮޑެތި ރަށް ރަށުގައި މަގުމަތީގައި އެކްސިޑެންޓު ވެގެން މަރުވާ މީހުންގެ ވާހަކަ އިގެ ޚަބަރަކީ ފަހަކަށް އައިސް ގިނަ އިން އިވޭ ޚަބަރެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި މަގުމަތީގައި އެކްސިޑެންޓެއްގައި އެންމެ މީހަކު މަރުވިޔަސް އެއީ ބޮޑު މައްސަލަ އަކަށް ވެ އެވެ. އެކަމާ ބެހޭ ގޮތުން ތަޙްޤީޤްތައް ހިންގުމަށް ފަހު ފިޔަވަޅު އެޅެ އެވެ. ހަރުކަށި ފިޔަވަޅެވެ. ހަރުކަށި ފިޔަވަޅު އެޅޭ އިރު ވެސް މަގުމަތީ ގެ އެކްސިޑެންޓުގައި މީހުން މަރުވަމުން ދެ އެވެ. އެހެންނަމަވެސް ކުށް ކުރަނީ ތަފާތު ބައެކެވެ. މިކަހަލަ ކަންތައް މަދު ކުރުމަށް ނުވަތަ ހުއްޓުވުމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ކަންތައްތައް ކުރާ ގޮތަށް އަޅުގަނޑު މެން ވެސް ކަންތައް ކުރަން ޖެހެ އެވެ. ސަރުކާރުން މިފަހަރު ހިލޭ ހެލްމެޓު ދޫކުރި އިރު މަގުމަތީގެ ރައްކާތެރި ކަން އޮޅުން ފިލުވާދޭ ސެމިނާ އެއްގައި ބައިވެރިވުން ލާޒިމް ކުރުމަކީ ރަނގަޅު ނިންމުމެކެވެ. މަގުމަތީގައި ދުއްވާ އެއްޗެތީގެ ގަވައިދާ ޚިލާފުވެގެން ލައިސަންސް އަތުލެވޭ މީހުން ނަށް އަބުރާ ލައިސަންސް ކާޑު ދިނުމުގެ ކުރިން މިފަދަ ސެމިނާއެއްގައި ބައިވެރިވުން މަޖުބޫރު ކުރެވެންވީ އެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ކަންތައް ކުރާ ގޮތަށެވެ.
މަގުމަތި ބެލެހެއްޓުމުގެ ކަންތައްތައް ޤާނޫނުން ޙަވާލު ކޮށްފައި އޮންނަނީ ތަފާތު ފަރާތްތަކާ އެވެ. ތަފާތު މަސައްކަތް ތަކެވެ. ހިތާމައާ އެކު ދަންނަވަން ޖެހެނީ މަގުމަތި ބެލެހެއްޓުމުގެ ޒިއްމާ ރައްޔިތުން އެދޭ މިންވަރާ ކައިރި އަށް ވެސް މަސައްކަތްތައް ހަވާލު ކުރެވިފައިވާ ފަރާތްތަކުން ނުކުރެވޭ ކަމެވެ. މަގުމައްޗާ އި ބެހޭ އެއް ޤާނޫނެއް ތަންފީޒު ކުރާ އެއް ފަރާތެއްގެ އެންމެ ބޮޑު ޝަކުވާ އަކީ ރާއްޖެ އަށް އެތެރެ ކުރާ އެއްގަަމު ގައި ދުއްވާ އިންޖީނު ލީ އުޅަނދު އެއްވެސް ކަންޓުރޯލެއް ނެތި އެތެރެ ކުރާ ވާހަކަ އެކެވެ. އެ އީ ރަނގަޅު ވާހަކަ އެކެވެ. އެހެންނަމަވެސް ކަންޓުރޯލެއް އޮވެގެން އެއްގަމު ގައި ދުއްވާ އެއްޗެތި އެތެރެ ކުރިއަސް