ރައްޔިތުންގެ ވައުދާ ހިލާފުވާ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގެންޖެހޭ: ޑރ. ޝައިނީ

ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ މުހައްމަދު ޝައިނީ ---

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ރައްޔިތުންގެ ވައުދާ ހިލާފުވާ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވަކި ކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ އޭނާ ގަބޫލުކުރާ ސިސްޓަމަކީ ރައްޔިތުންދޭ ވޯޓާ ހިލާފުވާ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށެވެ.

"ރައްޔިތުން އެދޭ ވޯޓު އެންމެ މުހިންމު ވަނީ. އެހެންވީމާ ރައްޔިތުން ބުނާ އެއްޗެއް ގަބޫލު ނުކުރާ ނުވަތަ ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ނުކުރާ މީހަކު ރައްޔިތުންގެ މަޖިލިސްގައި ހުރެވޭނެ ގޮތެއް އޮވެގެން ނުވާނެ." ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ އެގޮތަށް އެކަން ކޮށްފި ނަމަ ރައްޔިތުންނަށް ފައިދާވާ އެއްވެސް ބިލެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެބިލަށް ހުރިހާ މެމްބަރުން ވެސް ތާއީދު ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރާއި ގުޅުވައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރަށް ފައިދާ ހޯދަންށޭ ބުނެ ސަރުކާރާ މެމްބަރުން ގުޅުވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މިއީ ރިޔާސީ ނިޒާމެއް ކަމަށާއި މި ނިޒާމުން މެނިފެސްޓޯއެއް ހުށަހަޅައިގެން ސަރުކާރެއް މިހާރު އައިސްފައިވާ ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ހުރި ހުރިހާ ކަމެއް ކުރުމަކީ ސަރުކާރަށް މަޖުބޫރު ކަމެއް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އެހެންވެއްޖެޔާ ދެން މަޖިލީހެއް ބޭނުމެއް ނުވާނެ މެނިފެސްޓޯގައި ހުރި ކަންކަން ކުރާކަށް. އެހެން މިދެންނެވީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ސަރުކާރުން ހުށަހަޅައިފި ކަމަށްވަންޏާމު އެއަށް ނޫނެކޭ ނުބުނާނެ އެއްވެސް ޕާޓީއެއްގެ އަދި މިނިވަން ކެންޑިޑޭޓަކު ވެސް." ޑރ. ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ކޮންމެހެން ކޯލިޝަން ނުވަތަ ވަކި ޕާޓީއަކަށް ނިސްބަތްވާތީ އެމީހަކު މަޖިލީހަށް އިންތިހާބު ކުރަން ނުޖެހޭ ކަމަށާއި އިންތިހާބު ކުރަންވީ ރައްޔިތުނަނަށް ފައިދާ ހުރި ކަންކަން ކުރެވޭނެ ގާބިލު މީހުން ކަމަށެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް މަޖިލީހަށް ހުށަހަޅާ ކޮންމެ ބިލަކަށް ކޮންމެ މެމްބަރަކު ވޯޓު ދޭން ޖެހޭނެ ކަަމަށް ގަބޫލުކުރާ ކަމަށެވެ.

"ވަކި ޕާޓީއެއް ވީމާ ވަކި ކޯލިޝަނެއް ވީމަ ވޯޓު ދޭންޖެހޭ އުސޫލަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން." ޑރ. ޝައިނީ ވިދާޅުވި އެވެ.

comment ކޮމެންޓް