ކައުންސިލްތަކުން އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފިން: ރައީސް

ރައީސް ސޯލިހަށް ކަނބަލުންތަކެއް މަރުހަބާ ދަންނަވަނީ: ކައުންސިލްތަކުން ވަކި އިންސައްތަ އެއް އަންހެނުންނަށް ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައި --- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލްތަކުން ވަކި އިންސަތައެއް އަންހެނުންނަށް ދިނުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ސަރުކާރުންދޭ ރެހެންދި އެވޯޑު ދިނުމަށް މިއަދު ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންތިހާބު ކުރެވޭ ސިޔާސީ މަގާމުތަކުގައި މިހާރު ވެސް ގިނައީ ފިރިހެނުން ކަމަށެވެ. ނަމަވެސް އެ އިންތިހާބުތައް ހިންގައިދޭ 'ކެމްޕެއިން މެޝިން'ތަކަކީ އަންހެނުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އަންހެނުންނަށް މަތީ މަގާމްތަކާއި ފުރުސަތުތައް ހޯދައިދިނުމުގެ ވާހަކަ 'ލައްކަ' ދުވަހު ދެއްކިއްޖެ ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ހުރަސްތަކާ ކުރިމަތި ވަނީ އަންހެނުން ސިޔާސީ މަގާމަށް ނިކުންނަން ބޭނުންވާ ހިސާބުން ކަމަށެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް ކަނބަލުން ބާރުވެރިކުރުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެން ކަމުން ކައުންސިލް ގޮނޑީގެ ވަކި އިންސައްތައެއް ހަމައެކަނި އަންހެނުންނަށް ހާއްސަ ކުރުމަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމުގެ ބިލް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތަށް ހަމަޖެހިގެން ދިއުމުން ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިހާރު ގައުމު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދެވޭނީ އަންހެނުން ބާރުވެރިކޮށްގެން ކަމަށެވެ.

ކައުންސިލްތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް ލިބޭއިރު ރަށުގެ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

ކައުންސިލްތަކަށް މީހުން އިންތިހާބު ކުރަން ފެށިފަހުން އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދެ ރަށެެއްގެ ކައުންސިލްގެ މެޖޯރިޓީ ވަނީ ކަންބަލުން ހޯދައިފަ އެވެ. އެއީ ހއ. ތަކަންދޫ އާއި އެ އަތޮޅު ކެލަ އެވެ.

comment ކޮމެންޓް