މަގުމަތީގައި އެއްޗެތި ދުއްވުމު ގެ ޤާނޫނާއި ޚިލާފް ވާ ކަމަށްވާ ނަމަ އެކްސިޑެންޓު ވާނެ އެވެ. ފިޔަވަޅު ނޭޅޭ ކަމަށް ވާނަމަ ކުށް ކުރުން ތަކުރާރު ވާނެ އެވެ. ކުށް ކުރާ މީހުންނަށް ކުށް ކުރުމަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ. ބޭރު ޤައުމުތަކުގައި ލައިސެންސް ނެތި މަގު މަތީގައި އުޅަނދެއް ދުއްވައި ގެން ހިފޭ މީހާ ދާނެ މާ ގިނަ ތަނެއް ނުއޮވެ އެވެ. ޖަލެވެ. ކުށް ކުރި މީހާ އަކީ ވަރަށް މާތް މީހެއް ކަމުގައި ވިޔަސް، ނުވަތަ ސިޔާސީ ގޮތުން ކިތަންމެ ފުންނާބު އުސް މީހަކު ކަމުގައި ވިޔަސް، އެ މީހަކު ދޫ ކުރެވޭނީ ޤާނޫނީ ގޮތުން އެ މީހަކު ކަޑައްތު ކުރަން ޖެހޭ މަރުޙަލާތައް ކަޑައްތު ކުރުމަށް ފަހު ގަ އެވެ. ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ކުށެއް އެ މީހަކު ކޮށް ފައި ނުވާ ކަމުގައި ވާނަމަ އެވެ. ސަބަބަކީ އެފަދަ މީހުންނަކީ މަގުމަތީގައި އުޅޭ އާދައިގެ ރައްޔިތުންނަށް ހުރި ނުރައްކަލަކަށް ވާނެތީ ވެ އެވެ. އެމީހުންގެ ފުރާނަ އަށް ގެއްލުން ލިބިދާނެތީ ވެ އެވެ. އެއީ އަށާރަ އަހަރު ނުފުރޭ މީހަކަށްވާ ނަމަ އެފަދަ މީހުން ބަލަހައްޓާ ޚާއްޞަ ތަނަށް ގެންދެވެ އެވެ. އެމީހުން ތަކުރާރުކޮށް ކުށް ކުރުމަށް އަދަބެއް ނުދީ އަލުން މަގުމައްޗަށް ދޫކުރެވިގެން ނުވާނެ އެވެ. ރާއްޖެ އަކީ ކުޑަ ޤައުމަކަށް ވުމާ އެކު ރާއްޖޭގެ އެކަކު އަނެކަކު އޮންނަނީ ޢާއިލީ ގޮތުން ގުޅިފަ އެވެ. ނުވަތަ ރައްޓެހި ކަމުގެ ގޮތުން ގުޅިފަ އެވެ. ނުވަތަ ސިޔާސީ ގޮތުން ގުޅިފަ އެވެ. ނުވަތަ ނުރައްކާތެރި ކަމެއް ދިމާވެއްޖެ ނަމަ އަންގާ ލުމުން ޙިމާޔަތް ދޭން އަންނަ ޤާނޫނާ ޚިލާފު ބާރުތައް ބޭނުން ކުރާ އަމިއްލަ މީހުންނާ ގުޅިފަ އެވެ. މި ދެންނެވުނު ގިންތިއެއްގެ މީހަކާ ގުޅުން ހުރި މީހަކު ކުށެއް ކޮށްފި ނަމަ ސިޔާސީ ގޮތުން ބުރަދަން ހުރި މީހަކު ފޯނު ކޮށްލުމާ އެކު އެމީހަކު ދޫ ކޮށްލަ އެވެ. ޤާނޫނުގައި އޮންނަ ގޮތަށް ޤާނޫނު ތަންފީޒު ވެގެން ދަނީ ގިނަ ފަހަރަށް އެއްވެސް ގުޅުމެއް ނުއޮންނަ މީހާ އަށެވެ. މި ސަގާފަތް ބަދަލު ނުކޮށް ރާއްޖެ އަމާން ތަނަކަށް ނުހެދޭނެ އެވެ.
