އައިޖީއެމްއެޗް ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިއަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަނީ

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު ސަޕޯޓަރުން އައިޖީއެމްއެޗަށް އެއްވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އައިޖީއެމްއެޗްގެ ތެރޭގައި ރައީސް ޔާމީންގެ ސަޕޯޓަރުން ކުރި އިހުތިޖާޖުގެ ތެރެއިން ރާއްޖެޓީވީގެ ނޫސްވެރިއަކަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރި ކުރީގެ ރައީސް ޔާމީން މިދިޔަ ބުދަ ދުވަހު އައިޖީއެމްއެޗްއަށް ގެންދިއުމާ އެކު އެ ހޮސްޕިޓަލުގެ ތެރޭގައި ހުންނަ ނޭޝަނަލް ކާޑިއެކް ސެންޓަރު ކުރިމަތީގައި އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެއްވެ އިހުތިޖާޖުކޮށްފަ އެވެ. އެއްވުމުގެ ބައިވެރިން ކޮންޓްރޯލު ކުރުމަށް ފުލުހުން އެތަނުގެ ތެރޭގައި ޕެޕާ ސްޕްރޭވެސް ޖެހި އެވެ. އެ މަންޒަރު ކަވަރު ކުރަން މީޑިއާތަކުންވެސް އެތަނަށް ގޮސް ތިއްބެވެ.

އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ރާއްޖެޓީވީގެ ނޫސްވެރިއެއް ކަމަށްވާ ދާނިޝް ނިޒާމަށް އެއްވުމުގެ ބައިވެރިންގެ ތެރެއިން ބަޔަކު ހަމަލާދިން ކަމަށް ބުނެ އޭނާ ވަނީ ރޭ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލަ ފުލުހުން މިހާރު ބަލަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"ސަން"އާ ވާހަކަ ދައްކަމުން ދާނިޝް ބުނީ، އެއްވުމުގެ ބައިވެރިން އޭނާއާ ހުތުރު ބަހުން މުއާމަލާތުކޮށް، ރާއްޖެޓީވީގެ ކެމެރާ ކުރިމައްޗަށް އަރައި ކެމެރާއަށް ހުރަސް އެޅި ކަމަށެވެ.

"ޕެޕާ ސްޕްރޭ ޖެހުމާ އެކީގައި އެތަނުގެ މާހައުލު ވަރަށް ބޮޑަށް ބަދަލުވީ. އެތަނުގައި ތިބި މީހުން ރުޅިގަދަވެގެން އަޅުގަނޑުމެންނާ ދިމާލަށް އަންނަން ފެއްޓީ،"

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވުމާއެކު ސަޕޯޓަރުން އައިޖީއެމްއެޗަށް އެއްވެފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދާނިޝް ބުނީ އެއްވުމުގެ ބައިވެރިއަކު އޭނާ ކޮއްޕައި އޭނާގެ ބުރަކަށީގައި ތިން ފަހަރު ޖެހި ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ފެނުނީ ކުއްލިއަކަށް ހދ. މޯޑު ކިޔާ މީހަކާއި ޒާހިރު ކިޔާ މީހަކާއި ހަލީލު ކިޔާ މީހަކު، މި ތިން މީހުން އެއްފަހަރާ އަޅުގަނޑުމެންނާ ދިމާލަށް އައިތަން. އެތަނުން ހދ. މޯޑު އަޅުގަނޑު ކޮއްޕާލި ގަޑީގައި އޭނާ ޖަހަންވެސް ޖެހި ބުރަކަށީގައި. ތިން ފަހަރު ޖެހި ބުރަކަށީގައި. ޒައިދު [ކެމެރާމަން] ޖެހުނީ ދަނގަނޑުގަނޑެއްގައި. އަޅުގަނޑު ގޮސް ޖެހުނީ ފާރުގައި،" ދާނިޝް ބުންޏެވެ.

އެ މީހުން އެގޮތަށް ކަންތައް ކުރުމުން، އެއީ ގޯހެއް ކަމަށް ބުނެ އެކަން ހުއްޓުވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު މަސައްކަތް ކުރެއްވި ކަމަށް ދާނިޝް ބުންޏެވެ.

މީގެ ކުރިންވެސް މުޒާހަރާތަކާއި އެހެނިހެން އެއްވުންތަކުގައި ރާއްޖެޓީވީގެ ނޫސްވެރިންނަށް ހަމަލާދިން މައްސަލަ ފުލުހަށް ހުށަހަޅައިފައިވެ އެވެ. އަދި އެ މައްސަލަތައް ފުލުހުން ބަލައިފައިވެ އެވެ.

comment ކޮމެންޓް