ސެންޓްރަލް ޕާކުގައި ބިދޭސީންގެ މާރާމާރީއެއް: ދެ މީހަކު ހައްޔަރުކޮށްފި، ދެ މީހަކު ފިލައިފި

ހުޅުމާލޭ ސެންޓްރަލް ޕާކް: ސެންޓްރަލް ޕާކުގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ދަނީ ބަލަމުން -- ފޮޓޯ/ ސެންޓްރަލް ޕާކް

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީއެއް ހިންގުމުގެ ތުހުމަތުގައި ބިދޭސީ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ދެ ބަންދު އަމުރެއްގައި ވަނީ، ސެންޓްރަލް ޕާކުގައި ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގައިފައިވާ ކަމަށާއި އެ މާރާމާރީގައި ބައިވެރިވި ދެ މީހަކު ހައްޔަރުކުރި ކަމަށެވެ.

އޭގެ ތެރެއިން އެކަކަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ، 35 އަހަރުގެ މުހައްމަދު މޮޝަރޮފް އެވެ. ދެވަނަ މީހާއަކީ ހަމަ އެ ގައުމަށް ނިސްބަތްވާ، 36 އަހަރުގެ ނަޔަން މިއާ އެވެ.

އެ ދެ މީހުންގެ ބަންދު އަމުރުގައި ވަނީ، ތުހުމަތުވާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ފާހަގަކޮށްފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރު ވަނީ، މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފިލައިފައިވާ ކަމަށް ވިދާޅުވެފައެވެ.

ދެ މީހުންގެ ބަންދު އަމުރުގައި ވެސް ވަނީ، މުޖުތަމައުގެ ސަމާލަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ހަތް ދުވަހަށް ބަންދު ކުރަން އަންގައިފައެވެ. އަދި ދެ މީހުންގެ ސްޕޮންސަރާ ގުޅޭނެ އިންތިޒާމު ހަމަޖައްސައި، ސްޕޮންސަރުގެ ބަހެއް ހޯދުމަށް ވެސް އަމުރުގައިވެއެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށް ބޯހިމެނުމުން ދައްކާއިރު، ބިދޭސީންގެ ގަވައިދަށް ފެއްތުމަށާއި، ކުށް ކުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް