ފޮރިން މިނިސްޓަރު އިރުތިޝާމް، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ސަލާމްކުރައްވަނީ --- ފޮޓޯ: އިރުތިޝާމް އާދަމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ މިއަދު ބައްދަލުކުރައްވައިިފިއެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުކަށް ވަޑައިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިވަގުތު ހުންނެވި އިރުތިޝާމް 'އެކްސް'ގައި ލިޔުއްވައިފައި ވަނީ، މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި، ޒިންމާދާރު އަވަށްޓެރި ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ އިންޑިއާއާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވައިފައިވާނެ ކަމަށެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، އެކުވެރި އަދި ޒިންމާދާރުކަމާއެކީ، ދެ ގައުމުގެ ދެމެދު ބިނާވެފައި އޮތް އިހުތިރާމާއި އިތުބާރުގެ މަތީގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" އިނގިރޭސި ބަހުން އިރުތިޝާމް ލިޔުއްވި ޕޯސްޓުގައިވެއެވެ.

ހަމަ އެހެންމެ އިންޑިއާއިން އަބަދު ވެސް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި އިރުތިޝާމް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މޯދީ ދެއްވާ އަހަންމިއްޔަތުކަން ވެސް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ދެ ގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުން އަބަދު ވެސް ރާއްޖޭން އަބަދު ވެސް ބަލައިގަންނަކަން ފާހަގަކުރައްވައި އިރުތިޝާމް މިސާލު ނަންގަވައިފައި ވަނީ މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ގުޅައިލުމަށް އަޅާ ތިލަމާލޭ ބްރިޖުގެ މިސާލުންނެވެ.

ފާހަގަކުރެވޭ ގޮތުގައި މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއާ އޮތް ގުޅުން ވަރަށް ގޯސްވިއެވެ.

އެއީ ސަރުކާރުގެ އިސް މަގާމެއްގައި ތިއްބެވި ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ. އޭރު، އިންޑިއާގެ ނުފޫޒުގަދަ ބައެއް ފިލްމީ ތަރިން ހިމެނޭހެން އެތައް ބަޔަކު ވަނީ ރާއްޖެ ބޮއިކޮޓުކުރަން ވެސް ގޮވާލައިފައެވެ.

އެކަމަކު އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފައިވާއިރު، މިދިޔަ އަހަރުގެ ދިވެހި މިނިވަން ދުވަސް ޝަރަފުވެރިކޮށްދެއްވަން މޯދީ ވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

comment ކޮމެންޓް