ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީ އިން ފޯރުކޮށްދޭ ހިދުމަތްތައް 24 ގަޑި އިރު ލިބޭނެ ގޮތް ހަމަޖައްސައި ކަސްޓަމަރުންގެ ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފި އެވެ.
އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކުންފުނީގެ ހިދުމަތެއް ހޯދަން ނުގުޅިގެން މިހާރު އުޅެން ނުޖެހޭނެ ކަމަށެވެ.
"ހިދުމަތް ހޯދަން ބޭނުންވާ ފަރާތަކަށް، މިތަނަށް ނުގުޅިގެން އުޅެންޖެހޭނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ނުދެކެން. ކޮންމެ ފަންތިއެއްގެ ކޮންމެ ބޭފުޅަކަށް ވެސް އެއްވަރަކަށް ހަމަހަމަކޮށް ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު އެސްޓެބްލިޝް މިކުރީ 105 ނަންބަރު. މި ނަންބަރަށް ގުޅީމާ ކޮންމެ ރައްޔިތަކަށް ވެސް މިތަނުގެ ހިދުމަތް ލިބިގެންދާނެ،" އާޒިމް ވިދާޅުވި އެވެ.
ކަސްޓަމަރުން ހުށަހަޅާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުންފުނީގެ ޓީމުތައް 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"ސައުވީސް ގަޑި އިރު މަސައްކަތް ކުރަން ޓީމެއް އޮންނާނެ. އަދި 105 އަށް ގުޅައިގެން ހުށަހަޅާ މައްސަލަތަކަށް ވަގުތުން އެޓެންޑުވެ ހައްލު ކޮށްދޭނެ،" އާޒިމް ވިދާޅުވީ މައްސަލަ ހުށަހަޅާތާ 30 މިނެޓު ތެރޭ މުވައްޒަފުން އެޓެންޑުވާނެ ކަމަށެވެ.
އާޒިމް ވިދާޅުވީ ކަސްޓަމަރުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމުގެ ނިޒާމު ފަސޭހަކޮށްފައިވާ ކަމަށެވެ. އެގޮތުން 105 އަށް ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ އިތުުރުން އެމްޑަބްލިއުއެސްސީގެ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް ވެސް ކަސްޓަމަރުންގެ ޝަކުވާ ހުށަހެޅޭނެ ކަމަށް ކުންފުނީގެ އާ އެމްޑީ ވިދާޅުވި އެވެ.
ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލު ކުރަނީ
މާލޭގެ މަގުމައްޗަށް ނަޖިސް ބޭރުވާ މައްސަލައާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ނަރުދަމާގެ ނިޒާމު ސާފުކޮށްފައިނެތް ކަމަށެވެ. އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ހާއްސަ ޓީމެއް އެކުލަވާލާ މަސައްކަތް ފަށާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ. ގޭގޭގެ ފާޚާނާ ނިޒާމު ބްލޮކު ވާ މައްސަލަ ހުށަހެޅުމުން ވެސް މި ޓީމުން އެޓެންޑުވެ މައްސަލަ ހައްލު ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ސްވަރޭޖުގެ މަސައްކަތަށް އާ ޑިވިޝަނެއް އުފައްދައި މަަސައްކަތް ފަށާފައިވާނީ،" ކޮންމެ ރެއަކު ވެސް ނަރުދަމާ ނެޓްވޯކު ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާނެ ކަމަށާއި ކޮންމެ އަހަރަކު ވެސް އެއް ފަހަރު ސްވަރޭޖު ނެޓްވޯކު އެއްކޮށް ސާފުކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ އަޅުގަނޑުމެންގެ ޓީމުތައް އިތުރަށް އެކުލަވަލެވިގެން ކޮންމެ އަހަރަކު ވެސް ދެފަހަރު މުޅި ނެޓްވޯކު އެއްކޮށް ސާފުކޮށް ނިންމުން،" މިއާއެކު ފާޚާނާ ލައިން ބްލޮކުވުމާއި މަގުމައްޗަށް ނަޖިސް ލީކުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭގެ ނަރުދަމާ ނެޓްވޯކު ޑިޒައިން ކޮށްފައި ވަނީ އެއް ލައްކަ މީހުންނަށް ހިދުމަތް ދިނުމަށެވެ. ނަމަވެސް މިހާރު މި ނެޓްވޯކު ބޭނުންކުރާ މީހުންގެ އަދަދު 150،000 އާއި ދެ ލައްކަ އާ ދެމެދަށް އަރާފައިވާ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ސްވަރޭޖް ނެޓްވޯކު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.
"އިންޑަސްޓްރިއަލް އޭރިއާ ގައި އިތުރު ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައިގެން އެހެން ދިމާތަކަށް އެއްވާފެން ބައިޕާސް ވެގެންދާނެ ގޮތަކަށް ހަމަޖައްސާނީ. މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް މި ބަލަނީ." އާޒިމް ވިދާޅުވި އެވެ.
ސްވަރޭޖު ނެޓްވޯކު އަޕްގްރޭޑު ކުރުމުގެ މަސައްކަތަށް 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.