ހިޖުރައިގެ ދުވަސްކޮޅެއް ކުރީން މާތް ނަބިއްޔާ ގެންދެވީ މައްކާއަށް އަންނަ އެހެން ރަށްރަށުގެ ވަފްދުތަކާ ބައްދަލު ކުރައްވަމުންނެވެ. ޤުރައިޝު ވަންހައިގެ މުޝްރިކުންގެ ފަރާތުން އޭރު ކުރިމަތި ވަމުން ދިޔަ ދުއްތުރާ ދިޔައީ ދުވަހެއް ދުވަހަށް އިތުރު ވަމުންނެވެ.
ނަބީކަމުގެ 12 ވަނަ އަހަރަކީ މުހިއްމު އަހަރެކެވެ. އެއީ އެހެން ރަށްރަށުން އަންނަ ވަފްދުތަކާ ބައްދަލު ކުރެއްވުމުގެ މޭވާ ހާސިލު ކުރެއްވުނު އަހަރެވެ.
ފަހެ މިނާގެ ވާދީގައި، އެ އަހަރު ކީރިތި ރަސޫލާއަށް މަދީނާގެ އައުސް ވަންހައާއި ޚަޒްރަޖު ވަންހައިގެ 12 ބޭކަލަކު ބައިޢަތު ހިއްޕެވިއެވެ. އެއީ އީމާންވުމާއި ނަޞްރު ދިނުމުގެ މައްޗަށެވެ. މި ބައިޢަތަށް ނަން ދެވުނީ ޢަޤަބާގެ ފުރަތަމަ ބައިޢަތުގެ ނަމުންނެވެ. ދެން ޖެހިގެން އައި އަހަރު އެއަށް ވުރެ ގިނަ ބޭފުޅުން ބައިޢަތު ހިއްޕެވިއެވެ.
މި ހިސާބުން މައްކާގެ މުސްލިމުން މަދީނާއަށް ހިޖުރަ ކުރާން ފެށިއެވެ. މާތް ނަބިއްޔާ ވެސް ގެންދެވީ ހިޖުރައަށް ތައްޔާރު ވެވަޑައިގަންނަވަމުންނެވެ. އެކަލޭގެފާނުންގެ އަތްޕުޅުގައި އަމާނާތުގެ ގޮތުން މީހުން ބަހައްޓައިފައި ހުރި ތަކެތި، އެ ތަކެތީގެ ވެރީންނާ ހަވާލު ކުރެއްވުން ފަދަ ކަންކަން ދިޔައީ ކުރައްވަމުންނެވެ.
ހިޖުރައިގެ ދަތުރުފުޅުގައި އެންމެ ފުރަތަމައަށް ނުކުމެ ވަޑައިގަތީ މަދީނާގެ ބަދަލުގައި ޠާއިފާ ދިމާއަށެވެ. އެއީ އެކަލޭގެފާނުން ވަޑައިގަންނަވާ ވަކި ތަނެއް މައްކާގެ އަހުލުވެރީންނަށް އެނގުނަ ނުދިނުމަށެވެ.