ޕާޓީ ހައިޖެކްކޮށްފި ކަމަށް ބުނެ، ޒާހިދު ރަމީޒް ޕީޕީއެމްއިން ވަކިވެއްޖެ

ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ރަސްމީ ހަފްލާގައި ޒާހިދު ރަމީޒް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ނަން ބޭނުންކޮށްގެން ބަޔަކު ޕީޕީއެމްއާއި ޕީއެންސީގެ ކޮންޓްރޯލް ނަގައި ޕާޓީ "ހައިޖެކް"ކޮށްފައިވާ ކަމަށް ތުހުމަތުކޮށް، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒް އެ ޕާޓީ އިން ވަކިވެއްޖެ އެވެ.

ޒާހިދުއަކީ މީގެ ކުރިން ހިތަދޫ މެދު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ވެސް ދީފައިވާ ފަރާތެކެވެ. އެހެން ނަމަވެސް ފަހުން އެ ޕާޓީން ވަނީ އެ ދާއިރާގެ ޓިކެޓު އަތުލައި، އަދި ޖުމްހޫރީ ޕާޓީން އެ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފަ އެވެ. އެހެން ނަމަވެސް ޒާހިދު ވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލުމަށް ނިންމައިފަ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެޑްރެސްކޮށް ޒާހިދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު ޖަލަށް ގެންދިޔަ ދަނޑިވަޅު ބަލައި، ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އޭނާ "ކޮންޓްރޯލްކުރާ މަދު ބަޔަކު" ވަނީ އަމިއްލަ މަސްލަހަތު އިސްކޮށް ޕީޕީއެމްއާއި ޕީއެންސީ ހައިޖެކްކޮށް، އެކި ގޮތްގޮތުން ދެ ޕާޓީ ގަޑުބަޑުކޮށްފައި ކަމަށެވެ.

https://sun.mv/116448

"މިގޮތުން ހިތަދޫ މެދު ދާއިރާގެ ކެމްޕޭން ފަށައި، އެތަކެއް ރައްޔިތުންނަކާ ބައްދަލުކޮށް ތާއީދު ހޯދަން ދަނިކޮށް މި ދެންނެވި މީހުން ވަނީ މަހުޖަނެއްގެ ޕާޓީއަށް އެ ދާއިރާގެ ތާއީދު ވިއްކާލައި އަޅުގަނޑުގެ ހައްގުތައް އެންމެ މަތީ އަގު ދިން ފަރާތަށް ނީލަން ކިޔާފައެވެ،" އޭނާގެ ސިޓީގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ އިހްލާސްތެރިން ބާކީކޮށް، މުޅި ގައުމު ވެސް ބަލައިނުގަންނަ މަދު ބަޔަކު މުޅި ޕާޓީގެ ނިޒާމަށް އަތްގަދަކުރުމަކީ މިދިޔަ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވި އެންމެ ބޮޑު ސަބަބެވެ.

"މި ދެންނެވި ވަކި ބަޔަކު ގައުމީ މަސްލަހަތާއި މަނިކުފާނުގެ ތަސައްވުރަށް ވުރެ ފައިސާގެ ދަހިވެތިކަން އިސްކޮށް، ކެމްޕޭންކުރުމަށް ކަނޑައަޅާފައިވާ ފައިސާ އާއި ވަސީލަތްތަކަށް ހިޔާނާތްތެރިވިކަމީ ޕާޓީގެ އާންމު މެމްބަރުން ރުޅިވެރިކަމާ އެކު ދައްކަމުން އަންނަ ވާހަކައެވެ. އަދި މި ބީދައިން ކަންކަން ކުރިއަށް ދާނަމަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް ބަލިވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ،" ޒާހިދުގެ ސިޓީގައި ވިދާޅުވި އެވެ.

https://sun.mv/116475

ޒާހިދު ވިދާޅުވީ އެ ފަރާތްތަކުން ވަނީ ޒުވާނުންނަށް އިސްކަން ދިނުމުގައި ރައީސް ޔާމީން ގެންގުޅުއްވި ސިޔާސަތު އުވާލައި، އަދި ރައީސް ޔާމީނުގެ ބަހުގެ އަގު ވައްޓާލާފައި ކަމަށެވެ.

އަދި ޕާޓީގެ ނަންވެސް ކިލަނބުކޮށް، ގައުމު "ފަސާދަކުރަމުންދާ" ފަރާތަކަށް ޕާޓީގެ ޓިކެޓުތައް ވިއްކަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"..މިއަދުން ފެށިގެން ޕާޓީގެ ކައުންސިލުން އިސްތިއުފާދީ، ޕާޓީގެ މެމްބަރުކަމުން ވެސް އަޅުގަނޑު ވަކިވާން ނިންމި ވާހަކަ ދެންނެވީމެވެ،" އޭނާގެ ސިޓީގައި ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ތެރޭގައި ޕީޕީއެމް-ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުން ވަނީ، ޖުމްހޫރީ ޕާޓީން ވާދަކުރާ 27 ކެންޑިޑޭޓަކަށް ތާއީދުކުރުމަށް ނިންމިކަން އިއުލާނުކޮށްފަ އެވެ. އަދި ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕީޕީއެމް-ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީން ވެސް ތާއީދުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

https://sun.mv/116466

ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ ގުޅިގެން މަޖިލިސް އިންތިހާބަށް ކުރިމަތިލާ އިރު، ޕީޕީއެމް-ޕީއެންސީން ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާ އެ ޕާޓީތަކުގެ ހަ މެމްބަރަކަށް ފިޔަވަޅު އަޅާނެކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން އެއް މެމްބަރަކު އެ ޕާޓީން ވަކިކުރުމަށް ވަނީ ނިންމައިފަ އެވެ.

ރޭ ޕީޕީއެމް އިން ވަކިކުރީ ހުޅުމާލެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދެވެ. ނަމަވެސް އެ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ދީފައިވަނީ ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އަށެވެ.

comment ކޮމެންޓް