ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފިއެވެ.
މިއަދު އެ އިސްލާހު ތަސްދީގުކޮށް ގެޒެތްގައި ޝާއިއުކޮށްފައިވާއިރު، މި އިސްލާހަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ. އެ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވީ މިދިޔަ ހަފްތާ ހޯމަ ދުވަހުއެވެ.
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފިނަމަ އެ ވޯޓު ބާތިލުވާގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ، ސ. ހުޅުދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދެވެ.
އިސްލާހު ފާސްވެގެން ދިޔައީ ވޯޓުގައި ބައިވެރިވެވަޑައިގަތް 53 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ އިސްލާހާ ގުޅިގެން ވޯޓު ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފިނަމަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.
އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު، އަހްމަދު އަކްރަމް އިއްޔެ "ސަން"އަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަހަށް ކުޑަތަންވެފައި ވަނިކޮށް އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"މިކަމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު މިވަގުތު އެ ގާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުން އެކަމަށް ރައްޔިތުން އަހުލުވެރި ކުރުވަން ދަތިތަކެއް އެބަހުރި. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މިއޮތީ ކުޑަތަންވެފައި. ރައްޔިތުން އަހުލުވެރިކުރުވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް،" އަކްރަމް ވިދާޅުވިއެވެ.
ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހެޅީ އިދިކޮޅު މައި ޕާޓީ ޕީޕީއެމުންނެވެ. މީގެ ކުރިން ވޯޓު ކަރުދާހުގައި ނުކުރެހޭ ގޮތަށް އޮތް އޮތުން ކުރެހޭ ގޮތަށް ބަދަލުކުރީވެސް ޕީޕީއެމުން ހުށަހަޅައިގެންނެވެ.