ދެހާހުގައި ފިލްމީ ދާއިރާއަށް ތައާރަފްވެ، އޭނާގެ ގިނަ މަސައްކަތްތަކެއް މިއަދާ ހަމައަށް އައި އިރު ވަނީ އާންމުންނާއި ހިސާބަށް އައިސްފައެވެ. ވީޑިއޯ ލަވަތަކާއި، ޑްރާމާ ސިލްސިލާތަކުގެ އިތުރަށް އޭނާ ކުޅެން އިޚްތިޔާރުކުރާ ފިލްމް ޗޮއިސްތަކަކީ ހަމަގައިމުވެސް އެހެން ފަންނާނުންނާއި ރިޝްފާ ތަފާތު ކޮށްދޭ ކަމެކެވެ.
ކޮންމެއަކަސް، މިފަހަރު މިއޮތީ ރިޝްފާއަށް މިފަހުން އެންމެ ކަމުދިޔަ ފިލްމްތަކުގެ ލިސްޓެވެ. ފަސް ފިލްމަށް މި ލިސްޓް ކުރުކޮށްލުން ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން ޖުމްލަ ހަ ފިލްމާއެކީ ލިސްޓައިގެން ކުރިއަށް ދަމާހެއްޔެވެ.

ކެޕްޝަން.. އަޕްގެ ޕޯސްޓާރ އިމޭޖް
އަޕް
މިއީ 2009 ވަނަ އަހަރު ވޯލްޓް ޑިޒްނީ ޕިކްޗާސް އިން ރިލީޒްކުރި އެމެރިކަން ތްރީ-ޑީ ކޮމްޕިއުޓާ އެނިމޭޓެޑް ކޮމެޑީ ޑްރާމާ އެޑްވެންޗާ ފިލްމެކެވެ. ކާލްއާއި އެލީ ގެ ލަވްސްޓޯރީ ދައްކުވައިދޭ މި ފިލްމު 5 އެކަޑަމީ އެވޯޑަށް ނޮމިނޭޓްވިއެވެ. ޕިކްސާ އެނިމޭޝަން ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރި މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ މޮންސްޓާ އިންކް ވެސް ޑައިރެކްޓް ކުރި ޕީޓް ޑޮކްޓާއެވެ.

ކެޕްޝަން.. އޭ ދިލްހެ މުޝްކިލްގެ ޕޯސްޓަރެއް
އޭ ދިލް ހެ މުޝްކިލް
ކަރަންޖޯހަރުގެ ' އޭކް ތަރްފާ ޕްޔާރް' ގައި ރިޝްފާ މިހިރީ ނިކަން ރަގަޅަށް ޖެހިފައެވެ. އޭނާގެ ލިސްޓުުގެ ދެވަނައިގައި ވަނީ 2016 ވަނަ އަހަރު ރިލީޒްކުރެވުނު ބޮލީވުޑް ފިލްމެއްކަމުގައިވާ އޭ ދިލް ހެ މުޝްކިލް އެވެ. ޖުމްލަ 2.37 ބިލިއަން ރުޕީސް ހޯދި މި ފިލްމަކީ އެއަހަރު ރިލީޒްކުރެވުނު ފިލްމްތަކުގެ ތެރެއިން ހޮވާލެވުނު އެންމެ މޮޅު އެއް ފިލްމެވެ. ރަންބީރް ކަޕޫރް އާއި އަނުޝްކާ ޝަރްމާ އަދި އައިޝްވާރިއާ ރާއި ބައްޗަން ލީޑް ރޯލްތަކުން ފެނިގެންދިޔަ މި ފިލްމުން ދައްކުވައިދެނީ ވަން ސައިޑެޑް ލަވް ސްޓޯރީ އެކެވެ.
ރިޝްފާ ބުނިގޮތުގައި މިފަހުން އޭނާއަށް އެންމެ ގިނައިން ބެލުނު ފިލްމަކީ ވެސް މިއީ އެވެ.

