ނަބީ ބޭކަލުންގެ ބިންތައް 25 - ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު

ޙަބްރޫން --

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނަކީ ބަނީ އިސްރާއީލުންގެ ތެރެއިން އެންމެ ފަހުން ވަޑައިގެންނެވި ނަބީ ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ދެ ބޭކަލުންނެވެ. އެ ދެ ބޭކަލުން އުޅުއްވީ އީސާގެފާނުން ފޮނުއްވުމާ ދާދި ގާތުގައެވެ.

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނުންގެ ތާރީޚު ގޮސް ގުޅެނީ ފަލަސްޠީނުގެ ބިމާއެވެ. ޤުދުސަކީ މި ދެ ބޭކަލުންގެ ތާރީޚާ ގުޅިފައި ވާ މުހިއްމު ޝަހަރެކެވެ.

އެހެންނަމަވެސް މި ދެ ބޭކަލުންނާ ގުޅުން ހުރި ތަންތަން ހުރީ ހަމައެކަނި ފަލަސްޠީނުގެ ބިމުގައި އެކަންޏެއް ނޫނެވެ. މި ދެ ބޭކަލުންނަށް ނިސްބަތް ވާ މަގާމުފުޅުތައް ޝާމު ކަރައިގެ އެކި ހިސާބުތަކުގައި ވަރަށް ގިނައިން އެބަ ހުށްޓެވެ.

ޒަކަރިއްޔާގެފާނު ސިޔަރަތު ފެށެނީ ޤުދުސްގެ މާތްވެގެންވާ ޙަރަމްފުޅުންނެވެ. މި މާތް ވެގެންވާ އާއިލީ ދިރިއުޅުނީ މަސްޖިދުލްއަޤްޞާގެ ޖިވާރުގައެވެ. އެ ޒަމާނުގައި އެ ތަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވީ ޒަކަރިއްޔާގެފާނެވެ. މި ކަމާ ގުޅިގެން ޒަކަރިއްޔާގެފާނަކީ ބައިތުލްމަޤްދިސްގެ އިލްމުވެރީންގެ އިމާމުގެ ގޮތުގައި ލަގަބު ދެވިގެންވެއެވެ.

ޢިބާދާތުގައި ގިނަ ވަގުތު ހޭދަ ކުރެއްވުމާއި ތަރުބިއްޔަތުގައި ޒަކަރިއްޔާގެފާނުގެ ނުބުއްވަތުން ގިނަގުނަ ފިލާވަޅުތަކެއް ލިބެއެވެ.

މަސްޖިދުލްއަޤްޞާގެ އިރުމަތީ ބިތުގައި ޒަކަރިއްޔާގެފާނަށް ނިސްބަތް ކުރެވޭ މިޙްރާބުކޮޅެއް ހުރެއެވެ.

ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނުގެ ސިޔަރަތު ވަނީ ޢީސާގެފާނުގެ ސިޔަރަތާ ގުޅި ލާމެހިގެންނެވެ. އެ ޒަމާނުގައި މަސްޖިދުލްއަޤްޞާގެ ކަންކަން ބެލެހެއްޓެވުމުގައި އުޅުއްވި އެއް ބޭކަލަކީ ޢިމްރާނު ނަމަކަށް ކިޔޭ ބޭކަލެކެވެ.

މި ޢިމްރާނުގެފާނާއި ޒަކަރިއްޔާގެފާނު ކައިވެނި ބައްލަވައިގެން ތިއްބެވީ ދެ އުޚްތުންނާއެވެ. މި ދެ އަންހެން ބޭފުޅުންނަކީ ވެސް އުމުރުފުޅުން ވަރަށް ގިނަ ދުވަސް ވީ އިރުވެސް ދަރިކަލެއް ދަރިކަނބަލެއް ލިބިވަޑައިނުގަންނަވާ ދެ ބޭފުޅުންނެވެ.

މީގެ ތެރެއިން ޢިމްރާނުގެ އަނބިކަނބަލުން ދުއާފުޅެއް ކުރެއްވިއެވެ. އަދި އެ ކަމަނާއަށް ބޭފުޅަކު ލިބިވަޑައިގެންފި ނަމަ، ބައިތުލްމަޤްދިސްގެ ޚިދުމަތުގައި އުޅުއްވާނޭ ބޭފުޅަކަށް އެ ބޭފުޅާ ހައްދަވާނޭ ކަމަށް ނަދުރުފުޅެއް ވިދާޅުވިއެވެ. އެކަމަނާއަށް ﷲ މިންވަރު ކޮށް ދެއްވީ މަރްޔަމްގެފާނެވެ. ބައިތުލްމަޤްދިސްގެ ޚިދުމަތުގައި އާއްމުކޮށް ތިއްބަވަނީ ފިރިހެން ބޭފުޅުން ކަމުގައި ވިޔަސް، ނަދުރުފުޅުގައި ވިދާޅުވި ގޮތަށް މަރްޔަމްގެފާނުގެ މަންމާފުޅު އެ ކަމަނާ ބައިތުލްމަޤްދިސްގެ ޚިދުމަތްތެރީންގެ ތެރޭގައި ލެއްވިއެވެ.

މަރްޔަމްގެފާނުން ބައިތުލްމަޤްދިސްގައި ޚިދުމަތް ކުރައްވަމުން ގެންދެވީ ޒަކަރިއްޔާގެފާނުންގެ ބެއްލެވުމުގެ ދަށުންނެވެ. ޒަކަރިއްޔާގެފާނަށް ދިޔައީ މި ތޯހިރު ކަމަނާގެ ކިބައިން އެތައް އެތައް ކަރާމާތެއް ފެންނަމުންނެވެ.

ޒަކަރިއްޔާގެފާނުންގެ އަނބިކަނބަލުންގެ އުޚްތަށް މަރްޔަމްގެފާނު ލިބިވަޑައިގަތުމުން ޒަކަރިއްޔާގެފާނު ވެސް ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ލިބިވަޑައިގަތުމަށް ބޭނުންފުޅު ވިއެވެ. ދަރިކަލަކު ދެއްވުން އެދި ވަޑައިގެން ޒަކަރިއްޔާގެފާނުން ﷲ އަށް ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނުންގެ ދުޢާފުޅު އިޖާބަ ކުރައްވައި ޔަޙްޔާގެފާނުން ދެއްވާނޭ ކަމުގެ އުފާވެރި ޚަބަރު އެކަލޭގެފާނަށް ﷲ ދެއްވިއެވެ.

ނުމޫސުމުގެ މޭވާ މަރްޔަމްގެފާނުގެ ރިޒުގެ ގޮތުގައި ދެއްވި ﷲ ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވެސް ނުއުމުރުގައި ދަރިކަލަކު ދެއްވީއެވެ.

ޔަޙްޔާގެފާނުން ބޮޑުފުޅުވަމުން ދިޔައީ ހެޔޮލަފާ، ޢިލްމުވެރި، ޙިކުމަތްތެރި، ތަޤްވާވެރި ބޭކަލެއްގެ ގޮތުގައެވެ. ޔަޙްޔާގެފާނަށް ނަބީކަން ދެއްވުނު އިރު އެކަލޭގެފާނަކީ އަދި ޒުވާން އުމުރުފުރައިގެ ބޭކަލެކެވެ.

އުރުދުންގެ މައުދަބާއަކީ ޔަޙްޔާގެފާނާ ތާރީޚީ ގޮތުން ގުޅިފައި އޮތް ރަށެކެވެ. މައުދަބާއާ މާ ދުރު ނޫން ހިސާބެއްގައި އޮތް މަކާވިރުގައި ޔަޙްޔާގެފާނުންގެ މަގާމުފުޅެއް ހުރެއެވެ.

ރިވާޔަތްތައް ބުނާ ގޮތުގައި އެ ޒަމާނުގައި ހުންނެވި އަނިޔާވެރި ރަސްކަލެއް ކަމުގައި ވާ ހީރޯދުސް ވަނީ ޔަޙްޔާގެފާނު ހައްޔަރުކޮށްގެން ޖަލަށް ލައި އަނިޔާ ކުރުމަށް ފަހު މަކާވިރުގެ ކިއްލާގައި އެކަލޭގެފާނުން ޝަހީދު ކޮށްލައިފައެވެ. އެހެންކަމުން އެކަލޭގެފާނު ފަސްދާނު ލެވިފައި ވާނީ ވެސް ގަބޫލު ކުރެވޭ ގޮތުގައި މަކާވިރުގައެވެ.

