ރައީސް ވަޑައިގަތަސް ކެމްޕޭން ދަތުރުތަކަށް ހަރަދުކުރަނީ އެމްޑީޕީން

އެޖެންޑާ 19 އެމްޑީޕީ މަޖިލިސް ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ސޯލިހް ރައީސް ވަޑައިގަތަސް ކެމްޕޭން ދަތުރުތަކަށް ހަރަދުކުރަނީ އެމްޑީޕީން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެ ވަޑައިގަތަސް ހުރިހާ ހަރަދެއް ކުރާނީ އެމްޑީޕީން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ރިޔާސީ ކެމްޕެއިންގައި ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރި ކަމަށް ބުނެ އޭރު އިދިކޮޅު މައި ޕާޓީ ގޮތުގައި އޮތް އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީން އެޕާޓީގެ މަޖިލިސް ކެމްޕެއިންއާ ގުޅޭ ގޮތުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ތަރުޖަމާނު އަފްޝަން ލަތީފް ވިދާޅުވީި، އެ ޕާޓީގެ މަޖިލިސް ކެމްޕެއިން ދަތުރުފުޅު ތަކުގައި ރައީސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރު ތަކުގެ ހުރިހާ ހަރެއް ކުރާނީ އެ ޕާޓީން ކަމަށެވެ.

އެމްޑީޕީންގެ އެ ވާހަކަތައް ރައީސް ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު "ސަން" އަށް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސޯލިހް ބައިވެވަޑައިގަންނަވާ އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ހަރަދުތައް ކުރާނީ ސަރުކާރުން ނޫން ކަމަށާއި އެ ދަތުރުފުޅުގެ ހަރަތައް ކުރުމަށް ހަމަޖެހިފައިވަނީ އެމްޑީޕީން ކަމަށެވެ.

ރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބު ކުރުމާއެކު، ކެމްޕެއިން ކުރުމަށް ރަސްމީކޮށް ކެންޑިޑޭޓުންނަށް ފުރުސަތު ހުޅުވާލައިފައެވެ. ރައީސް ސޯލިހް ބައިވެރިވެ ވަޑައިގަންވާ ދެ ދަތުރުފުޅެއް މިހާރުވެސް ތާވަލް ކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެގޮތުން މިރޭ ރައީސް ކެމްޕެއިންގެ ފުރަތަމަ ދަތުރުފުޅުގައި ކ.ގުރައިދޫއަށް ވަޑައިގަންނަވާ އިރު، މި ހަފްތާ ތެރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަ ޖެހިފައެވެ.

comment ކޮމެންޓް