ރާއްޖޭގެ އިގްތިސޯދީ ތަރައްގީގައި ޕާކިސްތާނުގެ ދައުރު ބޮޑު: ނައިބުރައީސް

79ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި ޕާކިސްތާނުން މުހިއްމު ރޯލެއް އަދާކޮށްފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހަތް ދިހަ ނުވަ ވަނަ "ޕާކިސްތާން ޑޭ" ފާހަގަ ކުރުމަށް ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި ވެސް ރާއްޖެ އާއި ޕާކިސްތާނު ގުޅިގެން، ދެ ގައުމަށް ފައިދާ ކުރާނެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.

"ދެކުނު އޭޝިޔާ އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމާއި އަމާންކަމާއި ހަމަޖެހުން ކަށަވަރުކޮށް އިތުރު ފާގަތިކަން ހޯދުމަށް ރާއްޖެ އާއި ޕާކިސްތާނު ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ރޭގެ ހަފްލާ އަށް ނާއިބު ރައީސް އާ ފޮރިން މިނިސްޓްރީގެ އޮފިޝަލުން ފިޔަވައި އެއްވެސް މިނިސްޓަރަކު ވަޑައެއް ނުގަންނަވަ އެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންތައް އިތުރުކުރަމުންދާ ކަމަށް ވެސް ނައިބު ރައީސް ރޭ ވިދާޅުވި އެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރާނެ ކަމަށާއި މި ގުޅުމަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މި ގުޅުމުގެ ސިއްރަކީ ދެގައުމުގެ އެއްގޮތް ސަގާފަތާއި، އިސްލާމްދީނާއި، އެއް ގައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ޕާކިސްތާން ޑޭ އަކީ 1940 ވަނަ އަހަރުގެ މާޗް 23ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ގަރާރާއި ގުޅިގެން، 23 މާޗު 1956ގައި، ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެން ފާހަގަ ކުރާ ދުވަހެކެވެ.

comment ކޮމެންޓް