ޖޭޕީގެ 27 ކެންޑިޑޭޓުންނަށް ޕީޕީއެމުން ތާއީދު ކުރަން ނިންމައިފި

ޕީޕީއެމް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޖޭޕީގެ 26 ކެންޑިޑޭޓަކަށް ޕީޕީއެމް ކޯލިޝަނުން ތާއިދު ކުރުމަށް ވަނީ ނިންމައި އިއުލާން ކޮށްފައި ---

އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބްގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ 27 ކެންޑިޑޭޓުންނަށް ތާއީދު ކުރަން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނިންމައިފި އެވެ.

ޕީޕީއެމް އާއި ޕީއެންސީން ގުޅިގެން މިރޭ އެ ދެ ޕާޓީގެ އޮފީސް ހުންނަ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމުން އެކަނި 32 ދާއިރާއަށް ކުރިމަތިލާއިރު އެހެން ޕާޓީތަކާއި ގުޅިގެން 13 ދާއިރާއަކަށް ވާދަކުރާ ކަމަށެވެ.

ޕީޕީއެމުން ތާއިދު ކުރުމަށް ނިންމި ޖޭޕީގެ މެންބަރުން

  1. އާދަމް މޫސާ (އިހަވަންދޫ ދާއިރާ)
  2. ޙުސައިން ޝަހުދީ (ހަނިމާދޫ ދާއިރާ)
  3. އިސްމާއީލް ނަސީރު (ނޮޅިވަރަމް ދާއިރާ)
  4. ޢަބްދުﷲ ޝަރީފް (ވައިކަރަދޫ ދާއިރާ)
  5. ނަސްރުﷲ އިސްމާއީލް (ކުޅުދުއްފުށި އުތުރު ދާއިރާ)
  6. މުޙައްމަދު ޙުސައިން (ކަނޑިތީމު ދާއިރާ)
  7. އިލްހާމް އަޙްމަދު (އުނގޫފާރު ދާއިރާ)
  8. އަލީ ހުސައިން (ކެންދޫ ދާއިރާ)
  9. މާޖިދު ސުލައިމާން (ކާށިދޫ ދާއިރާ)
  10. ޙުސައިން މުޙައްމަދު (މަތިވެރި ދާއިރާ)
  11. ގާސިމް އިބްރާހިމް (މާމިގިލި ދާއިރާ)
  12. މުޙައްމަދު ނާޡިމް (ދަނގެތި ދާއިރާ)
  13. މޫސާ ނިޒާރު އިބްރާހީމް (ކެޔޮދޫ ދާއިރާ)
  14. އަޙްމަދު މުބީން (ބިލެތްދޫ ދާއިރާ)
  15. ރިޔާޟް ރަޝީދު (ވިލުފުށި ދާއިރާ)
  16. ޢަބްދުﷲ ރިޔާޒް (ތިމަރަފުށި ދާއިރާ)
  17. ޢަލީ ޙަމީދު (އިސްދޫ ދާއިރާ)
  18. އާދަމް އާސިފް (ގަމު ދާއިރާ)
  19. އަލީ އާދިލް (ގެމަނަފުށި ދާއިރާ)
  20. އަލީ ޝާހު (ފުވައްމުލަކު އުތުރު ދާއިރާ)
  21. ހުސައިން ސޯލިހު (ހިތަދޫ މެދު ދާއިރާ)
  22. މުޙައްމަދު ފަރުހާދު (އައްޑޫ މީދޫ ދާއިރާ)
  23. އިރުތިޝާމް އާދަމް (ހެންވޭރު ދެކުނު ދާއިރާ)
  24. އަލްހާނު ފަހުމީ (ހެންވޭރު އުތުރު ދާއިރާ)
  25. އިބްރާހީމް މަމްނޫން (މައްޗަންގޮޅި ދެކުނު ދާއިރާ)
  26. ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ވިލިމާލެ ދާއިރާ)
  27. އާއިޝަތު ނާޒިމާ (ހެންވޭރު ހުޅަނގު ދާއިރާ)

ޕީޕީއެމް ކޯލިޝަނުން ޖޭޕީގެ ބައެއް ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ނިންމާފައިވަނީ ދެ ޕާޓީގެ ލީޑާޝިޕުން މަޝްވަރާކޮށްފައި ކަން އަދުރޭ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިހާރު ވެސް މަޖިލީހުގައި މަސައްކަތް ކުރަމުންދަނީ ޕީޕީއެމް ކޯލިޝަނާއި ޖޭޕީގެ މެންބަރުން ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން ލިޔެކިޔުމުން އެއްބަސްވުމެއް ނެތް ނަމަވެސް މަޝްވަރާކުރެވުގެން ވެވުނު އެއްބަސްވުމެއްގެ މައްޗަށް މިރޭ މި އިއުލާނު ކުރީ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމުން އާންމުކުރި ލިސްޓަށް ޖޭޕީ ވަރަށް އަވަހަސް އެންޑޯސް ކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

މީގެ ތެރެއިން ފުވައްމުލަކު އުތުރު ދާއިރާގެ ކެންޑިޑޭޓު އަލީ ޝާހު ޖޭޕީގެ ލިސްޓުގައި ހިމެނިފައި ވަނީ، ޕާޓީއެއްގެ ނަމުގައި ކުރިމަތި ނުލެެއްވި ނަމަވެސް ޖޭޕީން ވެސް ތާއީދު ކުރަނީ ޝާހަށް ކަމުގައި ވާތީއެވެ. މި ފަހަރު އިންތިހާބުގައި ޝާހު ކުރިމަތި ލައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

comment ކޮމެންޓް