ހިތާމަ އަކީ ގިނަ ދިވެހިންނަކީ ޤާނޫނަށް ކިޔަމަންތެރިވާ ބަޔަކަށް ނުވާ ކަމެވެ. މި ކަން އެންމެ ބޮޑަށް ފެނިގެން ދަނީ މަގުމަތިން ނެވެ. އެއްކޮޅަށް ދުއްވާ މަގުގައި ޤަވާއިދާ ޚިލާފަށް ދުއްވާ މީހުން ވަރަށް ގިނައިން ފެނެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެ އެވެ. އެތަން ފެންނަ ބައެއް ވެސް ނޫޅެ އެވެ. އެކަން ބަލާ ބަޔަކު ވެސް ނޫޅެ އެވެ. އެކަން އެނގޭ ތަންފީޒީ އިދާރާ އެއް ހުންނަ ކަމެއް ހިގާ އަމަލަކުން ނުދައްކަ އެވެ.
މާލޭގައި ޕާކް ކުރުމުގެ މައްސަލަ ބޮޑުވެގެން މަގު މަތި ބަލަހައްޓާ އެއް އިދާރާ އަކުން ތަޖުރިބާ ކުރުމުގެ ގޮތުން ޕާކު ކުރިޔަ ނުދިނުމަށް އުސްކޮށް ކޮންކުރީޓް ގަލެއް ތައްޔާރު ކުރި އެވެ. އެ ގަލުގެ މަތީގައި މޮޓޯ ސައިކަލެއް ޕާކްކޮށްފައި ހުއްޓެވެ. ނޭނގިގެނެއް ނޫނެވެ. ޖެއްސުމަށެވެ. އޭނާ އަށް ގަވައިދާ ޚިލާފަށް އުޅެވޭ ކަން ދައްކާށެވެެ. މޮޅުވީ އޭނާ އެވެ. އޭނާ އަށް އެއްކަމެއް ވެސް ނުވެ އެވެ.
ދުވާރު މަތިން ހިނގުމުގެ ހުރަހަކަށް ވަނީ އެތާގެ މަތީގައި ބަހައްޓާފައި ހުންނަ ޕެލޭޓްތަކެވެ. ޕެލޭޓްގެ ފާލަން މަގުމައްޗަށް ނުކުމެވޭ ހިސާބަށް ގެންގޮސް ފައި ހުރެ އެވެ. މަގުގައި ބަހައްޓާފައި ހުންނަ ޕެލޭޓުތައް ނަގައި ހުސްކުރި ކަމަށް ޚަބަރުން ބުންޏެވެ. މިހާރު އަނެއްކާ ވެސް އެ ޕެލޭޓްތައް ކުރީގައި ހުރި ޖާގަތަކަށް އެނބުރި އައިސްފައި ހުރި ތަން ފެނެ އެވެ. ޕެލޭޓް ދުވާރުމަތީގައި ބެހެއްޓުމަކީ ވަރަށް ނުރައްކާ ތެރި ކަމެކެވެ. ރޭގަނޑު ގަ އެވެ. ފަނޑުކޮށް މަގުމަތީގެ ދިއްލުން ހުންނަ މަގު ގަ އެވެ. އެފަދަ މަގުތަކުގައި ޕެލޭޓުގެ ސަބަބުން ވަރަށް ގިނައިން މީހުން ނަށް އަނިޔާވެ އެވެ. އަނިޔާ ވުމުން ފުލުސް އޮފީހަށް، ނުވަތަ ނޫސް ވެރިންގެ ސަމާލު ކަމަށް ގެންނަނީ މަދު ބަޔެކެވެ. އެފަދަ އަނިޔާ ވުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ޙަޔާތުގެ ބައެއް ކަމަށް ގިނަ މީހުން ބަލައިގެން އެމީހުންގެ ޒަޚަމަށް އަމިއްލަ އަށް ފަރުވާ ދެނީ އެވެ. މިކަމުގައި ޕެލޭޓް ބެހެއްޓޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އުފުއްލަން ޖެހޭ އުނދަގުލަށް ވެސް ބަލާލަން ޖެހެ އެވެ. ޕާކްކޮށްފައި ހުންނަ މޮޓަރސައިކަލްތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ގެއިން ނުކުމެގެން މަގު މައްޗަށް ނުކުމެވޭ ނެ ގޮތެއް ނުއޮވެ އެވެ. ކަމާ ބެހޭ ފަރާތުން ޕެލޭޓްތައް ނެގިއަސް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އުފުއްލަން ޖެހޭނެ ޒާތީ އުނދަގުލަށް ހައްލެއް ނުލިބޭނެ އެވެ.
މީގެ ހައެއްކަ ދުވަސް ކުރިން މާފަންނުގެ މަގެއްގައި ދުވާރު މަތީގައި ގޮދަޑިއެއް އޮޅާފައި ތިން ތަނުން ބަނދެ ފައި އޮއްވާ އަޅުގަނޑު ދުށީމެވެ. އަޅުގަނޑަށް ފުރަތަމަ ހީކުރެވުނީ އެފަދަ ކުނި ނަގާ ޚާއްޞަ ވެހިކަލެއް އަންނަން ދެން ބާއްވާފައި އޮތީ ކަމަށެވެ. ތިން ދުވަސްވީ އިރު ވެސް އެ ގޮދަޑި އެގޮތަށް ބާއްވާ ފައި އޮތެވެ. ދެން ފެނުނީ އެ ގޮދަޑިއާ ތަންކޮޅެއް ދުރުގައި ބަދިގޭގެ ކުނި ކޮތަޅެއް ބަހައްޓާފައި ހުއްޓެވެ. ދެވަނަ ދުވަހު ދެތިން ކޮތަޅު ބަހައްޓާ ފައި ހުއްޓަ އެވެ. އޭގެ ފަހު ދުވަހު ފެނުނީ ކުޑަވަރެއްގެ ގޮނޑެކެވެ. އެ ހާލަތުގައި ވެސް ދެތިން ދުވަހު ހުއްޓެވެ. މިކަހަލަ ކަންތައް ތައް ބަލަހައްޓާ އެއްވެސް އިދާރާ އަކަށް މިތަން ފެނުނު ކަމަކަށް ނުވެ އެވެ. އެގުނު ކަމަކަށް ނުވެ އެވެ.
އަޅުގަނޑަށް ލަފާ ކުރެވޭ ގޮތުގައި މަގު މަތި ބަލަހައްޓާ މީހުން ނަށް ފާހަގަ ނުކުރެވޭ ވަރަށް މުޑުދާރު ކަމެއް ބައެއް ހޮޓާތައް ހިންގާ ބައެއް ފަރާތްތަކުން އެބަ ކުރެ އެވެ. ބައެއް ހޮޓަލަށް ވަންނަ ދޮރުގެ ކުރިމަތީގައި އެމީހުންގެ ބޭނުމަށް އެކި ފާޑު ފާޑުގެ އެއްޗެތި ބެހެއްޓުމުގެ ސަބަބުން ދުވާރުމަތި އޮންނަނީ ކަޅުވެފަ އެވެ. ވާރޭ ވެހޭ އިރު ދުވާރު މަތިން ހިނގާފައިދާ މީހުން ކައްސާލުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ. ކިލަލާއި ފެނާއި އެއްވެގެން ލޮނދިވުމުގެ ފުރުޞަތު އޮންނާނެތީވެ އެވެ. ދުވާރަކީ ހޮޓަލުގެ ބައެއް ނޫނެވެ. ކަމާ ބެހޭ ފަރާތުން ޢާއްމުންގެ ރައްކަލަކަށް އަދި ސާފު ތާހިރު ކަމަށް ބާރު އެޅުމުގެ ގޮތުން އެފަދަ ތަންތަން ސާފު ކުރެވޭނެ ނިޒާމެއް ގައިމު ކުރުން މުހިއްމެވެ. އެއް ހޮޓަލަކުން ހަޑިވެފައި އޮތް ދުވާރު ފެން އަޅައިގެން ދޮންނަތަން އަޅުގަނޑަށް ވަނީ ފެނިފަ އެވެ.
މަގުމަތީގެ ކަންތައް ތައް ބެލެހެއްޓުމާ ހަވާލު ވެފައިވާ ފަރާތްތަކަށް އެކަން ކަނޑައެޅި ފައި އޮންނަ ގޮތާ އި އެއްގޮތަށް ނުކުރެވޭ ނަމަ އެކަން ކުރެވޭ ފަދަ ބަޔަކާ ހަވާލު ކުރުމަށް ވިސްނަންވީ އެވެ.