ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެ، އެކަކު މަރުވެއްޖެ

ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެއިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި ނާލު ބޯޓެއްގައި އަލިފާން ރޯވެ ބޯޓުން ދަތުރު ކުރަމުން ދިޔަ އެކަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ ފ. ފިލިތެޔޮ ކައިރިން ދަތުރުކުރަމުން ދިޔަ "ރަވާނާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ހާދިސާގެ ހަބަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ ރޭ ފަތިހު 4:45 އެހާކަންހާއިރު ކަމަށާއި ބޯޓުގައި 16 މީހުން ތިބި ކަމަށެވެ.

އެ ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެފައިވާ އިރު އޭނާގެ ހަށިގަނޑު ގެންދެވުނީ ފ. ނިލަންދޫ އަތޮޅު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށައި މަރުވި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ސާފު ނުވާ ކަމަށެވެ. ނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ އެހާދިސާގައި މަރުވީ އެ ސީޓީގެ މީހެއް ކަމަށެވެ. އަދި ފަލާހު ވިދާޅުވީ އަލިފާން ރޯވި ނާލު ބޯޓަކީ އެ ރަށު ބޯޓެއް ކަމަށެވެ.

ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރި ވަނީ -- ފޮޓޯ: އެމްއެންޑީއެފް

ބޯޓުގައި ތިބި އެހެންމީހުން ރޭ ވަނީ ސީ އެމްބިއުލޭންސްގައި ދ. ކުޑަހުވަދޫ އަށް ގެންގޮސްފަ އެވެ.

ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު އަދި ވެސް ކޮންޓްރޯލު ނުވާއިރު އެމްއެންޑީއެފް އިން ދަނީ އަލިފާން ކޮންޓްރޯލު ކުރުމުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް