މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި

ބިދޭސީއެއް ހައްޔަރުކުރުން: މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މީހަކު ރަހީނުކޮށްގެން ގެންގުޅެ، އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރެއްގައިވާ ގޮތުން، މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ، އިގްބާލް މިއާ ކިޔާ މީހެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، ބިދޭސީ މީހަކު ރަހީނުކޮށްގެން ގެންގުޅެ، އޭނާއަށް އަނިޔާކުރުމުގެ ތުހުމަތު އިގްބާލްގެ މިއާގެ މައްޗަށް ވަނީ ކޮށްފައެވެ. އޭނާ ކުށް ކުރި ކަމަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.

އިގްބާލް މިއާ ރާއްޖޭގައި އުޅެނީ ގަވައިދާ ޚިލާފަށް ކަމަށް ފާހަގަކޮށް، ކޯޓުން ވަނީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަވެދާނެ ކަމަށް ފެންނަ ކަމަށް ވެސް ފާހަގަކޮށްފައެވެ.

އެހެންވެ، އޭނާ އިއްޔެއިން ފެށިގެން 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ބިދޭސީން ރަހީނުކޮށް، އަނިޔާކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އަދި އެ ކުށުގައި އެހެން ބިދޭސީން ޝާމިލުވުމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށްފައިވެސް އެބަހުއްޓެވެ.

comment ކޮމެންޓް