ފުލުހުންނަށް ލެޖިޓިމެސީ ލިބޭނީ ރައްޔިތުންގެ އިތުބާރު ހޯދިގެން: ހަމީދު

އެކްޓިންގް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން --- ސަންފޮޓޯ ފަޔާޒު މޫސާ

ފުލުހުންގެ މުއައްސަސާ އިން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަނެ އެ މުއައްސަސާއަށް "ލެޖިޓިމެސީ" ލިބިގެންދާނީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް އެ މުއައްސަސާ ވެގެން ކަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެެވެ.

ހަމީދު އެހެން ވިދާޅުވީ، ޕޮލިސް ރިފޯމް ސިމްޕޯޒިއަމް 2019 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ މިއަދު ވިދާޅުވީ، ޒަމާނީ ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުން މަސައްކަތް ކުރުމަށް ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމާ އެކު މަސައްކަތް ކުރުމުގެ ވައްޓަފާޅި ފުލުހުންގެ ކިބައިގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑިމޮކްރެޓިކް ވެއްޓެއްގައި، އަދި ބަދަލުވަމުން އަންނަ ކުށުގެ މާހައުލެއްގައި ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމާ އެކު މަސައްކަތް ކުރުމުގެ ވައްޓަފާޅި ނުވަތަ ސިފަ އެންމެ އެކަށީގެންވާ މިންވަރަށް ފުލުހުންގެ ކިބައިގައި ޖެހިފައި ނުވާކަން މިއަދު އަޅުގަނޑުމެން ފާގަގަ ކުރަން. ޕޮލިސިންގެ ލެޖިޓިމެސީ ހޯދުމުގެ މަގުސަދުގައި ކުރަން ޖެހޭ މަސައްކަތް އަދި އެންމެ ފުރިހަމަ ގޮތުގައި ނުކުރެވޭކަން ވެސް އަޅުގަނޑު ގަބޫލު ކުރަން،"

އޭނާ ވިދާޅުވީ، އޭނާ ލެޖިޓިމެސީ މާނަ ކުރެއްވީ، ފުލުުހުންގެ މަސައްކަތަށް މުޖުތަމައުގެ ރުހުން ލިބުން ކަމުގަ އެވެ.

"ފުލުހުންނަށް ލެޖިޓިމެސީ ލިބިގެން ދަނީ، ފުލުހުން އެބަޔަކަށް ޓަކައި ހިދުމަތުގައި ދެމި ތިބޭ ރައްޔިތުން. ފުލުހުން ކުރާ މަސައްކަތް އަދި ފުލުހުންނަށް އިތުބާރު ކުރެވިގެން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންނަކީ ވެސް ފުލުހުންނަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމުގައި ޖަވާބުދާރީކުރެވެން ޖެހޭ ބައެއްކަން ހެޔޮ ހިތުން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ހަމަހަމަކަމާ އެކު ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަންވާ ބަޔަކަށް ފުލުހުން ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް މިއަދު އަތުކުރި އޮޅާލައިގެން ތިބީ ތައުލީމީ ގާބިލު ޒުވާނުން ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ހޯއްދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާތް ރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑުމެން އެ އަޒުމުގައި ދެމި ތިބެ ދިވެހި ފުލުހުންނާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތައް އެއީ ރައްޔިތުން ބަލައިގަންނަ ލެޖިޓިމެޓު ހިދުމަތަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރާނަން،"

އެ ކަންކަން ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އޯގަނައިޒޭޝަނަލް ރިފޯމް އެންްޑް ޑިވޮލޮޕްމެންޓުގެ ނަމުގައި ފުލުހުންގެ އިދާރާގައި އާ ޑިޕާޓްމެންޓެއް އުފެއްދުން އެއީ އެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރަން ބޭނުންވެފައިވާ މިންވަރު ދައްކުވައިދޭ ދަލީލެއް ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

comment ކޮމެންޓް