އިނގިރޭސި އެމްޕީއެއްގެ އަގުބޮޑު ޗުއްޓީއަށް ހަރަދުކުރެއްވީ ޝައިނީ

(ކ) ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި (ވ) ޔޫކޭގެ ޕާލަމެންޓް މެމްބަރު އިއަން ޕެއިސްލީ ---

ދެހާސްސޯޅަ ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވި އިނގިރޭސި ޕާލިމެންޓު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިއަން ޕެއިސްލީ ރާއްޖޭގައި ހޭދަކުރެއްވި ޗުއްޓީއަށް ހަރަދު ކުރެއްވީ ކުރީގެ ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށް ބީބީސީގެ ސްޕޮޓްލައިޓް ޕްރޮގްރާމުން ރިޕޯޓުކޮށްފިއެވެ.

ޕެއިސްލީ، ފެބްރުއަރީ 2016 ގައި ބްރިޓިޝް-މޯލްޑިވްސް އޯލް-ޕާޓީ ޕާލަމެންޓްރީ ގްރޫޕު (އޭޕީޕީޖީ)ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތެވެ. އެގުރޫޕުގެ ޗެއާ ޑޭވިޑް އެމެސްއާއި އިތުރު މެމްބަރަކާއެކު ޖުމްލަ ތިން ބޭފުޅުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ގައުމުތަކުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ދެކޮޅަށް ވާހަކަދެއްކެވިއެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލުގައި ހުންނެވުމަށް ހަދާފައިވާ ތަނަށް ޒިޔާރަތްކުރައްވައި، އެތަންތަނަކީ ފެންވަރު ރަނގަޅު ތަނެއްކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

ބީބީސީން ރިޕޯޓުކުރި ގޮތުން 2016 ވަނަ އަހަރު ސަރުކާރުގެ ހަރަދުގައި އޭޕީޕީޖީން ރާއްޖެއަށް ވަޑައިގެންނެވިތާ އަށް މަސް ފަހުން، ޕެއިސްލީއާއި އޭނާގެ އާއިލާ ޗުއްޓީ ހޭދަ ކުރެއްވުމަށް ކޮކޯ ބޮޑު ހިތި ރިސޯޓަށް ވަޑައިގެންނެވި އެވެ. އަދި އެ ޗުއްޓީއަށް ހަރަދުކުރެއްވީ ކުރީގެ ފިޝަޒީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީކަން، ކޮކޯ ބޮޑު ހިތި ރިސޯޓު ހިންގާ ސަންލެންޑް ހޮޓެލްސްގެ ވެރިޔާ ހުސައިން ހިލްމީ ދެއްވި ބަޔާނަކުން އެނގޭކަމަށް ބީބީސީން ރިޕޯޓުކުރި އެވެ.

"ސަންލޭންޑް ހޮޓެލްސްގެ ރިޒޯޓެއްގެ ރޭޓުތަކާ ބެހޭ ގޮތުން 2016 ވަނަ އަހަރު މުހައްމަދު ޝައިނީ، ހިލްމީ ގާތު އެއްސެވި. ހިލްމީއަށް ލިބުނު މައުލޫމާތަކީ އެއީ ޝައިނީއާ ގާތް ފަރާތެއް ކަމަށްވާ އިއަން ޕެއިސްލީއާއި އޭނާގެ އާއިލާގެ ޕްރައިވެޓް ޗުއްޓީއަކަށް ކަމަށް. އިއަން ޕެއިސްލީގެ ޗުއްޓީއަށް ޝައިނީ ފައިސާ ދެއްކެވީ ހެޑް އޮފީހުގައި،" ހިލްމީގެ ބަޔާނުގައި ވެއެވެ.

ޕެއިސްލީ ވަނީ އެ ރިޕޯޓަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ޝައިނީ ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައި ކަމަށް ބީބީސީން ރިޕޯޓުކުރެއެވެ.

https://sun.mv/113083

ދެހާސް ސޯޅަ ވަނަ އަހަރު ޕެއިސްލީ ރާއްޖޭގައި ހޭދަ ކުރެއްވި ޗުއްޓީގެ ތަފްސީލު އޭނާ އިނގިރޭސި ޕާލިމެންޓާ ހިއްސާކޮށްފައި ނުވާކަން ބީބީސީން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭރު ޕެއިސްލީ ވިދާޅުވި ގޮތުގައި އެ ޗުއްޓީގެ ހަރަދުގެ އެއްބައި ދެއްކެވީ އޭނާ އެވެ. އަދި އަނެއްބައި ދެއްކެވީ "އޭނާގެ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް، އެކުވެރިއެއް" ކަމަށް ވިދާޅުވިއެވެ.

