އެސްއޯއެފް އެކައުންޓުން ފައިސާ ޖަމާވި އެކައުންޓްތައް ފެންނަން ހުރިކަމަށާއި ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި ނަން ނޯންނާނެ ކަމަށް ސަންގު ޓީވީގެ މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.
އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާވި މީހުންގެ އެކައުންޓުތަކުގެ ތަފްސީލާއި ޖަމާކުރި އަދަދާއެކު އެމްއެމްޕީއާރުސީ ތަހުގީގު ރިޕޯޓު އޭސީސީން ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި މަޖިލީހުގައި ނައިބު ރައީސް މޫސާ މަނިކުގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާވިކަމަށް ހިމަނާފައިވެ އެވެ.
އެކަމާ ގުޅިގެން މޫސާ މަނިކު އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެއީ ސަންގު ޓީވީގެ މެނޭޖިންގް ޑިރެކްޓަރު އަސްވާޑު ޖަމާކުރި ލާރި ކަމަށެވެ. މޫސަގެ އެ ސިޓީއަށް ރައްދު ދެއްވައި އަސްވާޑު ވިދާޅުވީ އެސްއޯއެފްގެ ފައިސާ ޖަމާވި އެކައުންޓުތަކުގެ ތެރޭގައި އޭނާގެ އެކައުންޓެއް ނުހިމެނޭނެ ކަމަށެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޓީޑީގެ ޓިކެޓްގައި މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އަސްވާޑު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައި ނުވާނެ ކަމަށެވެ.
"އަސްވާޑު ޖަމާކޮށްދިން ފައިސާއޭ ކިޔާފައި ދެކެވޭ ވާހަކައަކީ އަޅުގަނޑުގެ އަބުރު ކަތިލުމަށް ދައްކާ ވާހަކަ. އެކަން ހުއްޓާލަން ގޮވާލަން." އަސްވާޑު ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ އޭނާ އެކައުންޓުގެ ތަފްސީލު ހާމަ ކުރުމަށް ތައްޔާރަށް ހުރި ކަމަށެވެ.
މޫސަ ވިދާޅުވީ، އަސްވާޑާއި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އަލަށް ހަދާ ޓީވީ ޗެނަލަކަށް ބޭނުންވާ އާލާތްތައް ސިންގަޕޫރުން ގެންނަން ބޭނުންވާތީ އެ ގައުމުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ދެ ބޭފުޅުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެދިވަޑައިގެންނެވި ކަމަށާއި އެގޮތަށް އެދުމުން އެ ދެ ބޭފުޅުންނަށް މޫސަގެ ބީއެމްއެލް އެކައުންޓު ނަމްބަރު ދީފައިވާނެ ކަމަށެވެ.
"އެމީހުން އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާކުރުމުން އެމީހުންނަށް ސިންގަޕޫރުން އެ އަދަދަށް ފައިސާ ދޭނެ ކަމަށް ބުނުމުން އަސްވާޑު ވަނީ 8 މާޗު 2015ގައި އަޅުގަނޑުގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ޖަމާކޮށްދީފަ އެވެ." މޫސަގެ ސިޓީގައި ބުނެފައިވެ އެވެ.
އަދި އަސްވާޑުއަށް އެކައުންޓް ނަންބަރު ދީފައި އެއަށް ފައިސާ ޖަމާކުރުމަށް އޭނާ ގާތު ބުނުމުން އެ ފައިސާ ޖަމާކޮށްފައި ވަނީ އިންޓަނެޓް އިން ބޭންކް މެދުވެރިކޮށް ކަމަށްވާތީ އެ ފައިސާ މޫސަގެ އެކައުންޓަށް ޖަމާކުރީ އަސްވާޑުގެ އެކައުންޓުން ކަމަށް ހީކުރި ކަމަށް މޫސަ ވިދާޅުވި އެވެ.
މޫސަގެ އިތުރުން ދެން އެސްއޯއެފް އިން ފައިސާ ލިބުނު މަޖިލިސް މެމްބަރުންނަކީ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދާއި، ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ކަމަށް އޭސީސީގެ ރިޕޯޓްގައިވެ އެވެ.