ފެން ބިލުގައި މައްސަލައެއް އޮތްނަމަ އަންގަން އެފްޑީސީން އެދިއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް -- ސަން ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެޅި 4،000 ފްލެޓްގެ ތެރެއިން މީގެ މަހެއްހާ ދުވަސްކުރިން މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް"ގެ ބައެއް ފްލެޓްތަކުގައި ދިރިއުޅޭ މީހުން، އާދަޔާ ޚިލާފަށް ފެން ބިލު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަނިކޮށް، އެ ފަދަ ކަމެއް އުޅޭނަމަ އެ ކޯޕަރޭޝަނަށް އަންގަން އެފްޑީސީން އެދިއްޖެއެވެ.

މިހާރު ދިރިއުޅެމުން އަންނަނީ އެފްޑީސީގެ އަމާން އުދަރެސް ފްލެޓްތަކުގެ 14ވަނަ ޓަވަރުގައެވެ. އެއާއެކު މިދިޔަ މަހުގެ ޔުޓިލިޓީ ބިލުތައް އައިސްފައިވާއިރު ފެން ބިލު ބޮޑުވެގެން ވަނީ ގިނަ ބަޔަކު ކަންބޮޑުވެފައެވެ.

އެ ފުލެޓްތައް ލިބި، މިހާރު އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން ހިއްސާކޮށްފައިވާ ގޮތުގައި، ބައެއް އެޕާޓްމަންޓުތަކުގެ ބިލު 7،000 ރުފިޔާއަށްވުރެ ވެސް ވަނީ ބޮޑުވެފައެވެ. އަދި ބައެއް އެޕާޓްމަންޓުތަކުގައި 4،000 ރުފިޔާއަށްވުރެ ވެސް ބިލު ބޮޑުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، މި ވަގުތު އެ ފެން މީޓަރުތައް ހުރީ އެފްޑީސީގެ ނަން މަތީގައި ކަމަށެވެ. އަދި ބިލުތަކަށް އަރައިފައިވާ ފައިސާއަކީ، އެޕާޓްމަންޓުތަކަށް ފެން ލިބޭތޯ ޓެސްޓުކުރުމާއި، ކޮމިޝަން ކުރުމުގެ މަސައްކަތަށް ފެން ބޭނުންކުރި މިންވަރަށް އަރައިފައިވާ ވަރު ކަމަށް މަތީން ވިދާޅުވިއެވެ. އެހެންކަމުން އެއީ އެފްޑީސީން ދައްކަން ޖެހޭނެ ބިލުތަކެއް ކަމަށް މަތީން ވިދާޅުވިއެވެ.

އަދި އެފްޑީސީން ބިލުތައް ކްލިއާކުރުމުން މީޓަރުތައް، އެޕާޓްމަންޓުގެ ވެރި ފަރާތުގެ ނަމަށް ބަދަލުކުރާނެ ކަމަށް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީން ވެސް ވަނީ ބިލުތަކުގައި މައްސަލައެއް އުޅޭކަން ފާހަގަވާނަމަ އެ ކަން އަންގަން އެދިފައެެވެ.

އެފްޑީސީން ބުނީ އެ ކުންފުނީގެ ހޮޓްލައިން 3345500 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލްކޮށްގެން ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާ މީހުން، އެމްޑަބްލިއުއެސްސީއަށް ގުޅުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަތީން ވެސް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް