އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ރާއްޖޭގެ އެކި ހިސާބުތަކުގައި 500 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިހާބާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ "އޭޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ރާއްޖޭގެ އެކި ރަށްރަށުގައާއި ހިސާބުތަކުގެ ވޯޓުލާ ސަރަހައްދު ތަކުގައި 500 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ. އަދި މުޅި ފުލުހުންގެ މުއަައްސަސާ އެދުވަހު ހަރަކާތެރިވާނީ އިންތިހާބާ ގުޅޭ ކަންތައްތަކުގައި،"
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ އަމާޒަކީ މި އިންތިހާބު ވީހާވެސް އަމާން އޮމާން މާހައުލެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިގޮތަށް މަގު ފަހި ކުރުމަށްޓަކައި ކުރެވެން ހުރި ހުރާ މަސައްކަތެއް އެންމެ ފުރިހަމަ ގޮތުގައި ކުރާނެ ކަމު ޔަގީންކަން އަރުވާ ކަމަށެވެ.
ހަމީދު އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ އިންތިހާބު ތަކުގައި އިލެކްޝަންސް ކޮމިޝަނާ އެއްކޮށް ކުރެވުނު މަސައްކަތްތަކުގެ އަލީގައި އިތުރަށް ކުރެވެން ހުރި ކަންތައްތައް ބަލާ ކުރާނެ ކަމުގައެވެ.
މިފަހަރުގެ އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންގެ ޖަގަހަތަކަށާއި ކެމްޕެއިނުގައި ބޭނުން ކުރާ ތަކެއްޗަށް ގެއްލުންދޭ މައްސަލަ ފުލުހުންނަށް ހުށަހެޅެމުން ދާ ކަމަށާއި އެކަންތައްތައް ބަލައި ފިޔަވަޅު އަޅަމުން ދާކަމަށް ހަމީދު ވިދާޅުވިއެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ މި ޕްރޮގްރާމުގެ ސަބަބުން އިންތިހާބާ ގުޅޭ ހުރިހާ މައުލޫމާތެއް ފުލުހުންނަށް ލިބިގެންދާނެ ކަމަށް،"
މި ހަފްލާގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އަމާޒަކީ ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރައްޔިތުން ބަލައިގަންނަ ދެފުށް ފެންނަ އިންތިހާބަކަށް ހެދުން ކަމަށާއި ވީހާވެސް އަމާން އޮމާންކޮށް އިންތިހާބުގެ ކަންތައްތައް ގެންދިއުމަކީ އެ ކޮމިޝަނުގެ އުއްމީދު ކަމަށެވެ.
އަދި މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ސަރަހައްދުގައި އާންމުންނަށް މަޑު ނުކުރެވޭނެ ކަމަށާއި އެސަރަހައްދުތައް ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ބޮޑުވާނެ ކަމުގައި ޝަރީފު ވިދާޅުވިއެވެ.
"ފުލުހުންނަށް ވެސް ވޯޓު ފޮށި ބެހެއްޓިފައި ހުރި ސަރަހައްދަށް ވަދެވޭނީ ވޯޓު ފޮށީގެ ވެރި ފަރާތުގެ ހުއްދައާ އެކު،" ޝަރީފު ވިދާޅުވިއެވެ.
ފުލުހުންނަށް މައުލޫމާތު ދިނުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި 66 ފުލުސް އޮފިސަރުން ބައިވެރިވިއެވެ.