ނަބީ ބޭކަލުންގެ ބިންތައް 24 - ސުލައިމާނުގެފާނު 2

ޔަމަނުގެ ސަބާގެ ބިން --

ޔަމަނަކީ ނުބުއްވަތުގެ ބިންތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ބިމެކެވެ. ޔަމަނުގެ ބިމުގައި ޙަޟާރަތުގެ ތާރީޚު ފެށިފައި ވަނީ ވަރަށް ކުރީންނެވެ. ޔަމަނު އޮތް ތަނާއި ޔަމަނުގެ ވަޒަންވެރީން ވެފައި ވަނީ ޙަޟާރަތްތަކަށް ވަރަށް ފަހި މާހައުލެއް ތަނަވަސް ކޮށް ދިން އުންސުރުތަކަކަށެވެ.

ޔަމަނުގެ ބިމުން ނުބުއްވަތުގެ ތާރީހާ ގުޅުން ހުރި ވަރަށް ގިނަ ހެކިތައް ފެނެއެވެ. ޔަމަނުގެ ބިމުގައި ސުލައިމާނުގެފާނާ ގުޅުން ހުރި ހާދިސާތަކެއް ހިނގައިފައި ވެއެވެ. ސުލައިމާނުގެފާނުގެ ޒަމާނުގައި މަޝްހޫރު ސަބާގެ ރަސްކަން އޮތީ ޔަމަނުގެ ބިމުގައެވެ.

ޔަމަނުގެ މިހާރުގެ ވެރިރަށަކީ ޞަންޢާއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މި ވަގުތުގެ ނަޒަރު ހުއްޓިފައި މިހިރީ ސަބާގެ ރަސްކަމުގެ ޒަމާނުގައި ޔަމަނުގެ ވެރިކަން ކުރެވުނު ރަށުގެ މައްޗަށެވެ. އެއީ މާރިބު ޝަހަރެވެ. ނުވަތަ މައްއުރިބް ޝަހަރެވެ.

ޞަންޢާއިން މާރިބު ޝަހަރަށް ދަތުރު ކުރާ އިރު ފެންނާނީ ޔަމަނުގެ ޖޫރާފީގެ މުއްސަނދިކަމެވެ. ފަރުބަދަތަކާއި ވާދީތަކެވެ. ސަހަރާތަކާއި ވާހާތުތަކެވެ.

މާރިބުގެ ބިމަކީ ކުރީގައި ފެން ތިޔާގި ބިމެކެވެ. މާރިބުގެ ސައްދު ހަލާކު ވުމަށް ފަހު، އެ ސަރަހައްދަކީ މީހުން ދިރިއުޅޭން ކަމު ނުދާ ސަރަހައްދަކަށް ވެ، ގިނަ ބަޔަކު އެ ބިމުން ނުކުތެވެ.

މާރިބުގެ ސައްދަކީ ގަދީމީ ޒަމާނުގައި ދުނިޔޭގެ މީމާރީ ތާރީޚުގައި ފާހަގަކޮށްލެވޭ ހަންދަސީ މަސައްްކަތެކެވެ.

މިއަދު އަނެއްކާވެސް މާރިބުގެ ބިމުން ފެހިކަން ވަނީ ފެންނާން ފަށައިފައެވެ. އަދި މީހުން އައިސްގޮސް ވުމުގެ ހަރަކާތްތައް ވަނީ ފެށިފައެވެ. ފަތުރުވެރިކަން ދަނީ ކުރި އަރަމުންނެެވެ.

އިހު ޒަމާނުގައި ސަބާގެ މީހުން އަޅުކަން ކުރި ފައްޅީގެ އާސާރުތައް އަދިވެސް މި ޝަހަރުގައި ފެންނާން އެބަ ހުށްޓެވެ. އެއީ އިރަށް އަޅުކަން ކުރި ބައެއްގެ ފައްޅިއެކެވެ.

މި ފައްޅީން ފެންނަ ހެކިތަކުން ދަލީލު ލިބޭ ގޮތުގައި ސަބާގެ މީހުންގެ ތެރޭގައި ދީނަށް ގަދަރު ކުރުން އޮތީ ވަރަށް މަތީ ދަރަޖައެއްގައެވެ.

