އެޖެންޑާ 19 އަށް ވޯޓު ދީފި ނަމަ އަންނާނީ ހިތާމަވެރި ދުވަސްތަކެއް: ޑރ. ޝައިނީ

ހެންވޭރު އުތުރު ދާއިރާގެ ކެންޑިޑޭޓް ޑރ. ޝައިނީ މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެޖެންޑާ 19 އަށް ވޯޓު ދީފި ނަމަ އަންނާނީ ހިތާމަވެރި ދުވަސްތަކެއް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އެޖެންޑާ 19 އަކީ އެމްޑީޕީގެ މަޖިލިސް މެނިފެސްޓޯއެވެ.

ކެމްޕެއިން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، ގާނޫނު އަސާސީގެ މަހްފޫމަކީ މަޖިލީހަށް ހޮވަން ޖެހޭނީ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު ކަމަށާއި އެމްޑީޕީ ކެންޑިޑޭޓުން މަޖިލީހަށް ހޮވައިދީފި ނަމަ ސަރުކާރަށް ފާރަވެރިވާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި އެއީ އެމްޑީޕީ ކެންޑިޑޭޓުންނަށް ފަސޭހަ ވާނެ ކަމެއް ނޫން ކަމަށް ޝައިނީ ވިދާޅުވިއެވެ.

"އެމްޑީޕީއަށް ނުވަތަ އެޖެންޑާ 19 މަޖިލިސް ލިބެއްޖެ ނަމަ އަޅުގަނޑަށް ވަރަށް ޔަގީން ތިބޭފުޅުން ވަރަށް ދެރަވާ ދުވަހެއް އައިސްދާނެ،" ޝައިނީ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ނަގާ މަޖިލިސް އިންތިހާބުގެ ވޯޓަކީ، ވޭތުވެދިޔަ މާޒީއަށް އަނެއްކާވެސް ރާއްޖެ ގެންގޮސްދާނެ ވޯޓެއް ކަމަށް ޝައިނީ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ވެސް ހިމެނިވަޑައިގެންނެވި ޝައިނީ ވިދާޅުވީ، އިންޑިއާގެ ސަރުކާރުން ހަދިޔާ ކުރި ހެލިކޮޕްޓަރުތައް ފޮނުވާލީ، ރާއްޖޭގައި އިންޑިއާ ސިފައިން ގިނަ ކުރަން އެ ގައުމުން ބޭނުން ވުމުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ތިބޭ ސިފައިންގެ އަދަދު 80 އިންޑިއާ ސިފައިންނަށް އިތުރުވެފައިވާ ކަމަށް ޝައިނީ ތުހުމަތު ކުރެއްވި އެވެ.

ޝައިނީ ވިދާޅުވީ، މިހާރު ސަރުކާރުގައި ތިބި ބޭފުޅުން އޭރު އިދިކޮޅުގައި ތިބި އިރު، ސަރުކާރުން ވަރަށް ގިނަ ފަޅު ރަށްތައް ޗައިނާ އަށް ދިންކަމަށް ވާހަކަދެއްކި ކަމަށާއި ނަމަވެސް ސަރުކާރާ ހަވާލުވުމަށްފަހު އެއިން އެއްވެސް ފަޅުރަށެއް ނުދެއްކުނު ކަމަށެވެ.

ކުރިން މި ގައުމު ދަރަނިވެރިކުރުވާ ވާހަކަ އެބޭފުޅުން ދެއްކި ކަމަށާއި ނަމަވެސް މި ސަރުކާރުން އެއްމަސްތެރޭ ގައުމު ދަރުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ޝައިނީ ވިދާޅުވީ، އޭނާ މަޖިލީހަށް އިންތިހާބު ކޮށްދެއްވައިފިނަމަ ހުންނާނީ މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށާއި އިދިކޮޅު ފަރާތްތަކާ ނުގުޅި، ރައްޔިތުންނަށް ފައިދާވާ ކަންތައްތަކުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް