ހަނިކޮށްފައިވާ ބާރުތައް ހޯމް މިނިސްޓަރަށް އިޔާދަކޮށްދޭން ނިންމައިފި

ރައީސް ސޯލިހު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަންނަވަނީ: ރައީސް ސޯލިހު ވަނީ ހަނި ކޮށްފައިވާ ހޯމް މިނިސްޓަރުގެ ބާރުތައް އަލުން ދިނުމަށް ނިންމާފައި ---

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓަރަށް ލިބިގެންވާ ބާރުތަކުގެ ތެރެއިން ހަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ހިމެނި ކަންކަން ހޯމް މިނިސްޓަރަށް އަލުން އިޔާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ނިމިގެން ދިޔަ ސަރުކާރުގެ ވިސްނުން އޮތީ ބާރުތައް ޖަމާކޮށްގެން މަރުކަޒީ ނިޒާމެއްގެ ތެރެއިން ގައުމު ހިންގުން ކަމަށެވެ. އަދި ހޯމް މިނިސްޓަރަށް ލިބިދީފައިވާ ބާރަތަކެއް ނަންގަވާފައި ކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުވާނީ އެ ބާރުތައް (ހޯމް މިނިސްޓަރުގެ ބާރުތައް) އަނެއްކާ ވެސް ހޯމް މިނިސްޓަރަށް ދޫކޮށްލުމަށް ސޮއިކުރަން ޖެހޭ ލިއުމުގައި ސޮއިކޮށް އެކަން ނިންމާފައި. އިރާދަކުރެއްވިއްޔާ ފުލުހުންގެ ގާނޫނުގައި އެވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް މި ހަފްތާ ތެރޭގައި އަނެއްކާވެސް ހޯމް މިނިސްޓަރަށް ލިބި ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑުވާނީ ދޫކޮށްލާފައި،" ރައީސް ވިދާޅުވި އެވެ.

ސަން އޮންލައިނުން ގެނެސްދޭ ފަންސާސް މިނެޓް ޕްރޮގްރާމްގައި މިދިޔަ ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، އޭނާ ހޯމް މިނިސްޓަރަކަށް ހުއްޓައި އޭނާގެ އަތުން ބާރުތައް ނަގާފައިވަނީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބުއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފުލުހުންނަށް އަމުރުކުރި ހިސާބުން ކަމަށެވެ.

ނަމަވެސް އޭރު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވަނީ އެކަން ދޮގު ކުރައްވައި ހޯމް މިނިސްޓަރުގެ އެއްވެސް ބާރެއް ރައީސް ހަނި ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

https://sun.mv/44362

އެނގިފައިވާ ގޮތުގައި އޭރު، ރައީސް ޔާމީން ހަނިކުރެއްވީ ފުލުހުންގެ 16 ވަނަ މާއްދާ އިން ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތަކެވެ.

ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ފުލުހުންގެ ކޮންމެ ވެރިޔަކަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން މިނިސްޓަރަށް ހިފެއެވެ. މީގެ އިތުރުން ކޮންމެ ހިނދެއްގައި ވެސް ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ނެރެވެއެވެ. އަދި ފުލުހުންގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި ގަވާއިދާއި އަމުރުތައްވެސް މިނިސްޓަރަށް ނެރެވެއެވެ.

ނަމަވެސް ހަމަ އެ މާއްދާގައި ބުނެފައިވާ ގޮތުގައި މި ބާރުތައް މިނިސްޓަރަށް ލިބެނީ ރައީސް ކަނޑައަޅާ ހުދޫދެއްގެ ތެރޭގައެވެ.

comment ކޮމެންޓް