ނަބީ ބޭކަލުންގެ ބިންތައް 22 - ދާވޫދުގެފާނު

ޤުދުސް ޝަހަރު --

ޤުދުސް ޝަހަރަކީ މުސްލިމުންގެ ފުރަތަމަ ގިބުލައެވެ. މައްކާ ފިޔަވައި ދުނިޔޭގެ ބިންމަތީގައި އޮތް އެންމެ މުގައްދަސް ޝަހަރަކީ ޤުދުސްއެވެ. ފަލަސްޠީނުގެ ޝަހަރުތަކުގެ ތެރެއިން އެންމެ މުހިއްމު ޝަހަރަކީ ޤުދުސްއެވެ. ޤުދުސް ނުވަތަ "އޫރު ޝަލީމް" އަކީ ފަލަސްޠީނުގެ ހިތެވެ.

ފަލަސްޠީނާއި ޤުދުސް އަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ ޖޫރާފީގޮތުން ފަލަސްޠީނު އޮތް ސަރަޙައްދުގެ ސަބަބުންނެއް ނޫނެވެ. ފަލަސްޠީނާއި ޤުދުސްގެ ދިގު ތާރީޚުގައި ހިނގާފައިވާ މުހިއްމު ހާދިސާތަކުގެ ސަބަބުންނެވެ.

ސަމާވީ ދީންތަކުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުންގެ ގާތުގައި ފަލަސްޠީނަށް، އަދި ވަކީން ޚާއްޞަކޮށް ޤުދުސަށް ދެވިފައިވާ ޤަދަރުގެ ސަބަބުން ކޮންމެ ބަޔަކު ވެސް ދަނީ ޤުދުސުގެ ނުވަތަ ޔަހޫދީން ކިޔާ ގޮތަށް ނަމަ ޔަރޫޝަލަޔިމް (ޖެރޫސަލަމް) ގެ މިލްކުވެރިކަމަށް ދަޢުވާ ކުރަމުންނެވެ.

ފަލަސްޠީނުގައި ޢަރަބީންގެ ކަންޢާނީ ދަރިކޮޅުގެ މީހުން އުޅެން ފެށީ ޢީސާ ޢަލައިހިއްސަލާމުގެ މީލާދުގެ 4000 އަހަރު ކުރިންނެވެ. އަލްޤުދުސުއްޝަރީފު ބިނާ ކުރީ ވެސް މި ދެންނެވި ދަރިކޮޅުގެ މީހުންނެވެ. ފީނީގީންގެ ބަހުން ފަލަސްޠީނަށް "ކަންޢާން" މި ނަން ދީފައިވަނީ ވެސް މި ސަބަބަށް ޓަކައެވެ.

ފަލަސްޠީނު އާބާދުވި ފަހުން ވަޑައިގަތް ހުރިހާ ރަސޫލުންނާ ވެސް އެތަނާ ވަނީ ވަރަށް ބޮޑު ގުޅުމެއް އުފެދިފައެވެ. މި ގޮތުން ފަލަސްޠީނު ވެފައި ވަނީ ސަމާވީ ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ހުރިހާ މީހުންގެ ގާތުގައި ވެސް ވަރަށް މުޤައްދަސް މަރުކަޒެއް ކަމުގައެވެ. ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި ތައުޙީދުގެ ދިދަ އުފުލިފައިވަނީ ޢީސާ ޢަލައިހިއްސަލާމުގެ 2500 އަހަރު ކުރިން ޔަބޫސީ ޚާންދާނުގެ ވެރިކަމުގައެވެ.

ޔަހޫދީން ފަލަސްޠީނަށް ވަދެފައިވަނީ ﷲ، މޫސާ ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުންގެ ޤައުމުން އީމާންވީ މީހުންނަށް، މިޞްރުން ނުކުމެ ފަލަސްޠީނަށް ވަނުމަށް އަމުރު ކުރެއްވުމުން، އެ އަމުރުފުޅަށް ޔަހޫދީން ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކުރިމަތިވި މުޞީބާތުގައި 40 އަހަރު ވަންދެން ސަޙަރާ ތެރޭގައި މަގު އޮޅިފައިވުމަށް ފަހުގައެވެ.

ޔަހޫދީން މާތް ވެގެންވާ ޤުދުސަށް ވަނީ ޢަރަބީން ފަލަސްޠީނާއި ޤުދުސް ބިނާ ކުރިތާ 3000 އަހަރު ފަހުންނެވެ. އެއީ އެ މީހުން ފަލަސްޠީނަށް ވަންތާ 150 އަހަރު ފަހުންނެވެ. މީލާދުގެ ކުރީގެ ސަނަތުން 720 ވަނަ އަހަރާއި 722 ވަނަ އަހަރާ ދެމެދު އާޝޫރީން، އިސްރާއީލީންނަށް ޙަމަލާދީ އެމީހުން ދިރިއުޅެމުން ދިޔަ ތަންތަން ހަލާކުކޮށް ފަލަސްޠީނުގެ އުތުރުން އެ މީހުން ނެރެލިއެވެ.

comment ކޮމެންޓް