ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ

ކ. އެނބޫދޫފަޅުގައި ތަރައްގީކުރުމުގެ މަޝްރޫއުގައި ބިދޭސީން ތަކެެއް މަސައްކަތް ކުރަނީ: ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަކީ މިހާރު ރާއްޖެ އަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު މައްސަލަ އެކެވެ. އަޅުގަނޑު އަލިއަޅުވާ ލަން ބޭނުން ވަނީ ހަމައެކަނި ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން ނަކަށް ނޫނެވެ. ހުރިހާ މަސައްކަތެއްގައި އުޅޭ ބިދޭސީން ނަށެވެ. ހުރިހާ ފެންވަރެއްގައި މަސައްކަތް ކުރާ ބިދޭސީ މުއައްޒަފުންގެ މައްޗަށެވެ. ބައެއް ވަޒީފާތަކަށް ބޭނުންވާ މީހުންނަކީ ޚާއްޞަ ޢިިލްމާއި ތަޖުރިބާ އާއި ހުނަރު ލިބިފައިވާ މީހުންނަށް ވުމާއި އެކު އެފަދަ މީހުން ރާއްޖެ އަށް ބޭނުންވާ ވަރަށް ނުލިބިދާނެ އެވެ. މިހެންވުމުގެ ސަބަބުން، އެތަން ފޫބެއްދުމަށް ބޭރު ޤައުމުތަކުން ރާއްޖެ އަށް މީހުން ގެންނަން ޖެހިދާނެ އެވެ. އެ ބަޔަކު ކުރަމުން ގެންދާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށެވެ. މި ގޮތަށް މީހުން ގެންގުޅުމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ކުރާ ކަމެކެވެ.

ރާއްޖޭގެ އެއްވެސް ސަރުކާރަކުން ޤަބޫލު ކުރަން ބޭނުން ނުވާ ޙަޤީޤަތަކީ ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ދިވެހިން ގިނަ ކުރަން ސަރުކާރުން ސީރިއަސްކޮށް އެއްވެސް މަސައްކަތެއް ނުކުރާ ކަމެވެ. މަސައްކަތް ކުރުމަށް ދިވެހިން ނުލިބެނީ ކީއްވެތޯ ބެލުމަށް ދިރާސާ އެއްހާ ވަރުވެސް ނުކުރާ ކަމެވެ. ދިރާސާއެއް ކުރެވުނަސް އެ ދިރާސާ އެއް ޢާއްމު ނުކުރެއެވެ. މަސައްކަތް ކުރާ އުމުރު ފުރާގެ ދިވެހިން މަސައްކަތަށް ނުކުންނަން ބޭނުން ނުވަނީ ކީއްވެތޯ ބެލުމަށް ސަރވޭއެއް ހާ ހިސާބު ވެސް ކުރެވިފައި ނެތެވެ. އެހެންނަމަވެސް ބައެއް އަމިއްލަ ޖަމުޢިއްޔާތަކުން ކޮންމެވެސް ވަރަކަށް މިބާވަތުގެ މަސައްކަތް ކޮށްފައިވެ އެވެ. ބޯ ހިމެނުމަށް ފަހު ނެރޭ ރިޕޯޓުން ވަރަށް މުހިއްމު "ރޮލާ" ހުރި މަޢުލޫމާތު ލިބެ އެވެ. އެ ރިޕޯޓުގެ އަލީގައި ވަޒީފާތައް ދިވެހި ކުރުމާ މެދު އިތުރު މަސައްކަތެއް ކުރެވުނު ކަމެއް ހާމަ ވެފައެއް ނުވެ އެެވެ. އެހެނެއް ނޫނެވެ. ބޮޑެތި ޖަލްސާތަކުގައި ވަޒީފާގެ މާރުކޭޓުގައި ބިދޭސީން ގިނަވުމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެވެ އެވެ. ރާއްޖެ އަށް ވަންނަ ބޭރު ފައިސާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މުސާރައިގެ ގޮތުގައި، ރާއްޖެ އިން ބޭރަށް ފޮނުވާ ވާހަކަ ދެކެވެ އެވެ. އެއީ ރަނގަޅު ވާހަކަ އެކެވެ. ބިދޭސީ މަސައްކަތްތެރިންނާއި ހުރެ ދިވެހިންނަށް ވަޒީފާ ނުލިބޭ ވާހަކަ ވެސް ދައްކަ އެވެ. އެއީ ރަނގަޅު ވާހަކައެއް ނޫނެވެ. ބައެއް ކަހަލަ މަސައްކަތައް ދިވެހި މަސައްކަތު މީހުން ބޭނުންވާ ވަރަށް ނުލިބެނީ އެވެ. އަދި ދިވެހިން މަސައްކަތުގައި ދެމި ހުންނާނެ ކަމުގެ އިތުބާރާ އި ޔަޤީން ކަމެއް ވެސް ނުއޮވެ އެވެ.

ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުގެ އަދަދު ކޮންމެ އަހަރަކު އިތުރުވެ އެވެ. އެހެން ކަމަށްވާ ނަމަ ރާއްޖޭގެ ވަޒީފާގެ މާރުކެޓަށް ވެސް ކޮންމެ އަހަރަކު އެތައް ސަތޭކަ ބަޔަކު އިތުރުވެގެން ދާނެ އެވެ. މިކަމުގައި ރާއްޖެ އަށް ވުރެ ބޮޑަށް ފައިދާ ވަނީ އެއް ނަޒަރަކުން ބަލާ އިރު ރާއްޖެ އާއި އަވައްޓެރި ޤައުމުތަކަށެވެ. އެ ޤައުމުތަކުގެ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ވުމެވެ. އަދި އެ ޤައުމުތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގެ އިތުރު ދޮރުތަކެއް ވެސް ހުޅުވިގެން ދާތީވެ އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްރީނު ކުރާ ސެންޓަރާ އި، ޤައުމީ ޔުނިވަރސިޓީ އާއި މަސައްކަތްތެރިންގެ ކަންތައް ބެލުމަށް ސަރުކާރުން ހަވާލު ވެފައި އޮތް ވުޒާރާ އާއި ފަތުރުވެރިކަމުގެ ޞިނާޢަތުގެ މަންދޫބުންގެ ޖަމްޢިއްޔާގެ މަންދޫބުން އެއްމޭޒު ދޮށެއްގައި ތިބެގެން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރޭގައި ދިވެހިން ގިނަ ކުރެވޭތޯ މަސައްކަތް ކުރަން ވެއްޖެ އެވެ. މަތީގައި ދެންނެވުނު ހުރިހާ ފަރާތްތަކެއް އެއް މޭޒު ދޮަށެއްގައި ތިބެގެން ނޫނީ މަސައްކަތްތެރިން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ކަނޑައަޅަން އުދަގޫ ވާނެ އެވެ. މިސާލަކަށް ދަންނަވާ ނަމަ ކޮންމެ ރިޒޯޓެއްގައި އިންޖީނުގޭގައި މަސައްކަތް ކުރާ ހަތަރު ވަރަކަށް ބިދޭސީން ތިބޭ ކަމުގައި ވަނީ ނަމަ ރާއްޖޭގެ ހުރިހާ ރިޒޯޓަކަށް މެކަނިކުން ބޭނުންވާ އަދަދާ އި ފެންވަރަށް ބަލާ ލެވިދާނެ އެވެ. އަދި ތަމްރީނުދޭ ސެންޓަރުން ކޮންމެ އަހަރަކު މީހުންނަށް ތަމްރީނު ދެވޭނެ އަދަދާއި ތަމްރީނު ދިނުމަށް ބޭނުންވާ މުއްދަތު ކަނޑައެޅި ދާނެ އެވެ. އަދި ތަމްރީނު ލިބޭ ފަރާތަކީ ކޮންމެ ވެސް ރިޒޯޓަކުން ކޮންމެވެސް ވަރެއްގެ މާލީ އެހީއެއް ދޭ މީހަކަށް ހެދިދާނެ އެވެ. އަދި ތަމްރީނަށް ފަހު އެތަނެއްގައި މަސައްކަތް ކުރުމަށް ޝަރުތު ކުރެވިދާނެ އެވެ. ރާއްޖޭގައި މިހާރު ކަންތައްތައް ހިގަމުންދާ ގޮތަށް ބަލާ އިރު މިފަދަ ތަމްރީނު ހެދުމަށް ބޭނުންވާ މީހުން ހޯދުމަށް އިޢްލާނު ކޮށްގެން މީހުން ނުލިބިދާނެ އެވެ. ފަހަރެއްގައި އަތްފުނާ އަޅައިގެން ވެސް މީހުން ހޯދަން ޖެހިދާނެ އެވެ. ދުރު މާޒީގައި އެހެން ހަދާ ފައިވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ފައުޖު މުޅިން ދިވެހިންނަށް ހެދުމަކީ ނުވަތަ އެ ފައުޖުގައި ދިވެހިން ގިނަ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށް ލަނޑު ދަނޑިއެއް ކަނޑައަޅައި ގެން އިޚްލާޞްތެރިކަމާ އެކު ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ އެވެ. އިޚްލާޞްތެރި ކަމާއެކު ގަދައަޅާ މަސައްކަތް ކުރާނެ މީހުންނަކީ ވެސް މިހާރު ރާއްޖޭގައި އޮތް މާޙައުލުގައި ތަދު ބަޔަކަށް ވެސް ވެދާނެ އެވެ.

ކުރިން މި ދެންނެވުނީ ކޮންމެވެސް މިންވަރެއްގެ މަސައްކަތުގެ ތަމްރީނެއް ނުވަތަ މަސައްކަތަށް ބޭނުން ވާ ޢިލްމު ލިބިގެން މަސައްކަތަށް ނެރެވިދާނެ މީހުންގެ ވާހަކަ އެވެ. ދެން އޮތީ އެންމެ އުނދަގޫ ބައެވެ. އާދައިގެ މަސައްކަތު މީހުންގެ މައްސަލަ އެވެ. އެއްވެސް ތަމްރީނެއް ނުލިބޭ، އާދައިގެ މަސައްކަތް ކުރާ މީހުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިފަދަ މަސައްކަތް ކުރާ ދިވެހިންގެ އަގު ވަރަށް ބޮޑެވެ. އާދައިގެ އަގަކަށް އެމީހުން މަސައްކަތް ކުރަން ބޭނުން ވަނީ ސަރުކާރުގެ ކުންފުނި ތަކަށެވެ. މަސައްކަތައް ފަރުވާ ކުޑަކޮށްގެެން ވެސް، މަސައްކަތައް ނުނުކުމެ އުޅުމުގެ ފުރުޞަތު ބޮޑު ކަމުންނެވެ. އެއިރެއްގައި ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ އެ ހިސާބުން "މަސައްކަތުގެ ދިރިއުޅުން" ހަމަޖެހުނީ އެވެ. ދިވެހިން މަސައްކަތަށް ނުލިބުމުގެ ދަތިކަން ފޫ ބައްދަން އަޅުގަނޑުމެން ނަށް ޖެހެނީ އަވައްޓެެރި ޤައުމުތަކުން ބިދޭސީ މަސައްކަތްތެރިން ގެންނާށެވެ. ކަރާ ދަނޑު ހައްދަން ވެސް ބިދޭސީން ނެވެ. ގޭގައި މަސައްކަތް ކުރަން ވެސް ބިދޭސީން ނެވެ. ދިވެހިން ނުލިބޭތީ ވެ އެވެ. ގިނަ ދިވެހިން ބިދޭސީ މަސައްކަތްތެރިންނާއި މެދު ކަންތައް ކުރަނީ ވަރަށް އިހާނާތްތެރި ކޮންނެވެ. އެއްވެސް ރަޙުމެއް ނެތި އެވެ. ހުޅުމާލެ އަށް ދަތުރު ކުރާ ބަހަށް އަރައި އިންދައި ވެސް ބިދޭސީ މަސައްކަތު މީހުން ބަހުން ބާލާފައި އެބަހުއްޓެވެ. "ކަލެއަށް ނުދެވޭނެ" އޭ ކިޔާ ފައެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތް ހުއްދަ ނެތި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ އަކީ ސަރުކާރުގެ ހިންގުމުގެ ދޯދިޔާ ކަމުން އުފެދުނު މައްސަލަ އެކެވެ. ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ ފަރުވާ ކުޑަކުރުމާއި، ނާޖާއިޒު ފައިދާ ނެގުމާއި އަޅާނުލުމާއި ރެކޯޑުތައް ނުބެލެހެއްޓުމުގެ ސަބަބުން އުފެދުނު މައްސަލަ އެެކެެވެ. ގަވައިދާ ޚިލާފަށް ބިދޭސީން ރާއްޖޭގައި އުޅޭ މައްސަލާގެ ކޮންމެ ކޮޅެއް ވެސް ގޮސް ހުއްޓެނީ ސަރުކާރަށެވެ. ޤަވައިދާ ޚިލާފަށް ބިދޭސީން ރާއްޖެ އަށް އެތެރެވަނީ ކިހިނެއްތޯ އެވެ؟ ރާއްޖެ އިން ބޭރަށް ދަތުރު ކުރާ އާގުބޯޓު ފަހަރުން ކަމަށް ވާނަމަ، އެ މައްސަލަ އަކީ ސަރުކާރުގެ ކަމާއި ބެހޭ އޮފީހުން ބަލަންވާ ވަރަށް ނުބެލިގެން ކުރިމަތިވާ މައްސަލަ އެކެވެ. މަސައްކަތަށް އަންނަ ބިދޭސީން ރާއްޖެ އަށް އެތެރެވަނީ ވައިގެ މަގުން ކަމަށް ވާ ނަމަ، ހުރިހާ ލިޔެ ކިއުންތައް ފުރިހަމަ ނުވެ އެތެރެ ނުވެވޭނެ އެވެ. މިގޮތަށް އެތެރެވާ މީހުން ގެންނަ އޭޖެންޓުގެ އިހުމާލުން އެ މީހަކު ރަށުތެރެ އަށް ދޫވެގެންދާ ނަމަ، އެކަން އެ ހިނގަނީ ވެސް ސަރުކާރުގެ ކަމާ ބެހޭ އޮފީހުގެ އިހުމާލުން ނެވެ. މި ދެންނެވުނު ގޮތަށް އޭޖަންޓަށް ފިލައިގެން، ނުވަތަ އޭޖެންޓު ދޫކޮށްލައިގެން ގަވައިދާއި ޚިލާފަށް މަގުމަތީގައި މަސައްކަތް ހޯދަން ފުރުޞަތު ލިބެނީ ވެސް އެފަދަ ކަންތައް ބަލަހައްޓަން ޖެހޭ، އަދި ހުއްޓުވަން ޖެހޭ، ސަރުކާރުގެ ކަމާ ބެހޭ ފަރާތުގެ އިހުމާލުން ނެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަނީ، އަޅުގަނޑުމެން އާދައިގެ ވިސްނުމެއް ގެންގުޅޭ އާދައިގެ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި ސަރުކާރުގެ އިހުމާލުން ނެވެ. ވަކި ސަރުކާރެއް ނޫނެވެ. މިހާރު މިކަން އޮތް ގޮތުން މި ކަމަށް، އެންމެ ހަލުއި އެންމެ ރަނގަޅު ހައްލެއް ލިބޭނެ ކަމަށް ފެންނަނީ އަވަހަށްޓެރި އިންޑިއާ ސަރުކާރާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮށްގެންނެވެ. ގަވައިދާ އި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ހުއްޓުވުމަށް އެހީތެރިވެ ދިނުމަށެވެ.

comment ކޮމެންޓް