ހުދްހުދަކީ ސުލައިމާނުގެފާނުގެ ޚިދުމަތުގައި ﷲ ލެއްވި ދޫންޏެކެވެ. މި ދޫންޏަށް ސަބާގެ ބިމުން ފެނުނު ކަންތައް ސުލައިމާނުގެފާނަށް ފޯރުކޮށް ދިނެވެ.

ސަބާގެ ބިމުން ފެނުނު ކަންތައް ސުލައިމާނުގެފާނަށް ހުދްހުދު ކިޔައިދިނީ ވަރަށް ކުރު ގޮތަކަށެވެ. އެހެންނަމަވެސް ހުރިހާ ކަމެއް ޝާމިލުވާ ގޮތަށެވެ. އެ ހިސާބުން ސުލައިމާނުގެފާނުގެ ފަތްކޮޅެއް ސަބާގެ ރާނީގެ ގަނޑުވަރަށް ފޮނުއްވިއެވެ.

މާރިބު ޝަހަރުން ފެންނަ ތަނބުތަކުގެ ބިޔަ ކަމުންނާއި ވަރުގަދަކަމުން މިއަދުވެސް ހައިރާން ވާހައި ވަރުވެއެވެ. ސަބާގެ ރަސްކަމާ ގުޅުން ހުރި ބައެއް އާސާރުތައް ހުރީ ބިމުގައި ވަޅުލެވިފައެވެ. އެ ތަންތަން ކޮނެ، އަލުން މީހުންނަށް ފެންނަ ގޮތް ހެދުން ވަނީ މުހިއްމު ކަމަކަށް ވެފައެވެ.

ސުލައިމާނުގެފާނުގެ ފަތްކޮޅު ސަބާގެ ރާނީއަށް ލިބިވަޑައިގަތުމުން ގައުމުގެ ބޮޑުން އެއް ކުރައްވައި މަޝްވަރާ ކުރެއްވިއެވެ. އަދި ސުލައިމާނުގެފާނަކީ ނަބިއްޔެއް ތޯ ބެލުމަށް ހަދިޔާ ފޮނުވުމަށް ނިންމިއެވެ. ހަދިޔާ ގަބޫލު ކުރައްވައިފި ނަމަ އެއީ ނަބިއްޔެއް ނޫންކަން ޔަގީން ވީއެވެ. ސުލައިމާނުގެފާނު އެ ހަދިޔާ ގަބޫލެއް ނުކުރެއްވިއެވެ.

ސަބާގެ މަލިކާ ވަޑައިގަތުމުގެ ކުރީން އެކަމަނާގެ ތަޚުތު ސުލައިމާނުގެފާނު އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. ފެންގަނޑެއްގެ މަތީގައި ބިއްލޫރީން ހަދައިފައިވާ ފާލަމެއްގެ މަތީން ސަބާގެ މަލިކާ ވަޑައިގެންނެވި އިރު ސުލައިމާނުގެފާނު ގެންދެވީ ޖިންނީން އެކަލޭގެފާނަށް ދީފައި ހުރި ޚަބަރުތަކުގެ ތެދުދޮގު ބައްލަވަމުންނެވެ.

ސަބާގެ މަލިކާއަށް އެކަމަނާގެ ތަޚުތު ފެނިވަޑައިގަތުމުން ސުވާލު ކުރެވުނީ އެއީ އެކަމަނާގެ ތަޚުތު ތޯއެވެ. އެ ތަޚުތަށް ބަދަލު ގެނެވިފައި ހުރުމާ އެކު ވެސް އެއީ އެ ތަޚުތު ހެން ހީފުޅު ވާ ކަމަށް ސަބާގެ މަލިކާ ބަލްގީސް ވިދާޅުވި ވިދާޅުވުމުން އެކަމަނާގެ ވިސްނުންފުޅު ރަނގަޅުކަން ސާބިތުވެއެވެ.

އެ ޙަޟާރަތް އެ ވަނީ މާޒީގެ ސޮފްހާތަކުގެ ތެރޭގައެވެ. އެހެންނަމަވެސް ހާލުގެ ލޮލަށް ފެންނަ މަންޒަރުތައް އަދި ވެސް ކުރިމަތީގައި އެހެރީއެވެ.

comment ކޮމެންޓް