މަތިވެރީ ފާމަސީގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

އއ. މަތިވެރީ އެސްޓީއޯ ފާމަސީގެ ތިޖޫރީ: ވަގަށް ގެންދަނިކޮށް ފުލުހުންނަށް ފެނުމުން ތިޖޫރީ އެއްލައިލުމަށްފަހު އެ މީހުން ވަނީ ފިލާފައި --- ފޮޓޯ: ފުލުހުން

އއ. މަތިވެރީ ގައި ހުންނަ އެސްޓީއޯ ފާމަސީ ރޭ ދަންވަރު ފަޅާލައި ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ދެ މީހަކު ވެގެން އެސްޓީއޯ ފާމަސީގެ ތިޖޫރީ ވަގަށް ނަގައިގެން ދަނިކޮށް އެ ރަށު ތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިފައިވަނީ ރޭ ދަންވަރު 2:50 ގައެވެ. އަދި އެ މީހުން މަޑުކުރުމަށް އެންގުމުން ދުވެ ފިލިކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން 33 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ދެ މީހުން ވެގެން އެސްޓީއޯ ފާމަސީ ފަޅާލާފައިވަނީ އެ ތަނުގެ ދޮރު ހަލާކުކޮށްލައި ބިއްލޫރި ގަނޑު ތަޅާލައިގެން ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. އަދި މިހާރު ތިޖޫރީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ތިޖޫރީ ވަގަށް ނަގައިގެން ދިޔަ ނަމަވެސް އެ މީހުނަށް އެއިން ފައިސާއެއް ނެގިފައި ނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް