މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން ހުށަހެޅޭ ޝަކުވާގެ 90 ޕަސެންޓް މަދުކުރެވިފައިވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ 24 ވަނަ އަހަރީ ފާހަގަކުރުމަށް މިއަދު އެކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މުވައްޒަފުން، ކަސްޓަމަރުންނަށް ހިދުމަތްދެނީ ވަރަށް "ލޯބިން" ކަމަށެވެ.
"105 ނަންބަރު ތައާރަފު ކުރެވި 24 ގަޑި އިރު ހިދުމަތްދެވޭ ނަންބަރަކަށް އަޅުގަނޑުމެން ބަދަލުކުރި ފަހުން، 90 ޕަސެންޓް ކޮމްޕްލެއިން މަދުވެގެން ހިނގައްޖެ،" އާޒިމް ވަނީ އެކަމަށް ޓަކައި ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"އަޅުގަނޑު ހީކުރި ވަރަށް ވުރެ ވެސް މާ މަތިން ހިދުމަތްތައް ދީފައި ހުރީ،"
އާޒިމް ވިދާޅުވީ ކުންފުނީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 50 މުވައްޒަފުންނާ އެކު 60،000 ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. މިހާރު ވެސް ކުންފުނިން ހިދުމަތްދެނީ އޭރު ގާއިމް ކުރި ނެޓްވޯކު ބޭނުން ކޮށްގެން ކަމަށާއި ނަމަވެސް މިހާރު 200،000 ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވެސް ބޭނުން ކުރަނީ ހަމަ އެ ނެޓްވޯކު ކަމަށެވެ. ނަމަވެސް މިހާރު ކުންފުނީގައި 900 މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވި ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ އެމްޑަބްލިއުއެސްސީ އަކީ ގައުމު ބިނާ ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ. އެ ކުންފުނީގެ ކުޑައިގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ތަމްރީނު ކުރެވި ގައުމީ ހިދުމަތަށް ނެރެފައިވާކަން މަލީހު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ 105 ނަންބަރަށް ގުޅައިގެން ހިދުމަތް ހޯދަން މިހާރު ފަސޭހަވެފައިވާ މިންވަރު އަމިއްލަ އަށް ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. މައްސަލަ ހުށަހެޅުމުން ދެ ގަޑިއެއްހާ އިރު ތެރޭ މައްސަލަ ހައްލުކޮށް، ކަސްޓަމަރުގެ ފަރާތުން ކުރަން ޖެހޭ ކަންތައް ވަރަށް ސާފުކޮށް ކިޔައިދޭ ކަމަށް މަލީހު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް އާއި ޖުމްލަކޮށް ކުންފުނީގެ ހުރިހާ މުވައްޒަފުން ކުރާ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވައިފަ އެވެ.
އެމްޑަބްލިއުއެސްސީ އިން މިއަދު ވަނީ ކުންފުނީގެ ހިދުމަތަށް އޮންލައިން ކޮށްއެދެވޭ ޕްލެޓްފޯމެއް ވެސް ތައާރަފް ކޮށްފަ އެވެ.