ޕާލިމެންޓަރީ ގާނޫނުތަކުގެ މާހިރެއް ކަމަށްވާ ގެވިން މިލާ ވިދާޅުވި ގޮތުގައި ބީބީސީން ހޯދާފައިވާ އާ ހެކިތަކާ ގުޅިގެން، ޕާލިމެންޓުގެ ސުލޫކީ މިންގަނޑުގައިވާ ގޮތުގެ މަތިން، ޕެއިސްލީ ރާއްޖޭގައި ހޭދަ ކުރެއްވި ޗުއްޓީއާ ބެހޭ ތަފްސީލު ހާމަކުރައްވަން ޖެހެއެވެ.

"ސުލޫކީ މިންގަނޑުގައި ވަނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އަމަލުކުރުމަށް އަދި އެދަތުރުފުޅާ ބެހޭ މައުލޫމާތާއި އެއީ އެމްޕީއެއްގެ ގޮތުގައި ކުރައްވާ މަސައްކަތާ ގުޅުމެއް ނެތް ކަމެއްކަން އޭނާ ޔަގީންކޮށްދެއްވަން ޖެހޭ،" މިލާ ވިދާޅުވިއެވެ.

ސްޕޮޓްލައިޓުން ވަނީ އިތުރު ދެ ޗުއްޓީއަކަށް ޕެއިސްލީ ރާއްޖެ ވަޑައިގެންނެވިކަން އެނގިފައިވާ ކަން ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން އެއް ޗުއްޓީއަށް އޭނާ ވަޑައިގެންނެވީ އޭޕީޕީޖީ ވަފުދު ރާއްޖެ ވަޑައިގެންނެވިތާ ތިން ހަފްތާ ކުރިންނެވެ. އެދަތުރުފުޅަށް ހަރަދު ކުރެއްވީ ޕެއިސްލީކަން އެނގިފައި ނުވާ ކަމަށް ބީބީސީން ބުންޏެވެ.

ނަމަވެސް އޭގެ ކުރިން 2014 ވަނަ އަހަރުވެސް ޕެއިސްލީއާއި އޭނާގެ އާއިލާ ރާއްޖެއަށް ޗުއްޓީއަކަށް ވަޑައިގެންނެވި ކަމަށާއި އެއީ ހިލޭ ކުރެއްވި ދަތުރުފުޅެއް ކަމަށް ބީބީސީގައި ވެއެވެ.

ޕެއިސްލީ އެފަހަރު ހުންނެވީ ކަނދޮޅު އައިލެންޑް ރިޒޯޓުގަ އެވެ. އަދި ހަފްތާއަކަށް ވުރެ ކުޑަ މުއްދަތަކަށް ޕެއިސްލީ ކުރެއްވީ އެދަތުރުފުޅު، ކަނދޮޅު ރިޒޯޓުގެ ރެކޯޑުގައި އޮތީ "ކޮމްޕްލިމެންޓަރީ" ދަތުރެއްގެ ގޮތުގައެވެ.

އެ ޗުއްޓީއަށް ޕެއިސްލީ ވަޑައިގެންނެވީ 2013 ވަނަ އަހަރު އޭނާ ރަސްމީ ދަތުރުފުޅެއްގައި، ސަރުކާރުގެ ހަރަދުގައި، ރާއްޖެ ވަޑައިގެންނެވި ފަހުންނެވެ. އެދަތުރުފުޅުގައި އޭނާ ވަނީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކާއި އޭރުގެ ނައިބު ރައީސް އަންނަބީލް މުހައްމަދު ވަހީދުއްދީންއާ ބައްދަލުކުރައްވާ، އިންސާނީ ހައްގުތަކާ ބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ދެހާސް ތޭރަވަނަ އަހަރު ލަންކާގެ ސަރުކާރުގެ ހަރަދުގައި އާއިލާއާއެކު އެގައުމުގައި ދެ ފަހަރަކު ޗުއްޓީ ހޭދަކުރައްވައި، އެޗުއްޓީއާ ބެހޭ މައުލޫމާތު ހިއްސާ ނުކުރެއްވި މައްސަލައިގައި މިދިޔަ އަހަރު އިއަން ޕެއިސްލީގެ މައްޗަށް 30 ދުވަހުގެ ސަސްޕެންޝަނެއް އައެވެ.

comment ކޮމެންޓް