މިސްކިތްތަކަށް ދިން ހަމަލާ ރާއްޖެ އިން ކުއްވެރިކޮށްފި

ހަމަލާގައި އަނިޔާވި މީހަކު އެމްބިއުލާންސްއަށް އަރުވަނީ: މި ހަމަލާ ރާއްޖެ އިން ވަނީ ކުއްވެރިކޮށްފައި -- ފޮޓޯ/ ރޮއިޓާސް

ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް ހުކުރު ވަގުތު ދިން ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި އެވެ.

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ނިއު ޒިލޭންގްގެ ކްރިސްޓް ޗާޗްގައި ހުންނަ މި ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 49 މީހަކު މަރުވެ، 20 އަށް ވުރެ ގިނަ މީހަކަށް ވަނީ އަނިޔާ ވެފައެވެ.

މި ހާދިސާގައި އެއްވެސް ދިވެއްސަކަށް އަނިޔާ ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި ހަމަލާ ކުއްވެރިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓް ކުރައްވާފައެވެ.

ހަމަލާ ކުއްވެރިކޮށް ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހަމަލާގައި ޝީކާރަކައަކަށްވި ފަރާތްތަކަށް ހެޔޮ ދުއާ ކުރާ ކަމަށާއި ތަހުޒީބު ވެފައިވާ މުޖްތަމައުއެއްގައި ޓެރަރިޒަމްއަށް އެެއްވެސް ޖާގައެއް ނެތް ކަމަށެވެ.

އަބްދުﷲ ޝާހިދު ކުރެއްވި ޓްވިޓް ގައި ވިދާޅުވީ، ޓްރަރިސްޓް އެ އަމަލު އެންމެ ހަރުކަށީ އިބާރާތުން ކުއްވެރި ކުރާ ކަމަށާއި ހަމަލާގެ ޝިކާރަކަށްވި ފަރާތްތަކާއި އައިލާއަށް ހެޔޮ ދުއާ ކުރާ ކަމަށެވެ.

މި ހަމަލާ ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކުުއްވެރި ކުރައްވާފައެވެ.

މި ހަމަލާއާ ގުޅިގެން ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑާން، ނޫސްވެރިނާ ބައްދަލުކޮށް ވިދާޅުވީ، މިއީ ދުރާލާ ރާވައިގެން ދިން "ޓެރަރިސްޓް ހަމަލާ" އެއް ކަމަށެވެ.

މިއަދަކީ އަދި މިއަދު ވެގެން ދަނީ މިގައުމުގެ ތާރީހުގައިވެސް އެންމެ ކަޅު އަދިރި އެއް ދުވަހަށް،" ކަންބޮޑުވެ ހުންނަވާ ނޫސްވެރިންނާ ބައްދަލުކޮށް ބޮޑު ވަޒީރު ވިދާޅުވިއެވެ.

މި ހަމަލާ ބޭރުގެ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ދަނީ ކުއްވެރި ކުރަމުންނެވެ.

comment ކޮމެންޓް