ރަސްގެފާނު ހީރޯދުސްއޭނާގެ އަމިއްލަފުޅު އަޚުގެ ދަރިކަނބަލަކާ ކައިވެނި ބައްލަވާން ބޭނުންފުޅުވިއެވެ. މިކަން ޔަޙްޔާގެފާނަށް އެނގިވަޑައިގަތުމުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ. ތިމާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާ ކައިވެނި ނުކުރެވޭނެ ކަމަށާއި އެއީ އަޚްލާޤީ ގޮތުން ވެސް ދަށު ދަރަޖައިގެ ކަމެއް ކަން ރަސްގެފާނަށް ވިސްނަވައި ދެއްވޭ ތޯ މަސައްކަތް ކުރެއްވިއެވެ. މިކަމުގެ ސަބަބުން ރަސްގެފާނުން ބެއްލެވީ ޔަޙްޔާގެފާނަކީ ރަސްގެފާނުގެ ދުޝްމަނެއް ކަމުގައެވެ.

ތާރީޚީ ފަތްފުށްތަކުން އެނގޭ ގޮތުގައި މި ހީރޯދުސް ރަސްގެފާނުން އޭނާގެ އަޚުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތެވެ. މި އަންހެން ކުއްޖާ ވެސް ހުރީ އޭނާގެ ބޮޑުބޭބެއާ ކައިވެނި ކުރުމަށް ބޭނުންވެފައެވެ. އެއީ އެކުއްޖާގެ މަންމަ ވެސް އެކަމަށް ބާރު އެޅުމުގެ ސަބަބުންނެވެ. އިއްޒަތާއި މުދަލުގެ ބޭނުމުގައެވެ.

ޔަޙްޔާގެފާނަކީ މި ކައިވެންޏާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭކަލަކަށް ވާތީ، މި އަންހެން ކުއްޖާ ބޭނުންވީ ކައިވެނި ކުރެވުމާ އެކު ޔަޙްޔާގެފާނުންގެ ކިބައިން ބަދަލު ހިފާށެވެ. މި ވިސްނުމުގައި އޭނާގެ ބޮޑުބޭބެ އަދި ފިރިމީހާ ހީރޯދުސްގެ އަރިހުގައި އެދުނީ ޔަޙްޔާގެފާނުންގެ އިސްތަފުޅު ކަނޑުއްވައިގެން އޭނާގެ ގާތަށް ގެނެސްދިނުމަށެވެ.

ކީރިތި ޤުރްއާނުގައި މި ވާހަކަ ތަފްޞީލުކޮށް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް ތާރީޚީ ފަތްފުށްތަކުގައި، ތާރީޚީ ރިވާޔަތްތަކުގައި މި ވާހަކަތައް އައިސްފައި އެބަ ހުށްޓެވެ. ޤުރްއާނުން މި ވާހަކަތައް ނަފީ ކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ވާހަކަތައް އިސްލާމީ ޢިލްމުވެރީން ދޮގެއް ނުކުރައްވައެވެ.

ޔަޙްޔާގެފާނެކޭ އެއްގޮތަށް ޒަކަރިއްޔާގެފާނު ވެސް ޝަހީދު ކޮށްލެވުނީ ކަމަށް ރިވާޔަތްތަކުގައި އައިސްފައިވެއެވެ. އަދި ރޫމީންގެ ތާއީދު ހޯދުމަށް ޓަކައި މިކަން ކުރީ ޔަހޫދީން ކަމަށް ވެސް ބުނެވެއެވެ. ޔަހޫދީން ވަނީ ﷲ ގެ ނަބިއްޔުން އެއްވެސް ހައްގަކާ ނުލައި ޤަތުލު ކޮށްފައިކަން ކީރިތި ޤުރްއާނުން ވެސް އެނގޭން އޮވެއެވެ.

comment ކޮމެންޓް