ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ނިންމައިފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި އަޒްލީން ޕާޓީން ވަކިކުރަން ނިންމީ އެ ޕާޓީގެ ސުލޫކީ ކޮމިޓީންނެވެ.
ސުލޫކީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ އާމިނަތު ލަޔާލް މަނިކު އާއި ޝުއާއުﷲ ސައީދާއި މުހައްމަދު ރަފީގު ހަސަނާއި އަހުމަދު ނާޒިމެވެ.
އަޒްލީން ޕީޕީއެމްގެ މެމްބަރުކަމުން ވަކިކުރަން ނިންމާފައި މިވަނީ ހުޅުމާލެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި އެ ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަލުން އިބްރާހިމް ފައިސަލް ނެރެން ނިންމާފައި ވަނިކޮށް، އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވާފައި ވަނިކޮށެވެ.
ސުލޫކީ ކޮމިޓީގެ މެމްބަރު ލަޔާލް ސޮއިކުރައްވައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ އަސާސްތަކާ އަޒްލީން ޚިލާފުވެފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އަޒްލީން "ސަން" އަށް ވިދާޅުވީ އޭނާ ޕާޓީން ވަކިކުރަން ނިންމިކަން އެނގިވަޑައިގަތީ މީޑިއާ އިން ކަމަށެވެ.
އޭނާ ޕާޓީން ވަކިކުިރީ އަދުރޭގެ ދަރިކަލުން ވާދަކުރައްވާ ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާތީ ޒާތީ ހަސަދައެއްގެ ދަށުން ކަމަށް އަޒްލީން ވިދާޅުވިއެވެ.
އޭނާގެ އިތުރުން އިތުރު ބޭފުޅުން ވެސް އަމިއްލަގޮތުން ވާދަކުރައްވާ ކަމަށާއި ނަމަވެސް އެހެން ބޭފުޅަކު ޕާޓީން ވަކިނުކުރާނެ ކަމަށް ވެސް އަޒްލީން ވިދާޅުވިއެވެ.