މައުމޫނަށް އެއްޗެހި ކިޔުނީތީ ރިގްރެޓްކުރަން، މިހާރު މައާފަށް އެދެފިން: އަލީ ވަހީދު

އަލީ ވަހީދު -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ވަރަށް ޒުވާން އުމުރުގައި ސިޔާސީ މައިދާނަށް ނިކުންނެވި ބޭފުޅެކެވެ. އޭރުގެ އެންމެ ބޮޑު ޕާޓީ، ޑީއާރްޕީގެ ވަރައިގެ ދަށުގައި އަލީ ވަހީދު މަސައްކަތް ކުރެއްވީ އޭރުގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމްއާ އެކު އެވެ.

މައުމޫނާ އެކު ކުރެއްވި ސިޔާސީ މަސައްކަތުގެ ތެރެއިން 2009 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، އެންމެ ޒުވާން ބޭފުޅެއްގެ ގޮތުގައި އަލީ ވަހީދު ކާމިޔާބު ކުރެއްވި އެވެ. ޑީއާރުޕީގެ މެންބަރެއްގެ ގޮތުގައި ރައީސް މައުމޫނަށް ތައުރީފު ކުރައްވައި އެމްޑީޕީ އަށް ބަހުގެ ހަމަލާތައް ފޮނުއްވި އެވެ. ރައްޔިތުންގެ މަޖިލީހުގައި އޭރު ދެކެވުނު ވާހަކަތައް މިހާރު ވެސް ވީޑިއޯ އިން ފެންނަން އެބަހުއްޓެވެ.

ދެން ކުއްލި އަކަށް ފެނުނީ ރައީސް މައުމޫނުގެ އޮޑިން ފުންމަވާލައްވައި އެމްޑީޕީގެ އޮޑިއަށް އަލީ ވަހީދު އެރުއްވި ތަނެވެ. މައުމޫނަށްކީ ސަނާގެ ރާގު ބަދަލުވެ، ބަހުގެ ހަމަލާތައް ފޮނުއްވަމުން ގެންދެވިތަނެވެ.

ސަން އޮންލައިންގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އޭރު ރައީސް މައުމޫނާ ދިމާލަށް ކިޔުނު އެއްޗިއްސާ މެދު ފަހުން ދެރަވެ ހިތާމަ ކުރެވުނު ކަމަށެވެ. އަދި އެކަމަށް މައުމޫނު އަރިހުން މައާފަށް އެދިވަޑައުގަތް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އޭރު ޒުވާން އިރުގައި އެ ހާވަރަކަށް ނުވިސްނޭ. [މިހާރު] ކްލޭޝްވެ ދެރަޔެއް ލިބޭކަށް ބޭނުމެއް ނުވޭ. ޕޯޑިއަމްތަކުގައި އެގޮތަށް ދެވުނީމާ އެ ރިގްރެޓު [ދެރަވެ] ކުރަން. އަދި ފަހުން އަޅުގަނޑު މައާފަށް ވެސް އެދުނިން ވަޒީރަކަށް އައުމަށް ފަހު [ރައީސް މައުމޫނާ] ބައްދަލު ކޮށްފައި،" އަލީ ވަހީދު ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމަކީ ޒާތީ ވުމަށް ވާން ނުޖެހޭ ކަމަށެވެ.

"ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އަރިހުން ވެސް މައާފަށް އެދުނިން. އެއީ ކުރިން އަޅުގަނޑުމެން ސާވްކުރި [ހިދުމަތްކުރި] ލީޑަރުން. ހިޔާލު ތަފާތުވުންތަކުގައި ދުރަށް ދިޔައީ،" އަލީ ވަހީދު ވިދާޅުވީ ރައީސް މައުމޫން އާއި ނަޝީދަކީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ކަމަށް ވެފައި، ޓޫރިޒަމް ދާއިރާއަށް އެބޭފުޅުންގެ ތަސައްވަރެއް އޮންނާނެ ކަމަށް ގަބޫލު ކުރެއްވި ކަމަށެވެ.

"އެވާހަކަ އަޑުއަހަން އަޅުގަނޑު ދިޔައީ. އޭގެ އިތުރުން އަޅުގަނޑު ބޭނުންވީ ރެކޯޑަށް ޓަކައި އެއްވެސް ހިތްހަމަ ނުޖެހުމެއް ބާއްވަން،" އަލީ ވަހީދު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވި ސިޔާސީ ހޫނުގަނޑުގައި ރައީސް މައުމޫން އަދި ރައީސް ނަޝީދު ވެސް ގިނަ ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

"ވީ އާ ވަން ޓީމް. [އަޅުގަނޑުމެންނަކީ އެއް ޓީމެއް]. ކީއްވެގެންތޯ ބައިބައިވަންވީ؟،" އަލީ ވަހީދު ވިދާޅުވި އެވެ. މިއީ ސިޔާސީ ގޮތުން ހެދުނު ގޯސްތައް ރަނގަޅު ކުރަންވީ ވަގުތު ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް