މޯލްޑިވްސް މަނިޓަރީ އޮތޯރިޓ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު ނަސީރުގެ މައްޗަށް ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދާކަން ފުލުުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ނަސީރާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހެޅީ އެމްއެމްއޭގެ ތެރޭގައި ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ. އޭނާ މި މައްސަލަ ހުށަހެޅީ އެމްއެމްއޭގެ ގަވަރުނަރު، ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިކަމަށް ބުނެއެވެ.
ފުލުހުންގެ އިތުރުން، އަޝްރަފު ވަނީ ގަވަރުނަރު ނަސީރުގެ މައްސަލަ އެމްއެމްއޭގެ ބޯޑަށާއި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.
ގަވަރުނަރު ނަސީރު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ވިދާޅުވެ، އަޝްރަފު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަށް ފޮނުއްވި ސިޓީގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައި އަޝްރަފް ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް "ހައި ޕްރޮފައިލް" ކޭސްތައް ރިޕޯޓުނުކޮށް މަޑުޖެއްސުމަށް ގަވަރުނަރު އޭނާއަށް އެންގެވި ކަމަށެވެ.
އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ދެ މައްސަލައެއް އެފްއައިޔޫގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން ގަވަރުނަރު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވާހަކަދެއްކެވިކަމަށްވެސް އަޝްރަފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ބަހެއް ހޯދުމަށް ގަވަރުނަރު ނަސީރަށް ދެ ފަހަރެއްގެ މަތިން "ސަން"އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެފްއައިޔޫގެ ކުރީގެ ދެ ވެރިން އަޝްރަފާއި އިބްރާހިމް އާތިފް ޝަކޫރު، އަދި ގަވަރުނަރު އަހްމަދު ނަސީރު ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް ކޮމިޓީ ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ.
ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ސިޓީގެ ޚުލާސާ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކް އެކައުންޓަކުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އެސްއައިޔޫއިން އޭސީސީއަށް ހުށަހެޅީ 2018 ސެޕްޓެމްބަރު 10 ގައެވެ. އަދި އެމަނިކުފާނުގެ ބޭންކް އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ހުށަހެޅީ އެ މަހުގެ 13 ގައެވެ. އޭރު އެފްއައިޔޫގެ ވެރިއަކަށް ހުރީ އަޝްރަފެވެ.
"ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީގައި އަޝްރަފް ވިދާޅުވެފައިވަނީ އެ މައްސަލަތައް ހުށަހެޅުމުން ގަވަރުނަރު ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށާއި، އިންތިހާބާ ގާތް ދުވަސްވަރުގައި "ހައި ޕްރޮފައިލް ކޭސް"ތައް ނުފޮނުވުމަށް އެންގެވި ކަމަށެވެ.
މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެފްއައިޔޫގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ލިބިގެން ވެއެވެ.
މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ:
- މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަދި އެ ޔުނިޓަށް ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިން އެ ޔުނިޓުގެ ހަރަދުކުރުމުގެ ފުރިހަމަ މިިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.
އެ މައްސަލައިގައި ގަވަރުނަރު ނުރުހުން ފާޅުކުރެއްވުމަށްފަހު، ސެޕްޓެމްބަރު 17 ވަނަ ދުވަހު އަޝްރަފް ވަނީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން ދުރުކޮށްފައެވެ. އަދި އެހެން މަގާމަކަށް އޭނާ ބަދަލުކުރިއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެއީ އެމްއެމްއޭގެ އޮނިގަނޑުގައި މީގެ ކުރިން ހިމެނިފައި ނުވާ، އަދި އަލަށް އުފެއްދި މަގާމެކެވެ.
"ބަޔާން ކުރެވުނު ކަންތައްތަކަށް ބަލާ އިރު، ގަވަރުނަރުގެ އަމަލުތަކާއި ވާހަކަތައް ހުރި ގޮތުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރަން ހުރި މުހިންމު މަސައްކަތްތައް މިނިވަންކަމާ އެކު ކުރުމަށް ހުރަސް އަޅުއްވަން މަސައްކަތް ކުރެއްވި ކަމަށް އަޅުގަނޑު ދެކެމެވެ. އަދި މިއީ ގާނޫނުލްއުގޫބާތުގައި އަދަބު ކަނޑައެޅިފައިވާ ކުށެއްކަން އަޅުގަނޑު ފާހަގަކުރަމެވެ. މިހެންކަމުން، އެކަން ތަހުގީގު ކުރުމަށް، 30 ޖަނަވަރީ 2019ގައި މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަޅުގަނޑު ހުށަހަޅާފައިވާނެކަން ވެސް އަޅުގަނޑު ފާހަގަ ކުރަމެވެ." އަޝްރަފުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަޝްރަފު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީ ފޮނުއްވީ ގަވަރުނަރު ނަސީރު މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރެއްވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ގަވާއިދުގެ 100 ވަނަ މާއްދާގެ (ހ)ގެ ނުވަ ވަނަ ނަމްބަރުގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ލިބިގެންވާ ބާރުގެ ތެރެއިން، ނަސީރުގެ މައްސަލަ ބަލައިދިނުމަށް އެދިއެވެ.
އޭނާ އެ ސިޓީގައި ވިދާޅުވެފައި ވަނީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާއިން އެފްއައިޔޫއަށް ދޭ ގާނުނީ މިނިވަންކަން ކަށަވަރު ކުރުމަކީ ގަވަރުނަރުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް، "އެއްވެސް އަސާސެއް ނެތި" އޭނާ މަގާމުން ވަކިކޮށް އެމްއެމްއޭގެ އެހެން މަގާމަކަށް ބަދަލު ކުރި ކުރުމަކީ ގަވަރުނަރަށް ލިބިގެންވާ ބާރުގެ ބޭރުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އަމަލެއް ކަމުގައި ބުނެވިދާނެ ކަމަށް އޭނާގެ ސިޓީގައި ވިދާޅުވިއެވެ.