އާ ފްލެޓްތަކުގެ ބައެއް ފެންބިލު އާދަޔާ ޚިލާފަށް ބޮޑު, އެއް ބިލު 7000ރ. ގައި!

އަމާން އުދަރެސް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެގެން އެ ތަނުގައި އުޅޭ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެޅި 4،000 ފްލެޓްގެ ތެރެއިން މީގެ މަހެއްހާ ދުވަސްކުރިން މީހުން ދިރިއުޅެން ފެށި "އަމާން އުދަރެސް"ގެ ބައެއް ފްލެޓްތަކުގައި ދިރިއުޅޭ މީހުން، އާދަޔާ ޚިލާފަށް ފެން ބިލު ބޮޑުވެގެން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ފްލެޓްތައް ލިބި، މިހާރު އެ ތަންތަނުގައި ދިރިއުޅޭ ބައެއް އާންމު ރައްޔިތުން ހިއްސާކޮށްފައިވާ ގޮތުގައި، ބައެއް އެޕާޓްމަންޓުތަކުގެ ބިލު 7،000 ރުފިޔާއަށްވުރެ ވެސް ވަނީ ބޮޑުވެފައެވެ. އަދި ބައެއް އެޕާޓްމަންޓުތަކުގައި 4،000 ރުފިޔާއަށްވުރެ ވެސް ބިލު ބޮޑުވެފައިވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އަމާން އުދަރެސް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެގެން އެ ތަނުގައި އުޅޭ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން --

ހުޅުމާލެއަށް ވެސް ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ މިހާތަނަށް އެމްޑަބްލިއުއެސްސީއަށް ފެން ބިލު ބޮޑުވެގެން ރަސްމީކޮށް ޝަކުވާއެއް ލިބިފައި އޮތްކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ނަމަވެސް އެފަދަ ކަމެއް އޮތްތޯ ޔަގީންކުރައްވާނެ ކަމަށާއި، އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާދަޔާ ޚިލާފަށް ފެން ބިލު ބޮޑުވެފައިވާނަމަ، ފެން ވަޔަރުކުރުމުގައި މައްސަލައެއް ދިމާވެފައި އޮތުމަކީ އެކަށީގެންވާ ކަމަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން އެ ފަދަ މައްސަަލައެއް އޮތްތޯ ކަށަވަރުކުރުން އެއީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ފެން ބިލު ބޮޑުވެގެން ޝަކުވާއެއް ހުށަހަޅައިފައި އޮތްތޯ ބައްލަވާނެ ކަމަށެވެ.

އަމާން އުދަރެސް ފްލެޓްތަކުގައި އުޅޭ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއިރު، މާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުން ވެސް ވަނީ އާދަޔާ ޚިލާފަށް ފެން ބިލު ބޮޑުވެގެން ސޯޝަލް މީޑިއާގައި އެ ވާހަކަ ހިއްސާކޮށްފައެވެ.

މިހާރު ދިރިއުޅެމުން އަންނަނީ އެފްޑީސީގެ އަމާން އުދަރެސް ފްލެޓްތަކުގެ 14ވަނަ ޓަވަރުގައެވެ. ފްލެޓްތަކުގެ ކުލި ދައްކަން ފަށަަން ޖެހޭނީ ތިން މަސް ފަހުންނެވެ.

comment ކޮމެންޓް