10 ތިންގްސް އައި ހޭޓް އަބައުޓް ޔޫ ގެ ޕޯސްޓަރުގެ ފޮޓޯއެއް
10 ތިންގްސް އައި ހޭޓް އަބައުޓް ޔޫ
މިއީ 1999 ވަނަ އަހަރުގެ އެމެރިކަން ޓީން ރޮމޭންޓިކް ކޮމެޑީ އެކެވެ. މި ފިލްމް ރިލީޒްކުރެވުނު ހަފްތާގެ ޑޮމެސްޓިކް ބޮކްސް އޮފީހުގެ ދެވަނަ ޖާގަ ފިލްމު ހޯދިއެވެ. އޭގެ 10 އަހަރު މި ފިލްމުގެ ނަމުގައި 20 އެޕިސޯޑުގެ ޓީވީ ޑްރާމާ ސީރީޒްއެއްވެސް ދުރަށް ދައްކާފައިވެއެވެ.

ދަ ނޯޓްބުކް ގެ ޕޯސްޓަރެއް
ދަ ނޯޓް ބުކް
މިއީ ގިނަ ދިވެހި ޒުވާނުންނަށް އިތުރު ތަފްސީލެއް ބޭނުންވާނޭ ފިލްމެއް ހެނެއް ހިޔެއް ނުވެއެވެ. މިއީ 1996 ވަނަ އަހަރު ނިކޮލަސް ސްޕާކްސް ލިޔުނު ފޮތެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރޮމޭންޓިކް ފިލްމެކެވެ. ނަވާވީސް މިލިއަންޑޮލަރުގެ ބަޖެޓަކުން ހެދި މި ފިލްމްވަނީ ބޮކްސް އޮފީހުގައި 115.6 މިލިއަން ޑޮލަރު ހޯދާފައެވެ. މިއަދާހަމައަށްވެސް މި ފިލްމަކީ އާންމުންގެ މެދުގައި މަގްބޫލް ރޮމޭންޓިކް ހިޓް އެކެވެ.

ދަ ފޯލްޓް އިން އަވާ ސްޓާސްގެ ޕޯސްޓަރެއް
ދަ ފޯލްޓް އިން އަވާ ސްޓާސް
ދެންވެސް މިއޮތީ ލޯބީގެ އެހާމެ އަސަރުގަދަ ފިލްމެކެވެ. ޖޯން ގްރީން ލިޔެފައިވާ ނޮވެލްއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމް ރިލީޒްކުރެވުނީ 2014 ވަނަ އަހަރުގައެވެ. ކެންސަރު ޖެހިފައިވާ ދެ ޒުވާނެއްގެ ލޯބި މި ފިލްމުން ދައްކުވައިދޭއިރު މިއީ ބޮކްސް އޮފީހުގެ އެއްވަނައިގައިވެސް ވިދާލި ބްލޮކް ބަސްޓާއެކެވެ. ޖުމްލަ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމްގެ ފައިދާ 307 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވެއެވެ. ލޯބީގެ ފިލްމުތަކަށް ލޯބިކުރަނަމަ ކޮންމެހެން ވެސް މި ފިލްމު ބަލާލަންވާނެ އެވެ.

ފިލްމްގެ ޕޯސްޓަރު އިމޭޖް އެއް
ސުއިސައިޑް ސްކޮޑް
މިއީ ޑީސީ ކޮމިކްސްއަށް ބިނާކޮށް ހަދާފައިވާ އެމެރިކަން ސުޕަހީރޯ ފިލްމްއެކެވެ. ވިލް ސްމިތް ފެނިގެންދާ މި ފިލްމުގައި ފެންނަނީ ދުނިޔެއަށް ކުރިމަތިވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ސުޕަރ ވިލަންސްތަކެއް ކުރާ މަސައްކަތެވެ. މި ފިލްމް ރިލީޒްކުރީ 2016 ވަނަ އަހަރުގައެވެ. ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ މި ފިލްމުގެ ސީކުއެލް އެއް 2021 ގައި ނެރުމަށް ވަނީ ޝެޑިއުލް ކުރެވިފައެވެ.