ނަބީ ބޭކަލުންގެ ބިންތައް 28 - މުޙައްމަދުގެފާނު 2

ޠާއިފު --

ކީރިތި މާތް ނަބިއްޔާގެ ނުބުއްވަތާ ގުޅުން ހުރި ތަންތަނާއި ބިންތަކުގެ ތެރެއިން މި ވަގުތު އަޅުގަނޑުމެން މިސްރާބު ޖަހާނީ ނޫރު ފަރުބަދައާ ދިމާއަށެވެ. މި ފަރުބަދަ ހުންނަނީ މާތް ވެގެން ވާ މައްކާގެ ކައިރީގައެވެ. މި ފަރުބަދައިގެ ސަރަހައްދަކީ ކީރިތި ރަސޫލާއަށް އެންމެ ފުރަތަމައަށް ވަހީ ބާވައިލެއްވުުނު ތަނެވެ. މިއީ އެންމެ ފުރަތަމައަށް އެ މާތް ނަބިއްޔާއާ ޖިބްރީލުގެފާނާ ބައްދަލު ވެ ވަޑައިގަތް ތަނެވެ.

މައްކާގައި އެ މާތް ނަބިއްޔާ ހުންނެވި ހައި ދުވަހަކު މި ފަރުބަދައަށް އަރައިވަޑައިގަތެވެ. އިބްރާހީމް ޢަލައިހިއްސަލާމުގެ މިއްލަތާ މެދު ވިސްނައި ފިކުރު ކުރެއްވުމަށާއި ބޭރުން އަންނަނި ވި މަޝްއޫލު ކުރުވާ ކަންކަމުން ސިކުނޑި ހުސް ކުރައްވައި، ޠަބީޢަތުގެ ހަގީގަތްތަކާ މެދު ފިކުރު ހިންގެވުމަށެވެ. އެއީ އެކަލޭގެފާނުން ނޫން އެހެން ހަނީފުން ވެސް ޚިޔާރު ކުރެއްވި މަގެވެ. އެ ފަދަ އެއް ބޭފުޅަކީ މާތް ނަބިއްޔާގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެފާނެވެ.

ޢިލްމުވެރީން ވަނީ މާތް ނަބިއްޔާ، އެކަލޭގެފާނަށް ވަޙީ އައުމުގެ ކުރީގައި ކުރެއްވި އަޅުކަން ސިފަ ކޮށް ދެއްވުމުގައި އެކި ސީޣާތައް ގެންނަވައިފައެވެ. އެއީ ނަމާދު ފަރުޟު ކުރެއްވުމުގެ ކުރިއެވެ. އެހެންކަމުން އެކަލޭގެފާނުން ކުރެއްވި އަޅުކަމަކީ ޚާލިޤުވަންތަ އިލާހާ މެދު ފިކުރު ކުރެއްވުމެވެ. ޒިކުރު ކުރެއްވުމެވެ.

comment ކޮމެންޓް